މާލެއާއި ހުޅުމާލެ ގުޅުވާލާ ހައިވޭއާ ޖެހިގެން ރޭސިން ޓްރެކެއް ތަރައްގީކުރަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާނުކުރައްވައިފިއެވެ.
"ޔޫތު ކޮފީ ވިތް ޕްރެޒިޑެންޓް"ގެ ނަމުގައި މިރޭ ޒުވާނުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، މާލޭގެ އިތުރުން އައްޑޫ ސިޓީގައި ވެސް ރޭސިން ޓްރެކެއް ތަރައްގީކޮށްދެއްވާނެ ކަމަށެވެ. އޭގެ ތެރެއިން މާލޭގައި އަޅާ ރޭސިން ޓްރެކް އަޅާނީ މާލެ-ހުޅުމާލެ ގުޅުވާލާ ހައިވޭއާ ޖެހިގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި އެ ތަން ކަނޑައަޅައި، އެ މަޝްރޫއު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އާ ހަވާލުކުރަން ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމްއޭސީއެލްއިން އެ މަސައްކަތް ވަރަށް އަވަހަށް ފަށާނެއެވެ.

މާލެ-ހުޅުމާލެ ހައިވޭ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް
ރައީސް ވިދާޅުވި ގޮތުގައި ރޭސިން ޓްރެކެއް، މީހުން ދިރިއުޅޭ ސަރަހައްދެއްގައި ގާއިމުކޮށްފިނަމަ އުނދަގޫތަކަކާ ކުރިމަތިވާނެއެވެ. އެހެންކަމުން އެތަން ތަރައްގީކުރުމަށް އެންމެ ރަނގަޅު ތަނެއްގެ ގޮތުގައި ފެނުނީ ހައިވޭއާ ޖެހިގެން ކަމަށް ރައީސް ވިދާޅުވިއެވެ.
ރޭސިންއަކީ ޒުވާނުންގެ މެދުގައި މަގުބޫލު ކުޅިވަރެކެވެ. އަދި ބައިނަލްއަގްވާމީ ގޮތުން ވެސް ކުރިއަރާފައިވާ ކުޅިވަރެކެވެ.
އެހެންކަމުން އެ ފެންވަރުގެ ރޭސިން ޓްރެކެއް މާލޭއާއި އައްޑޫ އަދި ރާއްޖޭގެ އުތުރުގައި ގާއިމުކުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ކުރިއަށްގެންދިއުމަށް ކަނޑައަޅާފައިވާ, އައިލް އެޑްވެންޗާ ޕާކުގައި ރޭސިން ޓްރެކެއް ގާއިމުކުރުމަށް ނިންމާފައިވެއެވެ.