އިންޑިއާގެ މަގުބޫލު އެކްޓަރު އާރް މާދަވަންގެ ހުއްދަނެތި އެކްޓަރުގެ ފޮޓޯ އާއި ނަން ބޭނުން ކުރުން މަނާކުރުމަށްފަހު ނިއު ދިއްލީގެ ހައިކޯޓުން އެކަމާ ގުޅޭ ޚާއްސަ އަމުރެއް ނެރެފިއެވެ.
ދިއްލީ ހައިކޯޓުން މިދިޔަ ހޯމަ ދުވަހު ނެރުނު ކޯޓު އަމުރުގައި ބުނެފައި ވަނީ އާރް މާދަވަންގެ ހުއްދަނެތި ވިޔަފާރީ އުސޫލުން ވެސް އަދި އެހެނިހެން ބޭނުންތަކަށް ވެސް އެކްޓަރުގެ ނަމާއި ފޮޓޯ އަދި އަޑު ބޭނުންކުރުން މަނާ ކަމަށާއި އެ އަމުރާ ޚިލާފުވާ މީހުންނާ މެދު ޤާނޫނީ ފިޔަވަޅު އެޅޭނެ ކަމަށެވެ.
އޭގެތެރޭގައި އޭއައި ޖެނެރޭޓްކޮށް އުފައްދާ ކޮންޓެންޓްތައް ވެސް ހިމެނޭ ކަމަށް ހައި ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

އާރް މާދަވަން ފިލްމު "ދުރަންދާރު"ގެ މަންޒަރެއްގައި--ފޮޓޯ/މިޑްޑޭ
ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދަމުން އަންނަ ފިލްމު "ދުރަންދާރު"ގެ ޚާއްސަ ރޯލަކުން އެންމެފަހުން ފެނުނު އެކްޓަރުގެ ފަރާތުން މި މައްސަލަ ހައި ކޯޓަށް ހުށަހަޅާފައިވާއިރު މާދަވަންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވެސް ވަނީ އެފަދަ ކޮންޓެންޓްތައް ނައްތާލުމަށް ސަޕޯޓަރުންގެ ކިބައިން އެދިފައެވެ.
އޭއައި ޖެނެރޭޓްކޮށް އުފައްދާ ކޮންޓެންޓްތަކާ އެކު ހުއްދަނެތި އެކްޓަރުންގެ ނަމާއި އަޑު އަދި ވީޑިއޯ އާއި ފޮޓޯ ބޭނުންކޮށްގެން އުފައްދާ ކޮންޓެންޓްތަކުގެ ސަބަބުން އެކްޓަރުންގެ ނަމާއި ކަރާމާތަށް ވެސް އޭގެ ނޭދެވޭ އަސަރުކުރާ ކަމަށް މާދަވަންގެ ވަކީލުންގެ ޓީމުން ވަނީ ބުނެފައެވެ.
އަމިއްލަ ނަމާއި ކަރާމާތުގެ ހިމާޔަތުގައި ހައިކޯޓަށް މިފަހުން މައްސަލަ ހުށަހެޅި ފިލްމީ ތަރިންގެތެރޭ އައިޝްވާރިއާ ރާއި، އަބީޝެކް ބައްޗަން، ޖަޔާ ބައްޗަން، ކަރަން ޖޯހަރު އަދި ޖޫނިއަ އެންޓީއާރު ހިމެނެއެވެ.