އެމެރިކާގެ އިޤުތިޞާދީ ސިޔާސަތަށް އަންނާނެ ކަމަށް ބެލެވޭ ބޮޑެތި ބަދަލުތަކާއި، ދުނިޔޭގެ މަސްރަހުގެ ނުތަނަވަސްކަމާ އެކު ބައިނަލްއަޤްވާމީ ބާޒާރުގައި ރަނާއި ރިހީގެ އަގު މީގެ ކުރިން ދުވަހަކު ވެސް ނުދާހާ މައްޗަށް ޖެހި، ތާރީޚީ އާ ރިކޯޑެއް ގާއިމުކޮށްފިއެވެ.
މާކެޓްގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ސްޕޮޓް ރަނުގެ އަގު ވަނީ 1.2 އިންސައްތަ މައްޗަށް ޖެހިފައެވެ. މި ކުރިއެރުމާ އެކު ރަން އައުންސެއްގެ އަގު ވަނީ 4,391.92 ޑޮލަރަށް އަރައި، މީގެ ކުރިން ރިކޯޑު ކުރެވިފައިވާ 4,381 ޑޮލަރުގެ އަގުގެ ރިކޯޑު މުގުރާލާފައެވެ.

މީގެ ކުރިން ރަނާއި ރިހީގެ އަގުތަކަށް އައިބަދަލު --- ފޮޓޯ: ރޮއިޓާސް
ރަނާ އެއް ހަމައެއްގައި ރިހީގެ އަގު ވެސް ވަނީ އިންތިހާއަށް އުފުލިފައެވެ. އެގޮތުން، ރިހީގެ އަގު 2.7 އިންސައްތަ އުފުލި، އައުންސެއްގެ އަގު ވަނީ 69.23 ޑޮލަރަށް އަރާފައެވެ. މިއީ ރިހީގެ ތާރީޚުގައި ވެސް މިހާ މައްޗަށް އަގުތައް ދިޔަ ފުރަތަމަ ފަހަރެވެ.
މި މައުދަންތަކުގެ އަގު އުފުލެން މެދުވެރިވި މައިގަނޑު ސަބަބަކީ އެމެރިކާގެ ފެޑެރަލް ރިޒާވް (ފެޑް)ގެ ނިންމުންތަކަށް ކުރެވޭ އުންމީދުތަކެވެ. އެމެރިކާގެ ވަޒީފާގެ ބާޒާރު މަޑުޖެހި، އިންފްލޭޝަން ކޮންޓްރޯލް ކުރެވިފައިވާކަމުގެ ނިޝާންތައް ފެންނަމުންދާތީ، 2026 ވަނަ އަހަރުގެ ތެރޭގައި ފެޑެރަލް ރިޒާވުން މަދުވެގެން ދެ ފަހަރެއްގެ މަތިން އިންޓަރެސްޓް ރޭޓް ކުޑަކުރާނެ ކަމަށް ޓްރޭޑަރުން މިހާރު ލަފާކުރެއެވެ.
އާންމު ގޮތެއްގައި އިންޓަރެސްޓް ރޭޓް ދަށްވުމަކީ ރަން ފަދަ އިންޓަރެސްޓް ނުލިބޭ، ނަމަވެސް އަގު ހިފެހެއްޓޭ މުދަލުގެ ޑިމާންޑް ބޮޑުވެ، އޭގެ އަގު މައްޗަށްދާ ކަމެކެވެ. އެހެންކަމުން ޑޮލަރުގެ އަގު ދަށްވެ، ބޮންޑް ފަދަ ތަކެތިން ލިބޭ ފައިދާ ކުޑަވުމުން އިންވެސްޓަރުންގެ މިސްރާބު ރަނަށް ހުރީ ކަމަށް މުހައްލިލުން ދެކެއެވެ.
މީގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ޖިއޯޕޮލިޓިކަލް ނުތަނަވަސްކަމުގެ ސަބަބުން، މާލީ ބާޒާރުގެ ޔަޤީންކަން ކުޑަވެފައިވުމަކީ ވެސް އަގުތައް އުފުލުމަށް މެދުވެރިވި ސަބަބެކެވެ.
މިފަދަ ދަނޑިވަޅުތަކުގައި އިންވެސްޓަރުން އަބަދު ވެސް އިސްކަންދެނީ ރައްކާތެރި އިންވެސްޓްމަންޓެއްގެ ގޮތުގައި ރަނާއި ރިހި ފަދަ މައުދަންތައް ޚިޔާރުކުރުމަށެވެ.
އިޤުތިޞާދީ މާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި، ރަނާއި ރިހީގެ އަގު މިހާ ބޮޑަށް އުފުލުމަކީ ދުނިޔޭގެ އިޤުތިޞާދީ ހާލަތަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަމުގެ އިޝާރާތެކެވެ. އަދި، ޚާއްޞަކޮށް ރިހީގެ އަގު އުފުލުމަކީ ސިނާޢީ ބޭނުންތަކަށް އޮތް ޑިމާންޑްވެސް ރަނގަޅުވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށް ބެލެވެއެވެ.
ރަނާއި ރިހީގެ އަގު އުފުލުމުން ޒަކާތުގެ ނިޟާބު ރާއްޖެއިން ވެސް އިއްޔެ ވަނީ ބަދަލުކޮށްފައެވެ. އިއްޔެއިން ފެށިގެން ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ 19،527.90 ރުފިޔާއެވެ. އެއީ, މީގެ ހަތަރު މަސް ކުރިން ނިޞާބު ކަމަށް ކަނޑައެޅި 11،191.95 ރުފިޔާއަށް ވުރެ 8،335.95 ރުފިޔާ އިތުރު އަދަދެކެވެ.
އެ ބޮޑު ބަދަލު އައީ ބައިނަލްއަގުވާމީ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އައި ބޮޑު ބަދަލުގެ ސަބަބުންނެވެ.