ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު (ފެނަކަ ސައީދު)ގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ، އޭނާ ހަތަރު އަހަރު ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް، އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
ފެނަކަ ސައީދު ހަތަރު އަހަރަށް ޖަލަށްލާން ހުކުމްކުރީ މިދިޔަ ސެޕްޓެންބަރު މަހު ފަހުކޮޅެވެ.
އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރި ނަމަވެސް، ހައިކޯޓަށް އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ވަކިގޮތެއް ނުނިންމައެވެ.
ފެނަކަ ސައީދުގެ މައްޗަށް ހުކުމްކުރީ، އެއްވެސް މަސައްކަތެއް ނުކުރަނީސް، ބްލޭޒަން އިންކް ނަމަކަށް ކިޔާ ކުންފުންޏަކާ އެކު ސެޓްލްމަންޓް އެއްބަސްވުން ހަދައި ފައިސާ ދޫކުރި މައްސަލައިގައެވެ. މި މައްސަލައިގައި ސައީދުގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.
ފެނަކައިގެ ޕްރޮކިއުމަންޓް ވެރިޔަކަށް ހުންނެވި މަރްޔަމް ދީނާ ޞާލިޙުއާއި ސައީދުގެ މައްޗަށް ޑިސެންބަރު 2024 ގައި އެ ދައުވާކޮށްފައިވަނީ 2018 ވަނަ އަހަރު ހިންގި މުއާމަލާތަކާ ގުޅިގެންނެވެ.
ސައީދުގެ މައްޗަށް ހުކުމްކުރި ނަމަވެސް ދީނާގެ މައްސަލަ އޮތީ މަޑު ޖެހިފައެވެ. ހުކުމާ ހަމައަށް މިއީ އެކުއެކީގައި ކުރިއަށް ދިޔަ ދެ މައްސަލައެވެ. އެކަމަކު، މަޑު ޖެހުނު ގޮތަށް އެ މައްސަލަ މާ ބޮޑަކަށް ކުރިއަކަށް ނުދެއެވެ.
ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެފައިވަނީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ފެނަކައާ ގުޅޭ ގޮތުން އެކުލަވައިލި ޚާއްސަ އޮޑިޓް ރިޕޯޓާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުމާއި ނުރުހުން އޭނާއަށް އަމާޒުވެފައި އޮއްވައެވެ. އޭނާގެ މައްޗަށް އިތުރު ދައުވާތަކެއް ވެސް ދައުލަތުން އުފުލާފައިވެއެވެ.