ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިޚާބުގެ ކަންކަން އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ އިންތިޚާބާ ބެހޭ ގަވައިދާ ޚިލާފަށް އިންތިޒާމު ކުރަމުންދާ ކަމަށް ވިދާޅުވެ، މާލޭގެ މޭޔަރަކަށް އެމްޑީޕީ ޓިކެޓު ހޯދުމަށް ވާދަކުރައްވާ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް ޝަކުވާ ހުށަހަޅުއްވައިފިއެވެ.
އޭނާ ޝަކުވާ ހުށަހަޅުއްވާފައި ވަނީ، އެ ޕާޓީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ރައީސް އަހުމަދު އަބްދުﷲ އަފީފަށެވެ.
އާޒިމް ޝަކުވާ ހުށަހެޅުއްވި ސިޓީގައި ފާހަގަކުރައްވާފައި ވަނީ ހަތަރު ކަމެކެވެ.
މިގޮތުން، އެ ސިޓީގައި ވަނީ، ކައުންސިލާއި ޑަބްލިއުޑީސީ އިންތިޚާބަށް އެ ޕާޓީގެ ޓިކެޓުގައި ކުރިމަތިލާން ހުޅުވަލީ މިމަހު 11ގައި ކަމަށްވާއިރު، ޕްރައިމަރީގައި ވޯޓު ލެވޭ މީހުންގެ ދަފުތަރު އޭގެ ކުރީގެ ތާރީޚަކަށް ބަދަލު ކުރުމަކީ އެ ޕާޓީގެ އިންތިޚާބު ތަކާ ބެހޭ ގަވައިދު ތަން ދޭ ކަމެއް ނޫން ކަމަށެވެ.
އެހެންވެ، އެ ޕާޓީގެ އިންތިޚާބުތަކާ ބެހޭ ގަވައިދުގައިވާ ގޮތަށް ޕްރައިމަރީގައި ވޯޓު ލެވޭނީ މިމަހުގެ 11 ވަނަ ދުވަހާ ހަމައަށް އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް އެކަނި ކަމަށް ދެކޭ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމްގެ ކެމްޕެއިން ޖަލްސާގެ ތެރެއިން ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް: ގަވައިދާ ޚިލާފަށް ކައުންސިލް އިންތިޚާބުގެ ކަންކަން އިންތިޒާމު ކުރާ ކަމަށް ވިދާޅުވެ، އާޒިމް ވަނީ ޝަކުވާ ހުށަހަޅުއްވާފައި --- ފޮޓޯ/ ހުސައިން ޝާފިއު
އާޒިމް ވިދާޅުވީ، މިދިޔަ ބުދަ ދުވަހު "އެމްޑީޕީގެ އިންތިޚާބާ ބެހޭ ގަވައިދު 2013" ޝާއިއުކުރިއިރު، ހަތަރު ވަނަ މާއްދާގެ އިބާރާތް ބަދަލުކޮށްފައިވާ ކަމަށެވެ.
މިހާރު އެ މާއްދާގައި ލިޔެފައިވަނީ، އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކުގައި ވޯޓު ލުމުގެ ހައްގު ލިބެނީ ހަމައެކަނި އެމްޑީޕީ މެންބަރުންނަށް ކަމަށެވެ. އެކަމާ ކަންބޮޑުވާ ކަމަށާއި އެގޮތަށް އެކަމެއް ނުކުރެވޭނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.
އިތުރު މައްސަލައަކަށް އޭނާ ފާހަގަކުރެއްވީ، އިންތިޚާބުތަކާ ބެހޭ ގަވައިދާ ޚިލާފަށް އެމްޑީޕީގެ ސެކްރެޓޭރިއެޓަށް ޒިންމާކުރެވިފައިވާ ކަންކަން އިންތިޚާބާ ބެހޭ ކޮމިޓީން ކުރަމުންދާ ކަމަށެވެ.
އޭގެއިތުރުން، އިންތިޚާބުގެ ކަންކަން ބަލައި، ވިލަރެސްކުރުމަށް އެކުލަވާލާފައިވާ އިންތިޚާބާ ބެހޭ ކޮމިޓީގައި މަސްލަހަތު ފުށުއަރާ މެންބަރުން ތިބިކަމަށް އެ ސިޓީގައި ވަނީ ބުނެފައެވެ.
