އަނީޒް ބަޒްމީގެ ފިލްމަށް އަކްޝޭއާ އެކު ވިދްޔާ

ބަތަލާ ވިދްޔާ އަދި އެކްޓަރު އަކްޝޭ ކުމާރު--ފޮޓޯ/ޓައިމްސްނައު

ޑައިރެކްޓަރު އަނީސް ބަޒްމީއާ އެކު އަކްޝޭ ސޮއިކުރި އާ ފިލްމުގެ ބަތަލާގެ ރޯލްއިން ފެންނާނީ މީގެ ހަ އަހަރު ކުރިން އެކްޓަރާ އެކު މަސައްކަތްކުރި ފިލްމީ ތަރި ވިދްޔާ ބާލަން ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

އަނީސްގެ ފިލްމަކުން އަކްޝޭ ފެންނާނެކަން ރަސްމީކޮށް އިއުލާނުކޮށްފައި ނެތް ނަމަވެސް ދާދިފަހުން އަނީސް މީޑިއާއަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ އަންނަ އަހަރު އަކްޝޭއާ އެކު އާ ފިލްމެއްގެ މަސައްކަތް ފަށާނެ ކަމަށެވެ.

އެ ފިލްމުގެ ސްކްރިޕްޓް ވެސް މިހާރު ނިމިފައިވާއިރު މިއީ އަކްޝޭ އާއި އަނީސް އެކީގައި މަސައްކަތް ނުކުރާތާ 15 އަހަރުފަހުން ކުޅޭ ފުރަތަމަ ފިލްމެވެ.

ބަތަލާ ވިދްޔާ ބާލަން ފިލްމު "ބޫލް ބުލައްޔާ 3'ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ

ނެޝަނަލް އެވޯޑު ހޯދާފައިވާ އިންޑިއާގެ ކުޅަދާނަ ބަތަލާ ވިދިޔާ އަނީސްގެ ފިލްމުން ފެންނާނެ ކަމަށް މީޑިއާތަކުން ބުނެފައިވާއިރު އަކްޝޭއާ އެކު ވިދިޔާ މަސައްކަތްކޮށްފައިވާ ފިލްމުތަކުގެތެރޭ "ބޫލް ބުލައްޔާ"، "ހެއި ބޭބީ" އަދި "މިޝަން މަންގަލް" ހިމެނެއެވެ.

އަނީސްއާ އެކު ވިދިޔާ އެންމެ ފަހުން މަސައްކަތްކޮށްފައި ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ބޫލް ބުލައްޔާ 3"ގައެވެ.

އަންނަ އަހަރު ޝޫޓިންގް ފަށާނެކަމަށް ރިޕޯޓުތަކުން ބުނެފައިވާ އަނީސްގެ ފިލްމަށް އަކްޝޭ ސޮއިކޮށްފައިވާ ކަމަށް ވާހަކަ ދެކެވޭއިރު އަންނަ އަހަރު އަކްޝޭގެ ތިން ފިލްމެއް ރިލީޒްކުރާނެ ކަމަށް ބެލެވެއެވެ.

އެއީ މިހާރު މަސައްކަތް ފަށާފައިވާ ފިލްމު "ހައިވާން"، "ބޫތު ބަންގްލާ" އަދި "ވެލްކަމް ޓު ދަ ޖަންގަލް"އެވެ. އަކްޝޭގެ އެންމެފަހުން ރިލީޒްވި ފިލްމަކީ މި އަހަރުގެ ސެޕްޓެމްބަރު މަހު ރިލީޒްކުރި ފިލްމު "ޖޮލީ އެލްއެލްބީ 3"އެވެ.

comment ކޮމެންޓް