އަންނަ އަހަރުގެ މާޗް މަހު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައިވާ ފިލްމު "ޓޮކްސިކް- އަ ފެއަރީޓޭލް ފޯ ގްރޯން - އަޕްސް"ގައި ބަތަލާ ކިއާރާ އަދުވާނީ ކުޅޭ ކެރެކްޓާ ދައްކާލައިފިއެވެ.
ކިއާރާ ކުޅޭ ކެރެކްޓާގެ ފަސްޓްލުކް ޕޯސްޓަރު ދައްކާލިއިރު ބަތަލާ ފިލްމުގައި ފެންނާނީ 'ނާދިއާ' ނަމަކަށް ކިޔާ ކެރެކްޓާއަކުން ކަމަށް ވަނީ ބުނެފައެވެ. ވަރަށް ތަފާތު ލުކްއެއްގައި ކިއާރާ ފެންނައިރު މިއީ މީގެކުރިން ބަތަލާ ސްކްރީނުން ފެނިފައިނުވާފަދަ ކެރެކްޓާއެއް ކަމަށް ފިލްމީ ޚަބަރުތަކުން ވަނީ ބުނެފައެވެ.
ފިލްމު "ޓޮކްސިކް" އަކީ މަޝްހޫރު ކަންނާޑާ ފިލްމު "ކޭޖީއެފް"ގެ އެކްޓަރު ޔަޝް ލީޑް ރޯލް ކުޅޭ ފިލްމެކެވެ. ޔަޝް ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާ މި ފިލްމުގެ ކާސްޓުންގެތެރޭ ނަޔަންތާރާ، ތާރާ ސުތާރިއާ، ހުމާ ޤުރައިޝީ، ރުކްމަނީ ވަސަންތު، ޓޯވިނޯ ތޯމަސް އަދި އަކްޝޭ އޮބްރޯއި ފަދަ ތަރިން ހިމެނޭ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. ނަމަވެސް މިހާތަނަށް މި ތަރިން ފިލްމުގައި ކުޅޭ ކެރެކްޓާއާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ޔަޝް ފިލްމު "ޓޮކްސިކް"ގައި ކުޅޭ ކެރެކްޓާ ދައްކާލި ފަސްޓްލުކް ޕޯސްޓަރު--ފޮޓޯ/ފިލްމުފެއަ
ވަރަށް ވަރުގަދަ ޕީރިއަޑް ގޭންގްސްޓާ ފިލްމެއް ކަމަށްވާ "ޓޮކްސިކް" އަންނަ އަހަރުގެ މާޗް މަހުގެ 19 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާއިރު މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައި ވަނީ ކަންނާޑާ ބަހުންނާއި އިނގިރޭސި ބަހުންނެވެ.
ނަމަވެސް ފިލްމު ހިންދީ ބަހުން ޑަބްކޮށް ހިންދީ ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކަށް ގެނެސްދޭނެ ކަމަށް ވެސް "ޓޮކްސިކް"ގެ ޕްރޮޑަކްޝަން ޓީމާ ހަވާލާދީ މީޑިއާތަކުން ވަނީ ބުނެފައެވެ.
މި ފިލްމުވާނީ ބަތަލާ ކިއާރާ އަލަތު ދަރިފުޅު ވިހެއުމަށްފަހު ބެލުންތެރިންނަށް ފެންނާނެ ފުރަތަމަ ފިލްމަށެވެ. ކިއާރާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މި އަހަރުގެ އޮގަސްޓް މަހު ރިލީޒްކުރި ވައިއާރްއެފްގެ ސްޕައި ޔުނިވާސްއިން ގެނެސްދިން ފިލްމު "ވޯ 2"އިންނެވެ.