ނައްތާލަން ބޭނުންވާ އުޅަނދުތަކުގެ ޖޫރިމަނާތައް ހުއްޓަސް، ރަޖިސްޓްރީ ބާތިލު ކޮށްދޭން ފަށަނީ

ބޭނުންނުކޮށް ގިނަ ދުވަސްވީ ކާރެއްގެ އެތެރެ: ނައްތާލަން ބޭނުންވެފައި ހުރި އުޅަނދުތަކުގެ ޖޫރިމަނާތައް ހުއްޓަސް، ރަޖިސްޓްރީ ބާތިލު ކޮށްދޭން ފަށަނީ ---- ސަން ފޮޓޯ

ހަލާކުވެ ނުވަތަ ނައްތާލަން ބޭނުންވެފައި ހުރި އުޅަނދުތަކުގެ ޖޫރިމަނާތައް ހުއްޓަސް، އުޅަނދުގެ ރަޖިސްޓްރީ ބާތިލުކޮށްދޭން ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ނިންމައިފިއެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތައް ބައުވެ ހަލާކުވެ ނައްތާލަން ބޭނުންވާ ހާލަތްތަކުގައި، އުޅަނދުގެ ރަޖިސްޓްރީ ބާތިލްކުރުމާއި އުޅަނދު ނައްތާލުމުގައި ބައެއް މީހުންނަށް ދަތިތައް ދިމާވާ ކަމަށެވެ. އެހެންވެ، އެކަމަށް ލުޔެއް ހޯދައިދޭން ނިންމައިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެގޮތުން، އެ ފަދަ އުޅަނދުތަކުގެ އަހަރީ ފީތަކާއި ޖޫރިމަނާތައް ހުރި ނަމަވެސް، އަންނަ މަހުން ފެށިގެން ރަޖިސްޓްރީ ބާތިލުކޮށްދޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެކަމަކު، އެ އުޅަނދެއްގެ ނުދައްކާ ހުރި އަހަރީ ފީއާއި ޖޫރިމަނާއަކީ ވެރިފަރާތުން ދައުލަތަށް ދައްކަން ޖެހޭނެ އެއްޗެއްކަން ޓްރާންސްޕޯޓު މިނިސްޓްރީން ފާހަގަކުރިއެވެ.

އަމިއްލައަށް އެދިގެން, އުޅަނދު ނައްތާލަން ބޭނުންވާ ފަރާތްތަކަށް މިދިޔަ އަހަރުގެ ނޮވެންބަރު މަހު އެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އެގޮތުން އުޅަނދު ނައްތާލަން އެދި ހުށަހަޅާ ފޯމުގައި، އުޅަނދުގެ ރެޖިސްޓްރޭޝަން ބާތިލުކުރަން ވެސް އެދެން ޖެހެއެވެ.

ފާހަގަކުރެވޭ ގޮތުގައި، ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ހުރި އުޅަނދުތައް މާލޭގެ އެކި މަގުތަކަށް ދޫކޮށްލާފައި ހުރެއެވެ. އެ ކަމުގެ ސަބަބުން މަގުތައް ބޭނުންކުރާ މީހުންނަށް އެތައް ދަތިތަކަކާ ކުރިމަތިލާން ޖެހެއެވެ.

އެ މައްސަލައަށް ހައްލެއް ގެނައުމަށް މިހާރު ވެސް އިދާރާތަކުން އަންނަނީ، ބޭނުންނުކޮށް ގިނަ ދުވަސްވީ އުޅަނދުތައް މަގުތަކުން ނެގުމުގެ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް