މި ހަފުތާ ނިމޭއިރު ވެސް މާލެއަށް ވައި ސާފު ނުވާނެ: މެޓް

މާލެ ސަރަހައްދަށް މީގެ ހަފުތާއެއްކުރިން ވައި ނުސާފުވެފައި: މި ހަފުތާ ނިމެންދެން ވައި ނުސާފުވާނެ ކަމަށް މެޓުން ލަފާކުރޭ --- ސަން ފޮޓޯ/ އަހުމަދު އިޔާދު

މާ ބޮޑު ވިއްސާރައެއް ކުރިމަތީ ނެތް ނަމަވެސް، މި ހަފުތާ ނިމެންދެން މާލެ ސަރަހައްދަށް ވައި ނުސާފުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)އިން މިއަދު ލަފާކޮށްފިއެވެ.

'ސަން'އަށް މައުލޫމާތުދެއްވަމުން މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، މި ހަފުތާ ނިމެންދެން ވައި ނުސާފުވާނެ ކަމަށެވެ. ވަކިން ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ރަށްރަށަށް ވައި ނުސާފުވާނެ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

މެދުރާއްޖެތެރޭ ރަށްރަށުގެ ވިޒިބިލިޓީ ދަށް ކަމަށާއި، ވިޒިބިލިޓީ ހުރީ އެންމެ ދެ ކިލޯމީޓަރަށް ކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ.

އޮފިޝަލު ވިދާޅުވީ، މި ހަފުތާގެ ނިޔަލަށް ވައި ނުސާފުވުމުގެ ހާލަތަށް ބަދަަލެއް ނާންނާނެ ކަމަށެވެ.

މެޓުން ބުނީ ވައި ނުސާފުވުން މިއީ މޫސުމީ ކަމެއް ކަމަށެވެ.

އައިކިއު އެއާއިން މިއަދު ދައްކާ ގޮތުގައި މާލޭގެ ވައިގެ ކޮލިޓީ މިއަދު އުޅެނީ 126 ގައެވެ. ވައިގެ ކޮލިޓީ 101 އާއި 150 އާ ދެމެދު, ނުވަތަ "އޮރެންޖު" ކުލައިގައި އުޅެންޏާ ނޭވާލުމުގެ މައްސަލަ ހުންނަ މީހުންނަށް އަސަރުކުރުމަކީ އެކަށީގެންވާ ކަމެކެވެ.

ހަމަ އެހެންމެ އައިކިއު އެއާއިން ދައްކާ ގޮތުގައި މާލެ ސަރަހައްދުގެ ޕާޓިކިއުލޭޓް މެޓާ، ނުވަތަ ކުދި ހިރަފުހާއި ދުމާއި ކެމިކަލްތައް އުޅެނީ 2.5ގެ މިންގަނޑުގައެވެ. މާނައަކީ މާލޭގެ ވައިގައި ދުމާއި ކުނޑިއާއި ހިރަފުސް ފަދަ، ނޭވާލާ ނިޒާމަށް ވަންނަ ބާވަތްތައް ވައިގެ ތެރޭގައި އުޅޭ ކަމެވެ.

ދުމާއި ހިރަފުސް ފަދަ ތަކެތި ނޭވާލާ ނިޒާމަށް ވަންނަލެއް އިތުރު ނަމަ، ސިއްހީގޮތުން ބޮޑެތި އަސަރުތައް ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

މިއަދު މާލޭގެ ވައިގައި ހިރަފުހާއި ދުމާއި ކުނޑި އުޅެނީ ކޮންމެ ކިއުބިކް މީޓަރަކަށް 45.5 މައިކްރޯގްރާމުގައެވެ. އެއީ ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ 9.1 ގުނަ ބޮޑު އަދަދެކެވެ.

ރާއްޖޭގައި އާންމުކޮށް ވައި ނުސާފުވަނީ "ހޭޒް"ގެ ސަބަބުންނެވެ.

"ފޮގް ވުން" އަދި "މިސްޓް" އާ ޚިލާފަށް ހޭޒްއަކީ ވައިގެ ތެރޭގައި ހުންނަ ވަރަށް ކުދި ހިކި ޕާޓިކަލްތަކެކެވެ. ހަމަ ލޮލަށް ނުފެނުނު ކަމުގައިވީ ނަމަވެސް، މި ޕާޓިކަލްތަކުގެ ސަބަބުން ޖައްވު ނުސާފުވެ، ދުރު ފެންނަ މިންވަރު ދަށްވެއެވެ.

ވައި ނުސާފުވުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ސިއްހީ އިދާރާތަކުން އަބަދު ވެސް އިލްތިމާސްކުރެއެވެ. އެގޮތުން، ނުރައްކާތެރި ވަރަކަށް ވައި ނުސާފުވުމުން ނާޒުކު ހާލަތުގައިވާ މީހުންނާއި އެހެން މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަ ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ފާހަގަކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި، ނާޒުކު ހާލަތްތަކުގައިވާ މީހުން ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި މާސްކު އެޅުމާއި، ވައި ނުވަންނަހެން ދޮރުތައް ލައްޕާފައި ބެހެއްޓުމާއި، އެއާ ޕިއުރިފަޔާ ބޭނުންކުރުން ހިމެނެއެވެ.

އެޗްޕީއޭއިން ވަނީ ނާޒުކު ހާލަތުގައިވާ މީހުން ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ފަދަ ކަންކަން މަޑުޖައްސާލަން ވެސް އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް