ކުއްޖެއްގެ ފޮޓޯ ޖަހައި، ގޯނާކުރަން ހިތްވަރު ދިނުން: "ދަރިއަކު ކަރުނަ އެޅީމައި، މައެއްގެ އަޑެއް ނުކެނޑުވޭނެ"

ރޭޕްއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާގެ ތެރެއިން: -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިވެނީ ކެކުޅުމާއި ޝަކުވާ އަޑެވެ. ކަންބޮޑުވުންތަކާއި ރުއިމުގެ އަޑެވެ. މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް އެދި އާދޭސް ކުރާ މަންޒަރު ފެނެއެވެ. މިއީ، ރައްޔިތުންނާ ބައްދަލު ކުރައްވަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ބާއްވަވާ ބައްދަލުވުންތަކުން އިވޭ ބައެއް އަޑުތަކެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ރައީސް މުއިއްޒު ރޭ ބޭއްވެވި ބައްދަލުވުމުގައި ގިނަ ބަޔަކަށް ސިހުން ގެނުވި ވާހަކައެއް، ކުޑަކުއްޖެއްގެ މަންމަ ކިޔައިދިނެވެ.

"ތޭވީސް އޮގަސްޓު ވަނަ ދުވަހުގެ ރޭ ސޯޝަލް މީޑިއާގައި ވަނީ 13 އަހަރުގެ އަންހެން ކުއްޖަކު ވިއްކަން އިއުލާން ކުރެވިގެން ގޮސްފައި، އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރުމަށް ބޭނުންވާ މީހުން ޖިންސީ ގޯނާ ކުރުމަށް ގޮވާލައި، ފާޅުގައި ދައުވަތު ދިޔަކަން އަޅުގަނޑު ފާހަގަކޮށްލަން. މިއަދު އައިސް ހުއްޓިފައި މިހިރީ ދަރިފުޅުގެ މަންމަ، ވާހަކަދައްކަން،" އެ އަންހެން މީހާ ކިޔައިދިނެވެ.

https://sun.mv/210471

އެފަދަ މަންޒަރެއް ބަލަން ކެތްވާނީ ކޮން މަންމައަކަށް ހެއްޔެވެ؟ އެ ޝަކުވާ ހިފައިގެން އެ މަންމަ ނުދާ އިދާރާއެއް ނެތެވެ. މައްސަލަ ހުށަނާޅާ މުއައްސަސާއެއް ނެތެވެ. އެކަމަކު، މި އަމަލު ހިންގި މީހާއަށް އަދަބު ދެވޭ ތަނެއް އޭނާއަކަށް ނުފެނެއެވެ.

އެ މައްސަލައިގައި، މިދިޔަ މަހުގެ 26ގައި ފުލުހުން ބުނީ، ތުހުމަތު ކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް، ބަންދު ޖަހަން ކޯޓަށް ނުގެންގޮސް ދޫކޮށްލީ ކަމަށެވެ. އޭނާ ދޫކޮށްލި ސަބަބެއް ފުލުހުން ހާމަނުކުރެއެވެ.

"ތަކުރާރުކޮށް، ކުށްވެރިޔާ ހައްޔަރުކޮށްފައި. އެތައް ފަހަރެއްގެ މަތިން ދޫކޮށްލާފައިހުރިކަން ފާހަގަކުރަން. މި ކުށްވެރިޔާގެ ކުށުގެ ރެކޯޑަށް ބަލާއިރު، 50 އަށްވުރެ ގިނަ ކުށުގެ ރެކޯޑު އެބައޮތް،" އެ މަންމަ ރައީސަށް ކިޔައިދިނެވެ.

ހުޅުމާލެ ރައްޔިތުންނާ ބައްދަލުކުރުމަށް ރައީސް ބޭއްވެވި ބައްދަލުވުމުގެ ތެރެއިން ---- ފޮޓޯ/ ރައީސް އޮފީސް

އޭނާ ބުނީ، ޓިކްޓޮކްގައި އޭނާގެ ދަރިފުޅު ވިއްކަން އިއުލާނުކުރި "ކުށްވެރިޔާ" އިތުރު އެހެން ކުދިންތަކަކަށް ވެސް ޖިންސީ ގޯނާ ކުރުމަށް ގޮވާލާފައިވާ ކަމަށެވެ. އެވަރުން ވެސް އެ ކުށްވެރިޔާއާ ދޭތެރޭ ފިޔަވަޅު އަޅާ ތަނެއް ނުފެންނަ ކަމަށް އޭނާ ބުންޏެވެ.

އެއަށްފަހު އޭނާ ފާހަގަކުރީ، ރައީސްގެ ދަރިކަލުންގެ ކަރާމާތަށް އަރައިގަތް ކަމަށް ބުނެ، އެ މަނިކުފާނުގެ އާއިލާއިން ކޯޓަށް ވަޑައިގަތް ކަމެވެ. އެގޮތުން، ރައީސްގެ ދަރިފުޅަކަށް މީހަކު "ދެރަބަހެއް" ބުނުމުން އެ މައްސަލަ ބާރު ސްޕީޑުގައި ފެމިލީ ކޯޓާއި އެހެން ކޯޓުތަކުން ނިންމި ތަން ފެނުނު ކަން އޭނާ ފާހަގަކުރިއެވެ.