އެ ކަންކަމަކީ ވަރަށް ސީރިއަސްކޮށް ބަލައި، 'އަވަސް ފަރުވާ' ބޭނުންވާ ކަންކަމުގެ ގޮތުގައި އާޒިމް ވަނީ ސިފަކުރައްވާފައެވެ.
އެތެރޭގެ އިންތިޚާބުތަކަކީ ހެދިފައިވާ ގަވައިދުގެ ތެރެއިން ޓްރާންސްޕޭރަންޓުކޮށް، އިންސާފުވެރިކޮށް ބޭއްވޭ އިންތިޚާބުތަކަށް ވެގެން ދިޔުމަކީ އިންތިޚާބުގައި ބައިވެރިވާ ކެންޑިޑޭޓުންނާއި އާންމު މެންބަރުންގެ މަސްލަހަތާ ގުޅިފައިވާ ކަމެއްއަލީ އާޒިމް
އާޒިމްގެ ސިޓީގައި އޭނާ އެދިވަޑައިނެންނެވި ކަންކަމަކީ:
- އެމްޑީޕީގެ އިންތިޚާބުތަކާ ބެހޭ ގަވައިދުގައިވާ ގޮތަށް ޕްރައިމަރީގައި ވޯޓު ލެވޭނީ މިމަހު 11އާ ހަމައަށް އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި އީސީގައި ދަފުތަރުވެފައިވާ މެންބަރުންނަށް ކަމަށް ކަނޑައަޅައިދިނުން
- އެމްޑީޕީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ގަވައިދަކީ ޕްރައިމަރީގައި އަމަލުކުރަން ޖެހޭ ގަވައިދު ކަމަށް ކަނޑައަޅައިދިނުން
- ޕާޓީގެ އަސާސީ ގަވައިދާއި އިންތިޚާބުތަކާ ބެހޭ ގަވައިދުގައި ޕާޓީގެ ސެކްރެޓޭރިއެޓުން ކުރަން ޖެހޭ މަސައްކަތް ކުރަން ޖެހޭނީ އެ މީހުން ކަމަށާއި އެ މަސައްކަތުގައި އެއްވެސް ހާލަތެއްގައި ޕާޓީގެ އެހެން ބަޔަކާ ހަވާލުނުކުރެވޭނެ ގޮތް ހަދައިދިނުން
- ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީއަކީ އިންސާފުވެރި ޕްރައިމަރީއަކަށް ހެދުމަށްޓަކައި އިންތިޚާބާ ބެހޭ ކޮމިޓީއާއި އެ ކޮމިޓީގެ މެންބަރުން އަމަލުކުރުމަށް އަންގައިދިނުމަށް
އާޒިމް ޝަކުވާ ހުށަހެޅުއްވިއިރު، ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީގައި އެމްޑީޕީ ޓިކެޓަށް ވަނީ ވާދަވެރިކަން ބޮޑުވެފައެވެ. އެގޮތުން، އާޒިމް ވާދަކުރައްވާ މާލޭ ސިޓީ މޭޔަރުގެ މޭޔަރު ކަމުގެ ޓިކެޓަށް، މިހާރުގެ މޭޔަރު އާދަމް އާޒިމް ވަނީ ކުރިމަތިލައްވައިފައެވެ.
އޭގެ ތެރެއިން އަލީ އާޒިމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއިދުކުރައްވާއިރު، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ތާއިދުކުރައްވަނީ އާދަމް އާޒިމަށެވެ. އެއާއެކު، ރިޔާސީ އިންތިޚާބާ ދިމާކޮށް ޕާޓީގައި އުފެދުނު ވާދަވެރިކަމާ އެއްގޮތަށް، އަނެއްކާވެސް ވާދަވެރިކަން ވަނީ އުފެދިފައެވެ.
އެހެންނަމަވެސް މިއަދު ޞާލިޙް ވަނީ ނަޝީދާ ވަރަށް އަވަހަށް ބައްދަލުކުރައްވާނެ ކަމަށާއި ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރަން ދެ ބޭފުޅުން އެކުގައި މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.