ރަށްރަށުގައި ހިންގުމަށް ހަމަޖެހިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި އެ ރަށަކާއި ކައިރި ރިސޯޓުތަކުގައި މަސައްކަތްކުރާ ޒުވާނުންނަށް ބޯހިޔާފަހިކަން ފަހިކޮށްދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
"ޔޫތު ކޮފީ ވިތް ޕްރެޒިޑެންޓް"ގެ ނަމުގައި މިރޭ ޒުވާނުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޒުވާނުންނަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އާއިލާއާ ދުރުގައި އުޅެން ޖެހުން ކަމަށެވެ. އެހެންކަމުން އެފަދަ ޒުވާނުން މަސައްކަތްކުރާ ރިސޯޓުތަކާ ކައިރިން ބޯހިޔާވަހިކަން ފޯރުކޮށްދީފިނަމަ އާއިލާއާއެކު ވަގުތު ހޭދަކުރުމަށް ވެސް ފުރުސަތު ލިބޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ މަޝްރޫއުތަކުން ފްލެޓް ދޫކުރާއިރު ވަކި އިންސައްތައެއް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށާއި، ޒުވާނުންނަށް ޚާއްސަ ކުރާނެއެވެ.
ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދެން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޒުވާނުންނަށް [ބޯހިޔާވަހިކަން] ހޯދައިދޭން. އެ ރިސޯޓެއްގެ ކައިރިން ނުވަތަ ޓޫރިޒަމް ޒޯނުތަކުގެ ކައިރީގައި ހުންނަ ބޮޑެތި އާބާދީތަކުގައި ބޯހިޔާވަހިކަމުގެ ޕްރޮކެޖްޓުތައް ހިންގަން. އޭރުން މައިގަނޑު ގޮތެއްގައި މި ހައްލުވެގެން ދަނީ ޒުވާނުންނަށް އެ ޒުވާނެއްގެ އާއިލާއާ ގާތުން ހައުސިން ހޯދުމުގެ ފުރުސަތު، ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު ޒުވާނުންނަށް ބައްދަލުކުރެއްވުން: މަސައްކަތްކުރާ ރިސޯޓާ ކައިރިން ޒުވާނުންނަށް ބޯހިޔާވަހިކަން ފަހިކޮށްދޭނެ ކަމަށް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް
ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޒުވާނުންނަށާއި، އަލަށް އާއިލާއެއް ފަށައިގެން އުޅޭ ޒުވާނުންނަށް ވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި އިސްކަންދިނުމަކީ މި ސަރުކާރުގެ ސިޔާސަތެވެ. އެގޮތުން ރަށްރަށުގެ އިތުރުން މާލެ ސަރަހައްދުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި ވެސް ޒުވާނުންނަށް އިސްކަންދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ޒުވާނުން ބާރުވެރިކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ބޯހިޔާވަހިކަމެވެ. އެހެންކަމުން މި ސަރުކާރުން އެކަމަށް ވެސް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ މިރޭ ޒުވާނުންނަށް ދެއްވައިފައެވެ.
މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން އަލަތު ކައިވެނިކުރާ މީހުންނަށާއި ޒުވާން އާއިލާތަކަށް 250 ފްލެޓު ވަނީ ޚާއްސަކޮށްފައެވެ. އަދި މި މަޝްރޫއުތަކުގެ ތެރެއިން ރިސޯޓު މުވައްޒަފުންނަށް ވެސް ވަނީ ބައެއް ފުލެޓުތައް ޚާއްސަކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މީހަކާ ކައިވެނި ނުކޮށް ހުރި ނަމަވެސް ނުވަތަ ދަރިން ނެތް ނަމަވެސް ޒުވާނުންނަށް ބޯހިޔާވަހިކަން 18 އަހަރު ފުރުމާއެކު ހޯދައިދިނުމަކީ ރައީސް މުއިއްޒު މީގެ ކުރިން ކެމްޕެއިންގެ ތެރޭގައި ވެވަޑައިގެންނެވި ވައުދުފުޅެކެވެ.