މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކުގެ ޕްލޭނަށް ޚިޔާލު ހުށަހަޅަން ފިޝަރީސް މިނިސްޓްރީން އާންމުންނަށް މިއަދު ހުޅުވާލައިފިއެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި، އެ ޕްލޭނުގެ ތެރެއިން އެކުލަވައިލާނީ، މަސްވެރިކަމުގެ ދާއިރާގައި މިހާރު ހުރި ގޮންޖެހުންތަކަކަށް ހައްލު ހޯދައިދީގެން ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތައް ތަރައްގީކޮށް، ހިންގާނެ ގޮތް ދައްކައިދޭ މަގު ޗާޓެކެވެ.
ފިޝަރީސް މިނިސްޓްރީން އެ ޕްލޭނަށް ޚިޔާލު ހުށަހަޅަން ހުޅުވާލީ، އޮންލައިން ފޯމަކުންނެވެ.
އެ ފޯމަށް ހުށަހަޅާ މައުލޫމާތުތަކަކީ، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކުގެ ތަރައްގީ ބައްޓަން ކުރާނެ ގޮތުގެ ތަޞައްވުރުތައް ކަނޑައެޅުމަށް މުހިންމު މައުލޫމާތަކަށް ވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މަސްވެރިންތަކެއް މަސްދޯންޏެއްގައި: މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކުގެ މާސްޓަ ޕްލޭންނަށް ޚިޔާލު ހުށަހަޅަން ހުޅުވާލައިފި ---- ފޮޓޯ/ މަސްވެރި އިހަވަންދޫ
މި ފޯމު މެދުވެރިކޮށް މީހުން ހުށަހަޅާ ތަޖުރިބާއާއި ވިސްނުންތަކާއި ޚިޔާލުތަކަށް ބިނާކޮށް، ޕްލޭނުގެ އަސާސްތަކާއި ވިސްނުން ކަނޑައެޅުމަށް ފުރުސަތު ފަހިވާނެކަން މިނިސްޓްރީން ފާހަގަކުރިއެވެ.
މިނިސްޓްރީގެ ފޯމު މެދުވެރިކޮށް، މަސްވެރިންނާއި އޮޑިވެރިންގެ އިތުރަށް، އާންމުންނާއި މި ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ވެސް ޚިޔާލު ހުށަހެޅެއެވެ. މިގޮތުން، އެ މީހަކަށް މަސްވެރިކަމުގައި ހުރި ގޮންޖެހުންތަކާއި މަސްވެރިކަމުގެ ސިޔާސަތުތަކާއި ފަރުމަސްވެރިކަމުގެ ދާއިރާގެ އިތުރަށް ކަނޑުގެ ވަސީލަތްތަކާ މެދު ޚިޔާލު ހުށަހެޅެއެވެ.
މަސްވެރިކަމަކީ، ދިވެހީންގެ 'ލޭނާރު' ކަމަށްވާއިރު، އެ ދާއިރާ ކުރިއަރުވަން ވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް މަސްވެރިން ބުނެއެވެ.
މިހާތަނަށް އައިއިރު، އެ މަސްވެރިންގެ ކަންބޮޑުވުންތައް ވެސް ހުރިއިރު، އެކަންކަމަށް ހައްލު ނުލިބޭ ކަަމަށް ބުނެ، ވަރަށް ފަހުން ވެސް، ބޮޑު ކަންނެލި މަސްވެރިން އިހުތިޖާޖު ކުރިއެވެ.