އަންނަ ދިރާސީ އަހަރުން ފެށިގެން، ގުރޭޑު 10އިން ދަށުގެ ދަރިވަރުންނަށް ސްކޫލަށް ފޯނު ގެންދިޔުން މަނާވާނެ ކަމަށާއި، ގުރޭޑު 11އާއި 12ގައި ކިޔަވާ ކުދިންގެ ފޯނު ކިޔަވާ ގަޑީގައި، ލޮކަރުގައި ބާއްވަން އަންގާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ސްކޫލުތަކުގައި ކުޑަކުދިން ފޯނު ބޭނުންކުރުމުގެ މައްސަލަ ވަރަށް ބޮޑުވެފައިވާ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ އަންނަ ޖަނަވަރީ މަހުގެ 27ގައި އާ ދިރާސީ އަހަރު ފެށޭއިރު، ގުރޭޑު 10އިން ދަށުގެ ދަރިވަރުން ސްކޫލަށް ފޯނު ގެންދިޔުން މަނާވާނެ ކަމަށާއި އެކަން ވަރަށް ހަރުކަށިކޮށް ބަލާނެ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު: ސްކޫލް ގަޑީގައި ގުރޭޑު 10އިން ދަށަށް ފޯނު މަނާކޮށް، 11، 12ގެ ކުދިންގެ ކުލާސް ގަޑީގައި ފޯނު ލޮކަރަށް ލާން އަންގާނެ ކަމަށް ރަައީސް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް
"ގްރޭޑު 11އާއި 12ގެ ދަރިވަރުންނަށް ފޯނު ގެންދެވޭނެ، އެހެންނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ހޯއްދަވައި ދެއްވާނެ ލޮކާ ސިސްޓަމެއް، ސްކޫލުތަކުގައި ކްލާހުގައި ބަހައްޓަވާނެ އެ ލޮކާ ސިސްޓަމް، ބެހެއްޓީމައި ކުލާސް ގަޑީގައި އެއްވެސް ކުއްޖަކު ފޯނެއް ބޭނުމެއް ނުކުރެވޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
އެ ގުރޭޑުތަކުގެ ދަރިވަރުން، ކުލާސް ގަޑީގައި ފޯނު ބާއްވަން ވާނީ ލޮކަރުގައި ތަޅުލާފައި ކަމަށް ރައީސް ވިދާޅުވިއެވެ.
އެ ކުދިންނަށް ފޯނު ބޭނުންކުރެވެން ޖެހޭނެ، ކްލާސް ނިމިގެން އިންޓަވަލް ޕީރިއެޑް ވެސް އަންނާނެ، ހަމަ ފްރީ ޕީރިއެޑްތައް ވެސް އަންނާނެ، އެހެންވީމަ އެ ކުދިންގެ އުމުރާ ގުޅޭ ގޮތުން ބަލާއިރުގައި، އެގޮތަށް ލިބެން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން
ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް އެހެން ވިދާޅުވިއިރު، ދަރިވަރުންގެ އަޚުލާގީ ގިނަ މައްސަލަތަކެއް، ސޯޝަލް މީޑިއާގައި ފޮޓޯއާއި ވީޑިއޯއާއެކު ތަކުރާރުކޮށް ދައުރުވެއެވެ.