އޮސްޓްރޭލިއާގެ މަޝްހޫރު ބޮންޑައި ބީޗުގައި މި މަހުގެ 14 ވަނަ ދުވަހު ބަޑިން ހަމަލާދިން މީހުން، އެ ހަމަލާ ރޭވީ އެތައް މަހެއް ކުރިން ކަމަށާއި، ބަޑި ޖަހަން ފަރިތަ ވެސް ކޮށްފައިވާ ކަމަށް ކޯޓުގެ ލިޔެކިޔުންތަކުން ހާމަވެއްޖެއެވެ.
ޔަހޫދީންގެ ދީނީ ފެސްޓިވަލެއް ކަމަށްވާ، ހަނޫކާ ފާހަގަކުރަމުން ދަނިކޮށް ދިން އެ ހަމަލާގައި 15 މީހުން މަރުވެފައިވާއިރު، ގިނަ ބަޔަކު ޒަޚަމްވިއެވެ.
އެ ހަމަލާ ދިން ކަމަށް ތުހުމަތު ކޮށްފައި ވަނީ ދެބަފައިންނަށެވެ. އެއީ 50 އަހަރުގެ ސާޖިދު ނަވީދާއި 24 އަހަރުގެ ނަވީދު އަކްރަމެވެ. އެ ހަމަލާ ދިން ސަރަހައްދުގައި ސާޖިދާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުމެއްގައި އޭނާ ވަނީ މަރުވެފައެވެ.
ނަވީދު ހައްޔަރުކޮށްފައިވާއިރު، އޭނާގެ މައްޗަށް 59 ދައުވާއެއް އުފުލާފައިވެއެވެ. އޭގެ ތެރޭގައި މަރުގެ 15 ދައުވާ އާއި ޓެރަރިޒަމްގެ ދައުވާއެއް ހިމެނެއެވެ.

ބޮންޑައި ބީޗް ހަމަލާއާ ގުޅޭ ސީސީޓީވީ ފުޓޭޖެއް. ފޮޓޯ/ބީބީސީ
އެ ހަމަލާތަކުން ސަލާމަތްވި މީހުންގެ މައުލޫމާތު ސިއްރު ކުރުމުގެ ގޮތުން ފުލުހުންގެ ފެކްޓް ޝީޓް އާންމުކުރުން ފުރަތަމަ މަޑު ޖެއްސިއެވެ. ނަމަވެސް، ބައެއް ކަންކަން އުނިކޮށް މިއަދު ވަނީ މައުލޫމާތު ހާމަކޮށްފައެވެ.
އާންމުކުރި މައުލޫމާތުތަކުގެ ތެރޭގައި ހަމަލާ ދިނުމުގެ ދުވަސްތަކެއް ކުރިން ހަމަލާދިން ދެ މީހުންގެ ހަރަކާތްތައް ފެންނަ ބައެއް ވީޑިއޯތަކުގެ ތަފުސީލު ހިމެނެއެވެ.
އޭގެތެރެއިން އެއް ވީޑިއޯއަކީ އެމީހުންގެ ތެރެއިން އެކަކުގެ މޮބައިލް ފޯނުން ނަގާފައިވާ ވީޑިއޯއެކެވެ. އޭގައި ފެންނަނީ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ދިދަ ފެންނަ ފޮޓޯއެއްގެ ކުރިމަތީގައި ފިރިހެނަކު އިށީދެ އިންދައި ކަމަށް ފުލުހުންނާ ހަވާލާދީ ބީބީސީން ރިޕޯޓުކޮށްފައިވެއެވެ.
އެ މީހުން އެ ހަމަލާދިން ސަބަބާ ބެހޭ ގޮތުން ވާހަކަދައްކާ އަޑުވެސް އެ ވީޑިއޯގައި އިވޭ ކަމަށާއި، 'ޔަހޫދީންގެ އަމަލުތައް ކުށްވެރިކުރާ' ކަމަށް ބުނާ އަޑު އިވޭ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އޮކްޓޯބަރު މަހު ނަގާފައިވާ ފުޓޭޖުތަކުން އެ ދެ މީހުން ނިއު ސައުތު ވޭލްސްގައި ބަޑި ޖަހަން ފަރިތަކުރާ މަންޒަރު ފެންނަ ކަމަށެވެ.
