ފިލްމު 'ސައްޔާރާ'ގެ ބަތަލާ އަނީތުގެ ދެވަނަ ފިލްމަށް ލަކްޝްޔަ

އަނީތު ޕައްޑާ އަދި އެކްޓަރު ލަކްޝްޔަ ލަލްވާނީ--ފޮޓޯ/ޕިންކްވިލާ

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދި ބޮލީވުޑްގެ ފިލްމު "ސައްޔާރާ"ގެ ބަތަލާ އަނީތު ޕައްޑާގެ ދެވަނަ ފިލްމުގެ ރޯލެއް އެކްޓަރު ލަކްޝް ލަލްވާނީއަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ލަކްޝްއަށް ހުށަހަޅާފައިވާ މި ފިލްމަކީ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސްގެ ހޮރޯ ކޮމެޑީ ސްޓޫޑިއޯއިން އުފައްދާ "ޝަކްތީ ޝާލިނީ"ގެ ނަމުގައި އުފައްދާ ފިލްމެކެވެ. އަންނަ އަހަރު ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައިވާ މި ފިލްމު އިއުލާނުކުރީ ދާދިފަހުން މެޑޮކްގެ ހޮރޯ ކޮމެޑީ ސްޓޫޑިއޯއިން ގެނެސްދިން "ތާމާ" ސިނަމާތަކުގައި ރިލީޒްކުރިއިރެވެ.

ފިލްމީ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ލަކްޝް ފ"ޝަކްތީ ޝާލިނީ"ގައި ފެންނާނީ ބަތަލުގެ ގޮތުގައެވެ. މި ފިލްމު އިއުލާނުކުރިއިރު އަނީތު ފިލްމުގައި ބަތަލާގެ ރޯލްއިން ފެންނާނެކަން ވެސް ވަނީ ކަށަވަރުވެފައެވެ. ފިލްމު "ޝަކްތީ ޝާލިނީ" ރަސްމީކޮށް އިއުލާނުކުރުމާ ހަމައަށް އެ ފިލްމުގެ ބަތަލާގެ ރޯލްއިން ފެންނާނީ ފިލްމީ ތަރި ކިއާރާ އަދުވާނީ ކަމަށް މެޑޮކްއިން އައީ ބުނަމުންނެވެ. އަދި އަނީތު ފިލްމުން ފެންނާނެ ކަމަށް ދެކެވުނު ގިނަ ޚަބަރުތަކަށް ޕްރޮޑިއުސަރު ދިނޭޝް އޭރު ދިޔައީ އިންކާރު ކުރަމުންނެވެ.

ލަކްޝް ބޮލީވުޑަށް ތަޢާރަފްވި ފިލްމު "ކިލް"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ

ނަމަވެސް އަނީތު "ޝަކްތީ ޝާލިނީ"ގެ ބަތަލާގެ ރޯލްއިން ފެންނާނެކަން ރަސްމީކޮށް އިއުލާނުކުރީ ބަތަލާ ކިއާރާ އަދުވާނީއަށް ފިލްމަށް ވަގުތު ދެވެން ނެތްކަން ޔަގީންވެ ކިއާރާ ފިލްމު ދޫކޮށްލުމުން ކަމަށް ބެލެވެއެވެ.

ފިލްމު "ކިލް"އިން ބޮލީވުޑަށް ތަޢާރަފްވި އެކްޓަރު ލަކްޝް ލަލްވާނީ އަކީ މިވަގުތު ފިލްމު އިންޑަސްޓްރީގެ އެންމެ ޑިމާންޑު އޮތް ޒުވާން އެކްޓަރުންގެތެރޭ ހިމެނޭ ފިލްމީ ތަރިއެކެވެ. ޓެލެވިޒަން ދާއިރާ ފަތަހަ ކުރުމަށްފަހު ފިލްމީ ދާއިރާއާ ގުޅުނު ލަކްޝް "ކިލް"ގައި ދެއްކި މޮޅު އެކްޓިންގްއާ އެކު އޭނާއަށް ބޮލީވުޑްގެ ގިނަ ފުރުސަތުތަކެއް ވަނީ ފަހިވެފައެވެ.

ލަކްޝް އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ނެޓްފްލިކްސްއިން ގެނެސްދިން "ދަ ބޭޑްސް އޮފް ބޮލީވުޑް"އިންނެވެ.

comment ކޮމެންޓް