މީގެ 11 އަހަރު ކުރިން ނަދިއަދުވާލާ ގްރޭންޑްސަންއިން ގެނެސްދިން ފިލްމު "ކިކް"ގެ ސީކުއަލްއިން ބަތަލާ ޖެކްލީން ފެނާންޑެޒް ވަކިނުވާ ކަމަށް އެ ޕްރޮޑަކްޝަންއާ ހަވާލާދީ މީޑިއާތަކުން ބުނެފިއެވެ.
ޖެކްލީން ފިލްމުން ވަކިނުވާ ކަމަށް ރިޕޯޓުތަކުން ބުނެފައި ވަނީ ދާދިފަހުން ބައެއް ނޫސްތަކުން ޖެކްލީންގެ ބަދަލުގައި ފިލްމު "ކިކް 2"އިން ފެންނާނީ ބަތަލާ ކްރިތީ ސެނޮން ކަމަށް ބުނުމާ ގުޅިގެންނެވެ.
ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ ފިލްމު ކުންފުންޏާ ހަވާލާދީ ބޮލީވުޑް ހަންގާމާއިން ބުނެފައި ވަނީ އެ ކުންފުނީގެ ކުރިއަށް އޮތް ފިލްމު "ކިކް 2"އާ ގުޅޭ ގޮތުން ބައެއް މީޑިއާތަކުން ދައްކަމުން އަންނަ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް އެކުލެވިފައި ނުވާ ކަމަށެވެ.

ބަތަލާ ޖެކްލީން އަދި ސަލްމާން ޚާން ފިލްމު "ކިކް"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ
ހަމައެއާއެކު ފިލްމުގެ ކާސްޓުންނަށް ބަދަލު ގެނައުމުގެ މަޝްވަރާތައް ކުރެވެމުންދާ ކަމަށް ވެސް ބައެއް ނޫސްތަކުގައި ލިޔެފައިވާ ކަމަށާއި ނަމަވެސް އެއީ މުޅިން ދޮގު ޚަބަރުތަކެއް ކަމަށް ބޮލީވުޑް ހަންގާމާއިން ވަނީ ބުނެފައެވެ.
ފިލްމު "ކިކް 2" އަކީ ސާޖިދުގެ ޑްރީމް ޕްރޮޖެކްޓެއް ކަމަށާއި އެ ފިލްމަކީ ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައިވާ ފިލްމެއް ކަމަށް ނަދިއަދުވާލާ ގްރޭންޑްސަންއާ ހަވާލާދީ ރިޕޯޓުތަކުން ބުނެފައިވެއެވެ. ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސަލްމާން ޚާން އަދި ބަތަލާ ޖެކްލީން ފެނާންޑެޒް މުހިއްމު ރޯލްތައް ކުޅުނު "ކިކް" އަކީ ސާޖިދު ޑައިރެކްޓްކޮށް ގެނެސްދިން އެކްޝަން ކޮމެޑީއެކެވެ.
މި ފިލްމު އުފައްދަން 140 ކްރޯޑު ރުޕީސް ޚަރަދުކުރިއިރު ފިލްމު ސިނަމާތަކުން ނެގިއިރު ބޮކްސް އޮފީހުގައި ފިލްމަށް ލިބުނު އާމްދަނީގެ އަދަދު 402 ކްރޯޑު ރުޕީސްއަށް ވަނީ އަރާފައެވެ.