ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަންގެ ކެރިއަރުގެ އެންމެ މަގުބޫލު ފިލްމު ކަމަށްވާ "ދުރިޝްޔަމް" ފްރެންޗައިސްގެ ދަށުން އުފައްދަމުން އަންނަ ފިލްމު ސީރީސްގެ ތިން ވަނަ ބައި އަންނަ އަހަރު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށް ފިލްމު ރިލީޒްކުރާ ތާރީޚު ވެސް އިއުލާނުކޮށްފިއެވެ.
ބޮލީވުޑްގެ އެންމެ މަގުބޫލު ތުރިލާ ސީރީސް ކަމަށްވާ "ދްރިޝްޔަމް"ގެ ޓީމުން އެ ފިލްމުގެ ތިން ވަނަ ބައިގެ ހާއްސަ ޓީޒާއެއް ބެލުންތެރިންނަށް ގެނެސްދިންއިރު ފިލްމު ސިނަމާތަކަށް ގެންނާނެކަމަށް ބުނެފައި ވަނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ ދެ ވަނަ ދުވަހުއެވެ. ފިލްމު "ދްރިޝްޔަމް 3"ގެ ޓީޒާއިން އަޖޭ ވަނީ ބެލުންތެރިންނަށް ވަރަށް ހާއްސަ މެސެޖެއް ވެސް ދީފައެވެ.

އަޖޭ ދޭޥްގަން އަދި އަކްޝޭ ކަންނާ ފިލްމު "ދުރިޝްޔަމް 2"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ
ވޭތުވެދިޔަ ހަތް އަހަރު ދުވަހުގެތެރޭ އެކި މީހުން އަޖޭ ކުޅުނު ކެރެކްޓަ ވިޖޭ ސަލްގައޯންކަރުއަށް އެކި ނަންދީފައިވާއިރު ބައެއް މީހުން ދެކޭ ގޮތުގައި އޭނާ އަކީ ހީލަތްތެރި، މަކަރުވެރި ގާތިލެކެވެ.
ނަމަވެސް އެއީ ދުނިޔޭގެ އާދަ ކަމަށާއި އެންމެފަހު ވަގުތާ ޖެހެންދެން ވެސް އާއިލާއަށް ހިމާޔަތާއި ރައްކާތެރިކަން ހޯދައި ދިނުމަށް އާއިލާގެ ފާރަވެރިއެއްގެ ގޮތުގައި އޭނާ ހުންނާނެ ކަމަށް ފިލްމުގެ ޓީޒާގައި ބުނެފައިވެއެވެ.
އެހެންކަމުން އެ ވާހަކައިގެ އެންމެ ފަހު ތަޅާލުން އަދި އޮތީ ކަމަށާއި އަންނަ އަހަރު ބެލުންތެރިންނާ ބައްދަލުކުރާނެ ކަމަށް ފިލްމުގެ ޓީޒާ ނިންމާލަމުން ވަނީ ބުނެފައެވެ.
ފިލްމު "ދުރިޝްޔަމް"އަކީ މަޅަޔާލަމް ޑައިރެކްޓަރު ޖީތޫ ޖޯސެފް އަމިއްލައަށް ލިޔެ ޑައިރެކްޓްކޮށް ގެނެސްދިން މަޅަޔާލަމް ފިލްމެކެވެ. އެ ފިލްމުގެ ހިންދީ ރިމޭކް ހަމަ އެ ނަމުގައި ގެނެސްދެމުން އަންނައިރު ހިންދީ ރިމޭކްގެ ޑައިރެކްޓަރަކީ ނިޝިކަންތު ކަމަތުއެވެ.
ފިލްމު "ދްރިޝްޔަމް 3" އަކީ އެ ފްރެންޗައިސްއަށް ނިމުން އަންނާނެ ފިލްމު ކަމަށާއި ކުރީގެ ދެ ފިލްމަށްވުރެ ފަހު ފިލްމު މާ ޝައުގުވެރިވާނެ ކަމަށް ޖީތޫ ޖޯސެފް ވަނީ ބުނެފައެވެ.
އިންޑިއާގެ ކެރެލާ އޯޑިއަންސަށް "ދްރިޝްޔަމް3" ބަލާލުމުގެ ފުރުސަތު ލިބޭއިރު ހިންދީ ފިލްމު އޯޑިއަންސަށް "ދްރިޝްޔަމް3" ގެ ރިމޭކް ވެސް ހަމަ އެ ދުވަހު ބަލާލުމުގެ ފުރުސަތު އޭރަށް ލިބޭނެއެވެ.
އަޖޭގެ އިތުރުން ފިލްމު "ދްރިޝްޔަމް"އިން ފެންނާނެ މުހިއްމު ތަރިންގެތެރޭ ބަތަލާ ތައްބޫ، ޝްރިޔާ ސަރަން އަދި އިޝާ ދައްތާ ހިމެނެއެވެ. ހިންދީ ރިމޭކްގެ ދެ ވަނަ ބައި 2022ގައި ގެނެސްދިންއިރު އެ ފިލްމުގެ ވަރަށް މުހިއްމު ރޯލަކުން އަކްޝޭ ކަންނާ ވެސް ވަނީ ފެނިފައެވެ.