އެމްޑީޕީގެ އެތެރޭގައި މާލޭގެ މޭޔަރުކަމުގެ ޓިކެޓަށް އޮތް ވާދަވެރިކަން ބޮޑުވެފައި އޮއްވައި، ވަކި ކެންޑިޑޭޓަކަށް ތާއީދުނުކުރައްވާ ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެއެވެ.
މާލޭގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވާ މިހާރުގެ މޭޔަރު އާދަމް އާޒިމާއި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާ ދެބޭފުޅުންގެ 'ކޯޅުން' މިހާރު އޮތީ ބޮޑުވެފައެވެ. ޕާޓީގެ އެތެރޭގައި ވެސް އެކަމާ ގުޅިގެން ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އޮތީ އުފެދިފައެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަރިސް ބޭފުޅުން އަލީ އާޒިމާ އެކުގައި މަސައްކަތްކުރައްވާއިރު، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ އަރިސް ބޭފުޅުން ފެންނަނީ އާދަމް އާޒިމްގެ ކެމްޕޭނުންނެވެ.
ކަން އެހެން އޮއްވައި ޕާޓީގެ ރައީސް ޝާހިދު ތާއިދުކުރައްވަނީ އަލީ އާޒިމަށް ކަމަށް ރަށު ތެރޭގައި ވާހަކަދެކެވެއެވެ. ނަމަވެސް ޝާހިދު މިރޭ ވަނީ އެކަން ދޮގު ކުރައްވައިފައެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ޕާޓީގެ ރައީސްގެ މަގާމުގައި ހުރެ ވަކި ކެންޑިޑޭޓަކަށް އެތެރޭގެ އިންތިޚާބެއްގައި ތާއީދު ކުރުމަކީ ގަބޫލުކުރައްވާ އުސޫލެއް ނޫން ކަމަށެވެ.
އެފަދައިން ވިދާޅުވެ ޝާހިދު ވަނީ ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. ހަމައެއާއެކު އެމްޑީޕީގެ ޓިކެޓް ކާމިޔާބު ކުރައްވާ ހުރިހާ ބޭފުޅުންނާއެކު ލޯކަލް ކައުންސިލް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށްޓަކައި ހުރިހާ މަސައްކަތެއްކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
"މާތްﷲގެ ހެޔޮ ރަހުމަތްފުޅުން މި އިންތިޚާބު އެމްޑީޕީއަށް ބޮޑުކޮށް ކާމިޔާބު ކުރެވޭނެ،" ޝާހިދު ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މޭޔަރުކަމުގެ ޓިކެޓަށް އެމްޑީޕީގެ ތެރޭގައި ބޮޑު ވާދަވެރިކަމެއް އޮތް އިރު، ރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ވާދަވެރިކަން ވެސް އެހާ ބޮޑެވެ.

ނަޝީދާއި ޑިމޮކްރެޓްސްއަށް މަރުހަބާ ކިޔަން އެމްޑީޕީން ބޭއްވި ޖަލްސާގައި އެމްޑީޕީގެ އިސް ބޭފުޅުން -- ސަން ފޮޓޯ/ މޫސާ ނަދީމް
ޞާލިޙާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް ވަނީ ރިޔާސީ ރޭހަށް ނުކުންނެވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އަދި ޝާހިދު ވެސް އެ ޝައުގުވެރިކަން ގެންގުޅުއްވާއިރު އޭނާ މިހާތަނަށް އިއުލާނެއް ނުކުރައްވައެވެ. ފައްޔާޒާއި ނަޝީދު އެކުގައި މަސައްކަތްކުރައްވާއިރު، ޝާހިދާއި ޞާލިޙް ފެންނަނީ އެކުގައި މަސައްކަތްކުރައްވާ މަންޒަރެވެ.
މިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި ވެސް ޞާލިޙާއި ނަޝީދާ ދެމެދު ޚިޔާލު ތަފާތުވުން ބޮޑުވިއެވެ. އެ ފަހަރުގެ ރިޔާސީ ޕްރައިމަރީގައި ދެ ބޭފުޅުން ވާދަކުރެއްވުމަށް ފަހު، ނާކާމިޔާބުވުމުން ނަޝީދު ވަނީ އެމްޑީޕީ ދޫކުރައްވައި ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފައްދަވާފައެވެ. އެ ޕާޓީން ވަކިން ރިޔާސީ އިންތިޚާބަށް އިލްޔާސް ލަބީބު ނެރުނެވެ. ދެވަނަ ބުރަށް ނުދިއުމުން ވެސް އެ ޕާޓީން އެމްޑީޕީއާ އެއްބައެއް ނުވިއެވެ.
މި ސަރުކާރުގެ ކުރީކޮޅު ނަޝީދު ވަނީ މިއީ އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ސަރުކާރެއް ކަމަށް ވެސް ވިދާޅުވެފައެވެ. އެކަމަކު، ފަހުން އެ ޕާޓީ ދޫކޮށްލެއްވުމަށް ފަހު، ޕާޓީގައި އިސްކޮށް ތިއްބެވި އެންމެން އެމްޑީޕީއާ ގުޅެން ނިންމީ އޭގެ ފަހުން މި އަހަރެވެ.