ހަމަލާ ދިނުމުގެ ދެ ދުވަސް ކުރިން، ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ހަވީރު ނަވީދާއި ސާޖިދު ކަމަށް ބެލެވޭ ދެ މީހުން ބޮންޑައި ބީޗް ކައިރީގައި ކާރުގައި ތިއްބައި ސީސީޓީވީން ފެންނަ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ހަމަލާ ދިން ދުވަހު ސިޑްނީ ގަޑިން ގާތްގަނޑަކަށް މެންދަމު 02:00 ޖެހިއިރު، ސިޑްނީގެ ސަބާބް ކެމްޕްސީގައި އެމީހުން ކުއްޔަށް ހިފާފައިވާ ތަނުން ނުކުމެގެން ދާ މަންޒަރުވެސް ފެންނަ ކަމަށާއި އެ ވަގުތު އެމީހުންގެ އަތުގައި ބްލޭންކެޓްގައި އޮޅާލާފައިވާ ކަމަށް ބެލެވޭ ސާމާނުތަކެއް ހުރި ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

ސީސީޓީވީން ނަގާފައިވާ ސްކްރީންޝޮޓަކުން ފެންނަ ގޮތުގައި ހަމަލާތަކުގެ ގަޑިއެއްހާއިރު ކުރިން ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ވަނީ އެމީހުން ކުއްޔަށް ހިފާފައިވާ އެޕާޓްމަންޓުން ނުކުމެފައި. ފޮޓޯ/ބީބީސީ
އޭގެފަހުން އިއުއޮއްސި ފަހެއް ޖަހަން އުޅެނިކޮށް ކުއްޔަށް ހިފާފައިވާ އެޕާޓްމަންޓުން ނުކުމުގެން 6:50 ހާއިރު ބޮންޑައި ބީޗަށް ގޮސްފައިވާތަން ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށް ފުލުހުން ބުންޏެވެ.
ބަޑިއާއި އައިޑީ ނަގައިގެން ކާރުން ފައިބައިގެން ފުޓް ބްރިޖާ ދިމާއަށް ހިނގާފައި ދާތަން ވިޑިއޯއިން ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އޭގެ ކުޑައިރުކޮޅެއް ފަހުން ބީޗުގައި އެއްވެ ތިބި މީހުންނާ ދިމާއަށް ބަޑިޖަހާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ހަމަލާދިނުމުގެ މަހެއްހާ ދުވަސް ކުރިން އެ ދެމީހުން ވަނީ ފިލިޕީންސްއަށްވެސް ދަތުރުކޮށްފައެވެ.
ނަމަވެސް އެއީ ސީދާ ކޮން ކަމެއް ކުރުމަށް ކަމެއް ފުލުހުން ހާމަކޮށްފައެއްނުވެއެވެ.
ފިލިޕީންސްގެ އިމިގްރޭޝަން ބިއުރޯއިން ބީބީސީއަށް މައުލޫމާތު ދެމުން ބުނީ އެ މީހުން އެ ގައުމުގައި ތިބީ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެ މީހުންގެ އެންމެ ފަހު މަންޒިލަކީ ދެކުނުގެ ސިޓީއެއް ކަމަށްވާ ދަވާއޯ ކަމަށްވެސް އިމިގްރޭޝަންގެ ތަރުޖަމާނަކު ވިދާޅުވިއެވެ.
ނަވީދު ފިލިޕީންސްއަށް ދަތުރުކުރީ އޮސްޓްރޭލިއާގެ ޕާސްޕޯޓެއް ބޭނުންކޮށްގެން ކަމަށާއި، އޭނާގެ ބައްޕަ ސާޖިދު ބޭނުންކުރީ އިންޑިއާގެ ޕާސްޕޯޓެއް ކަމަށް މެނިލާގެ ބޯޑަރު އޮތޯރިޓީއާ ހަވާލާދީ ބީބީސީން ބުނެފައިވެއެވެ. އަދި ސާޖިދަކީ އަސްލު އިންޑިއާގެ ދެކުނުގެ ހައިދަރުއާބާދަށް އުފަން މީހެއް ކަމަށާއި ނަމަވެސް އާއިލާއާ މާބޮޑު ގުޅުމެއް ނޯންނަ ކަމަށް އިންޑިއާގެ ތެލަންގާނާ ފުލުހުން ބުނެފައިވެއެވެ.