ބުނި 3 ތާރީޚުގައި ވެސް މާލީ ހިސާބު އާންމު ނުކުރެވި، އެމްޓީސީސީން އަނެއްކާ ވެސް އިތުރު ވަގުތަށް އެދިއްޖެ

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި، އެމްޓީސީސީ އެމްޑީ ސައުދީ --

އެންމެ ބޮޑު ސަރުކާރު އެއް ކުންފުނިކަމަށްވާ އެމްޓީސީސީން އެ ކުންފުނީގެ ތިންވަނަ ކުއާޓަރުގެ ހިސާބުތައް އިއްޔެއަށް އާންމުކުރާނެ ކަމަށް ބުނި ނަމަވެސް، ނުކުރެވި އިތުރު މުއްދަތަށް އެދިއްޖެއެވެ.

އޮކްޓޯބަރު 31ގެ ކުރިން ސަރުކާރު ކުންފުނިތަކުން ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ހާމަކުރަން ޖެހެއެވެ. އެ ކަމަކު އެ މުއްދަތުގައި ވެސް އެކަން ނުވުމުން ފުރަތަމަ ބުނީ މިދިޔަ މަހު 10ގައި އާންމުކުރާނެ ކަމަށެވެ. އެ ދުވަހު އެ ކަން ނުވުމުން ދެން ބުނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ކުރިން ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ޢާންމުކުރާނެ ކަމަށެވެ.

ނަމަވެސް އެ މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް އެކަން ނުވެ، އެ ކުންފުނިން އެދުނީ އިއްޔެއާ ހަމައަށް ވަގުތު ދޭށެވެ. ނަމަވެސް ދެން ވެސް ހިސާބުތައް އާންމު ނުކުރެވި މުއްދަތު ދިއުމުން މިއަދުވަނީ އާ ތާރީޚަކަށް އެދިފައެވެ.

އެމްޓީސީސީން މިއަދުކުރި އިއުލާނެއްގައި ބުނީ އެ ކުންފުނިން މަސައްކަތް ކުރީ ތިންވަނަ ކުއާޓަރުގެ ރިޕޯޓާއި މާލީ ހިސާބު އެންމެ ލަސްވެގެން އިއްޔެއަށް އާންމުކުރަން ކަމަށެވެ.

ނަމަވެސް، އިތުރަށް ވަގުތު ބޭނުންވާތީ މާލީ ހިސާބު ޢާންމުކުރާ މުއްދަތު މި މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމުގެ ހުއްދައަށް އެދި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ހުށަހަޅާފައިވާކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީއަކީ އާންމުންގެ ހިއްސާ ވެސް އޮންނަ ކުންފުންޏެކެވެ. އެހެންކަމުން ކުންފުންޏާ ގުޅޭ މާލީ ހިސާބުތައް ހިއްސާދާރުންނަށް ފެންނާނެހެން އާންމުކުރަންޖެހެއެވެ.

އެ ކުންފުނީގެ މާލީ ހިސާބުތައް އާންމުކުރުން ތާރީޚު ފަހަނައަޅައިދިޔައިރު ވެސް ނުވެދިޔައިރު، ސަރުކާރު ކުންފުނިތަކުގެ މާލީ ހާލަތު ދަށްކަމުގެ ކަންބޮޑުވުން އިގްތިޞާދީ ބޭފުޅުން އަންނަނީ ފާޅުކުރަމުންނެވެ. އަދި ސަރުކާރުގެ އެތައް މަޝްރޫއެއް އެއްފަހަރާ އެ ކުންފުނިތަކާ ހަވާލުކޮށްފައިވާއިރު އެ ކަންކަން ހިންގުމުގައާއި އެ ކަންކަމަށް ފައިސާ ހޯދުމުގައި ވެސް ކުންފުނިތަކަށް ދަތިތަކާ ކުރިމަތިވާކަމުގެ ކަންބޮޑުވުން ސިޔާސީ ވާދަވެރިން އަންނަނީ ފާޅުކުރަމުންނެވެ.

comment ކޮމެންޓް