ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ދައްކަން ޖެހޭ ފްލެޓު ކުލީގެ އަގުތައް ހެޔޮކުރުމަށްޓަކައި އަންނަ އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓުގައި 1.053 ބިލިއަން ރުފިޔާ ހިމެނިއިރު، އެ އަދަދު ދޫކުރީ މި އަހަރު ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައިވާ ގޮތުން ހައުސިން ސަބްސިޑީގެ ގޮތުގައި ފްލެޓުތަކުގެ ކުލި ލުއިކުރުމަށް ދައުލަތުން އެޗްޑީސީއަށް 1.053 ބިލިއަން ރުފިޔާ ދޭނެއެވެ. މި އަހަރުގެ ބަޖެޓުގައިވާ ގޮތުން، ފްލެޓުތަކުގެ ކުލި ލުއިކުރުމަށް ސަބްސިޑީގެ ގޮތުގައި ކަނޑައަޅާފައިވަނީ 153.6 މިލިއަން ރުފިޔާއެވެ.
ފާހަގަކުރެވޭ ގޮތުގައި މި އަހަރު ސަބްސިޑީއަށް ޚަރަދުކުރުމަށް ބަޖެޓުގައި ކަނޑައަޅާފައި އޮތީ 1.86 ބިލިއަން ރުފިޔާއެވެ. އެކަމަކު، ސަރުކާރުން ވަނީ އެއަށް ވުރެ އިތުރަށް، މި އަހަރު ދޮޅު ބިލިއަން ރުފިޔާ ސަބްސިޑީގެ ގޮތުގައި ދީފައެވެ.
އަންނަ އަހަރުގެ ބަޖެޓުގެ ސްކްރީންޝޮޓެއް ހިއްސާކުރައްވައި ޝަމްހީދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައިވަނީ އެ އަދަދު އެޗްޑީސީއަށް ދޫކުރީ މި އަހަރު ކަމަށް ތުހުމަތުކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވާ ޝަމްހީދު މިއަދު 'ސަން'އަށް ވިދާޅުވީ، 2026ގެ ބަޖެޓު ހުށަހެޅިއިރު މި އަހަރު ނިމޭއިރު ހޭދަވާ ގޮތް ހިމަނާ ކަމަށެވެ. އެކި ނަންނަމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދަށް ވުރެ ބޮޑު ޚަރަދެއް ހޭދަކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފާހަގަކުރެވޭ ގޮތުގައި، ސަރުކާރު ކުންފުނިތަކުގެ ދަރަނި 37 ބިލިއަން ރުފިޔާގައި އޮތްއިރު، ދެވަނައަށް އެންމެ ބޮޑު ދަރަންޏެއް އޮތީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގައެވެ. އެއީ، 9.3 ބިލިއަން ރުފިޔާގެ ދަރަންޏެކެވެ.
ޝަމްހީދު މިހެން ވިދާޅުވިއިރު، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެޅި، ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ ފްލެޓްތަކުގެ ޑައުންޕޭމަންޓާއި، ކުލި ކުޑަކޮށްދޭން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނިންމަވައިފައެވެ.
އެ މަނިކުފާނު ވިދާޅުވީ، ގެދޮރުވެރިޔާގެ ދަށުން ދޫކުރާ ފުލެޓުތަކުގެ ތެރެއިން ތިން ކޮޓަރީގެ އެޕާޓްމަންޓުތަކަށް ދައްކަން ޖެހޭ މަހު ކުލި 10،500 ރުފިޔާ 10،000 ރުފިޔާއަށް ކުޑަކޮށް، އެޑްވާންސްގެ ގޮތުގައި ދައްކަންޖެހޭ 25،000 ރުފިޔާ 8،000 ރުފިޔާއަށް ކުޑަކުރަން ނިންމަވާފައިވާ ކަމަށެވެ.
އަދި، ދެ ކޮޓަރީގެ އެޕާޓްމަންޓުތަކަށް ދައްކަންޖެހޭ މަހުކުލި 7،000 ރުފިޔާއިން 6،000 ރުފިޔާއަށް ކުޑަކޮށް، އެޑްވާންސްގެ ގޮތުގައި ދައްކަންޖެހޭ އަދަދު އެއް މަހުގެ ކުއްޔަށް ވާ ވަރަށް ކުޑަކުރަން ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ.
ފާހަގަކުރެވޭ ގޮތުގައި މި ސަރުކާރުން ނިންމީ ދެ ކޮޓަރީގެ ކުއްޔަށް 7،000 ރުފިޔާ ނެގުމަށާއި ތިން ކޮޓަރިއަށް 9،000 ރުފިޔާ ނެގުމަށެވެ. އޭގެ ތެރެއިން ދެ ކޮޓަރީގެ ފްލެޓަށް މެއިންޓެނެންސްގެ ގޮތުގައި 1،000 ރުފިޔާއާއި ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 15،000 ރުފިޔާ ނަގާނެއެވެ. ތިން ކޮޓަރީގެ އެޕާޓްމެންޓަށް މެއިންޓެނެންސް ފީގެ ގޮތުގައި 1،500 ނަގާއިރު ސެކިއުރިޓީ ޑިޕޮސިޓަށް 25،000 ރުފިޔާއެވެ.
ސަރުކާރުން ވަނީ ހިޔާ ފުލެޓުތަކުގެ ކުލި ވެސް މީގެ ކުރިން ކުޑަކޮށްފައެވެ. މިހާރު މެއިންޓެނަންސް ފީއާ އެކު އެ ފުލެޓުތަކަށް ދައްކަންޖެހެނީ 4،984 ރުފިޔާއެވެ. އޭގެ ފަހުން އަނެއްކާ އެ ފުލެޓުތަކުގެ ކުލި ނުދައްކައިގެން ދައްކަންޖެހޭ ޖޫރިމަނާ ވެސް ވަނީ މާފުކޮށްފައެވެ.
އެ ކަންކަމުގެ ސަބަބުން ބައެއް އާންމުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.