"އަންހެނަކަށް އަނިޔާވެގެން އެ މީހަކު ރޮއެލާފަ އަޑު ކެނޑިގެން ހިނގައިދާނެ. ކޮއްކޮއަކަށް ކަމެއް ވެގެން އެ ރުއިމުގެ އަޑު ކެނޑިގެން ހިނގައިދާނެ. ދަރިއެއްގެ ލޮލުން ކަރުނަ ވެއްޓުނީމަ މައިމީހާގެ އަޑެއް ނުކެނޑުވޭނެ. އެ ކަރުނައަކީ ދުނިޔެ އުމުރު އަޅާނެ އެއްޗެއް،" ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އިސްވެ ހުންނަވައި، ކޯޓަށް ވަޑައިގަތުމަށް ތާއިދުކޮށް އޭނާ ބުންޏެވެ.

އެއަށްފަހު، އޭނާ ސުވާލު އުފެއްދީ، ރައީސްގެ ދަރިކަލުންނެކޭ އެއްގޮތަށް އެހެން މީހުންގެ ދަރިންގެ މައްސަލަތައް ބާރު ސްޕީޑުގައި ނުގެންދެވެނީ ކީއްވެތޯއެވެ. އަދި، ތުހުމަތުކުރެވޭ ކުށްވެރިޔާ މިނިވަންކަމާ އެކީ ދޫކޮށްލާފައި ހުންނަނީ ކީއްވެތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ.

އަޅުގަނޑުގެ ސުވާލަކީ ކީއްވެގެންތޯއޭ އެހެން މީހުންގެ ދަރިން، ދަރިންނަށް ނުވެގެން މި އުޅެނީ، އެހެން މީހުންގެ ދަރިންނާ ދޭތެރޭގައި މިވަރުގެ ބޮޑު ކަމެއް ހިނގައިގެން ދާއިރުގައި ސްޕީޑު ބާރު ގޮތެއްގައި ގޮސް ފިޔަވަޅު ނޭޅިގެން މިއުޅެނީ، އަދި މިނިވަންކަމާއެކު މި ކުށްވެރިޔާ ދޫކޮށްލާފައި ހުންނަނީ ކީއްވެގެންތޯއޭ
ކުއްޖާގެ މަންމަ

ތުހުމަތުވާ މީހާގެ ފޮޓޮއެއް ދައްކައި، އޭނާ ވީ އެންމެ އަވަހަކަށް ހައްޔަރުކޮށްދިނުމަށް އެ މަންމަ ވަނީ އެދިފައެވެ.

އެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެ މައްސަލައިގައި ހިމެނޭ މީހާ ދޫކޮށްލާފައި ހުރި ކަމުގެ މައުލޫމާތު މީޑިއާއިން ފެނުމާއެކު، އެ މައްސަލައިގެ ތަހުގީގާ ގުޅޭ މައުލޫމާތު ހޯއްދެވި ކަމަށެވެ.

އެ ވަގުތު އެ މީހާ ދޫކޮށްލާފައި ހުރި ނަމަވެސް އޭނާ ހައްޔަރުކޮށް, އޭނާގެ މައްޗަށް ވަނީ ތަހުގީގު ކުރިއަށްގެންގޮސްފައި ކަމަށް ރައީސް ވިދާޅުވިއެވެ.

"މިހާރު ޖިނާއީ ދައުވާ ކޮށްފައި އަދި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ވެސް މިހާރު ވަނީ ބޭއްވިފައި," ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކުޑަކުދިންނަށް އެކި ގޮތްގޮތުން ލިބޭ އަނިޔާއާއި ފުރައްސާރައިގެ މައްސަލަތަކަކީ އެ މަނިކުފާން ވަރަށް އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އެކަމުގައި އެއްވެސް މީހަކު، ވެސް އަދި އެއްވެސް ކުއްޖަކު ތަފާތެއް ނުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންވީމަ ސަރުކާރުގެ ފަރާތުން އަޅުގަނޑުމެންގެ މިކަމުގެ ތެރޭގައި ނެތް އެއްވެސް ކަހަލަ އިހުމާލެއް ވެފައެއް އެހެންވީމަ މިހާރު އެ މައްސަލަ އެދަނީ ކޯޓުގައި ހިނގަމުން ފުރަތަމަ އަޑުއެހުން ވެސް އެވަނީ އިއްވިފައި" ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ކުއްޖެކޭ އެހެން މީހެއްގެ ކުއްޖެކޭ މިކަމުގައި އަޅުގަނޑުމެން ތަފާތެއް ނުކުރާނަން، އަދި، އަޅުގަނޑުގެ އަންހެނުން ވެސް ތަފާތެއް ނުކުރާނެ، އެހެންވީމަ މިގޮތަށް އެއްވެސް ކަމެއްގައި އިމޯޝަނަލީ ވިޔަސް ކަންކަން އޮންނަ ގޮތް، އަޅުގަނޑު ހިތުން ނޭނގި އޮވެއްޖެއްޔާ އެ ވިދާޅުވާ ކަމަކާ ގުޅޭ ގޮތުން ފަހަރެއްގައި އޮޅުން އަރައިފާނެތީ އަޅުގަނޑު މިކަން މި ދަންނަވާލީ,"

ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ހިނގާ މިންވަރަށް ބަލާއިރު، ރިޕޯޓުކުރާ މިންވަރު މަދެވެ. ނަމަވެސް އެފަދަ މައްސަލަތައް ރިޕޯޓުކުރާ މިންވަރު ވެސް އިތުރުވަމުން އަންނަ ކަމަށް ތަފާސްހިސާބުން ދައްކައެވެ.

comment ކޮމެންޓް