އެކްސިޑެންޓަށްފަހު ނޯރާގެ ހާލު ރަނގަޅު؛ ސަޕޯޓަރުން ކަންބޮޑުނުވުމަށް އެދެފި

ބޮލީވުޑްގެ ނެށުންތެރިޔާ އަދި ލަވަކިޔުންތެރިޔާ ނޯރާ ފަތެހީ--ފޮޓޯ/ބޮލީވުޑްހަންގާމާ

މިދިޔަ ހޮނިހިރު ދުވަހުގެ ވަގުތެއްގައި އިންޑިއާގެ މުމްބާއީގައި ހިނގި މަގުމަތީ އެކްސިޑެންޓެއްގައި އަނިޔާވި ބޮލީވުޑްގެ ނެށުންތެރިޔާ ނޯރާ ފަތެހީގެ ހާލު ރަނގަޅު ކަމަށާއި ސަޕޯޓަރުން އެކަމާ މާބޮޑަށް ކަންބޮނުވުމަށް މަޝްހޫރު ނެށުންތެރިޔާ އެދެފިއެވެ.

އަމިއްލަ ރަސްމީ އިންސްޓަގްރާމްގެ ސްޓޯރީގައި ކުރި ޕޯސްޓެއްގައި, ދިމާވި އެކްސިޑެންޓާ ގުޅޭގޮތުން ވާހަކަ ދައްކަމުން ނޯރާ ބުނެފައި ވަނީ، ކާރު އެކްސިޑެންޓުވި ވަގުތަކީ ވަރަށް ބޮޑަށް ހިތަށް ބިރުވެރިކަން އިހުސާސްކުރެވުނު ވަގުތުކޮޅެއް ކަމަށެވެ. އަދި އެ ހާދިސާގައި އޭނާގެ ބޮލަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ލިބުނު ކަމަށް ނޯރާ ވަނީ ބުނެފައެވެ.

ދެ ކާރު ޖެހި ހިނގި އެކްސިޑެންޓުގައި ކުރިމަތިން އައި ކާރު ނޯރާގެ ކާރުގައި ޖެހުނުލެއް ބާރު ކަމުން އޭނާގެ ބޯ ކާރުގެ ކުޑަ ދޮރުގައި ވަރަށް ބާރަށް ޖެހުނު ކަމަށާއި އޭގެ ސަބަބުން ކޮންމެވެސް ވަރަކަށް ބޯ ދުޅަވި ކަމަށް ނޯރާ ވަނީ ބުނެފައެވެ.

އެކްސިޑެންޓުގައި ގެއްލުންވި ނޯރާގެ ކާރު--ފޮޓޯ/ބޮލީވުޑްހަންގާމާ

އެ ހާދިސާގައި ބޮލަށް މާ ސީރިއަސް އަނިޔާތަކެއް ނުލިބޭ ކަމަށާއި އެކަމަށްޓަކައި ހެއްދެވި ފަރާތަށް ޝުކުރުވެރިވާ ކަމަށް ވެސް ބަތަލާ ވަނީ ބުނެފައެވެ. އޭނާއަށް މާބޮޑު އަނިޔާ ނުލިބުނުނަމަވެސް ނޯރާ ދަތުރުކުރި އަމިއްލަ ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވަނީ ބުނެފައެވެ.

އެ އެކްސިޑެންޓު ހިނގީ ނޯރާގެ ކާރު އެހެން ކާރެއްގައި ޖެހިގެން ކަމަށާއި އަނެއް ކާރު ދުއްވަން އިނީ މަސްތުގެ ހާލަތުގައި އިން މީހެއް ކަމަށް ބުނެ ނޯރާ ވަނީ އެފަދަ މީހުންނަށް އަމާޒުކޮށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުން ނޯރާ ބުނީ މަސްތުގެ ހާލަތުގައި ހުރެގެން ކާރު ދުއްވުމަކީ އެއްގޮތަކަށް ވެސް ރަނގަޅުކަމެއް ނޫން ކަމަށާއި އަހަރުމެން ދިރިއުޅެނީ 2025ގައި ކަމަށެވެ. އެ އެކްސިޑެންޓު ހިނގީ މެންދުރުފަހު ތިނެއް ޖެހި ފަހުން ކަމަށާއި މަސްތުގެ ހާލަތުގައި ހުރެ އެވަގުތު މަގުމަތީގައި މީހަކު އުޅުމުން ވެސް އެކަމާ ސުވާލު އުފެދޭ ކަމަށް ނޯރާ ވަނީ ބުނެފައެވެ.

ނޯރާގެ ބޮލަށް އެކްސިޑެންޓުގައި ލިބުނު އަނިޔާއިން ރަނގަޅުވުމަށް ވަގުތު ނަގާނެ ކަމަށާއި ނަމަވެސް އޭނާގެ ހާލު ރަނގަޅު ކަމަށް މަޝްހޫރު ނެށުންތެރިޔާ އަދި ލަވަކިޔުންތެރިޔާ ވަނީ ބުނެފައެވެ.

ބޮލީވުޑްހަންގާމާގައި ބުނެފައިވާ ގޮތުން ނޯރާ އެކްސިޑެންޓްވީ މުމްބާއީގައި ކުރިއަށްދިޔަ 'ސަންބާން ފެސްޓިވަލް'ގައި ޕާފޯމް ކުރަން ދިޔަ މަގުމަތީގައެވެ.

އެކްސިޑެންޓް ހިނގިތާ އެއް ދުވަސް ފަހުން ނޯރާ ވަނީ ފްރާންސްގެ މިއުޒިކް ޕްރޮޑިއުސަރު އަދި މަޝްހޫރު ޑީޖޭ ޑޭވިޑް ގުއެޓާއާ އެކު ސަންބާން ފެސްޓިވަލް 2025ގައި ހުށަހަޅާފައިވާ ލަވައިގެ މަންޒަރުތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

comment ކޮމެންޓް