ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ކުއްލި ގޮތަކަށް ވަކިކުރި، ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރުގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުންދާ ކަމަށް ބުނެ، އެ ފަނޑިޔާރުން މަގާމުން ވަކިކުރިތާ ހަ މަސް ދުވަސް ފަހުން ފަނޑިޔާރުންގެ ތަހުގީގު ބަޔާންތައް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން އޭސީސީއަށް ފޮނުވައިފިއެވެ.
އޭސީސީން ޖިނާއި މައްސަލަތަކެއް އަންނަ ކަމަށް ބުނުމުން، ޖޭއެސްސީން އަޒްމިރަލްދާއާއި މަހާޒުގެ އިތުރުން އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު ކުއްލި ގޮތަކަށް ސަސްޕެންޑުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 26ގައެވެ. އެ ބޭފުޅުންގެ ސުލޫކީ މައްސަލަތަކެއް ބަލާ ކަމަށް ޖޭއެސްސީން ވެސް ބުނިއިރު، އޭގެ ފަހުން ސުއޫދު އިސްތިއުފާ ދެއްވިއެވެ. އަދި، އަޒްމިރަލްދާއާއި މަހާޒު ވަކިކުރަން މެއި މަހުން ޖޭއެސްސީން ނިންމިއެވެ.
އެއަށްފަހު، ދެ ބޭފުޅުންނަށް ވެސް ޖަވާބުދާރީވާން އެކަށީގެންވާ ފުރުސަތެއް ނުދީ، ސަރުކާރުގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން އެ ދެ ބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރީ މިދިޔަ މެއި މަހުގެ 14ގައެވެ.
އެ ބޭފުޅުން ސަސްޕެންޑުކުރީ މަޖިލިސް މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފައި އޮތް މައްސަލަ ބަލަން ނިންމައިފައި ވަނިކޮށެވެ. އެއީ ސަރުކާރުގެ މަސްލަހަތު އޮތް ކަމެއް ކަމަށްވާއިރު، އޭސީސީއާއި ޖޭއެސްސީގެ ކުއްލި ނިންމުމާ ގުޅިގެން އެ ދެ ކޮމިޝަނާއި ސަރުކާރަށް ތުހުމަތުތަކާއި ފާޑުކިޔުން އަމާޒުވިއެވެ.
"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އަޒްމިރަލްދާއާއި މަހާޒް މަގާމުން ވަކިކުރިތާ ހަ މަސް ދުވަސް ފަހުން، އޭސީސީންވަނީ އެ ދެ ފަނޑިޔާރުން ޖޭއެސްސީގެ ތަހުގީގަށް ދިން ބަޔާންތައް ހޯދުމަށް ޖޭއެސްސީގައި އެދިފައެވެ.
އެ އެދުމާ ގުޅިގެން ޖޭއެސްސީގެ ބައެއް މެންބަރުންގެ މެދުގައި އެކަމާ މެދު ޚިޔާލު ތަފާތުވީނަމަވެސް، އެ ބަޔާންތައް އޭސީސީއަށް ފޮނުވާފައިވާ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. ޖޭއެސްސީގެ މެންބަރުންގެ މެދުގައި ޚިޔާލު ތަފާތުވީ، އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ފަނޑިޔާރުން ވަކިކުރުމަށް ފަހު އޭސީސީން ޖޭއެސްސީގެ ބަޔާންތައް ހޯދަން އެދުމުންނެވެ.

އޭސީސީގެ ރައީސް ޝާމިލް އާއި އެ ކޮމިޟަންގެ ބައެއް މެންބަރުން: އޭސީސީން ޖޭއެސްސީގެ ރިޕޯޓު ހޯދީ، ފަނޑިޔާރުން ވަކިކުރިތާ ހަ މަސް ފަހުން --- ފޮޓޯ: އޭސީސީ
ޖޭއެސްސީން އެ ފަނޑިޔާރުންގެ މައްސަލަ ބަލަން ފެށީ، އޭސީސީގެ އެންގުމަކަށް ކަމަށްވާއިރު، މާ ފަހުން އޭސީސީއަށް ޖޭއެސްސީގެ ބަޔާންތައް ފޮނުވަން ޖެހޭ ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށް ޖޭއެސްސީގެ ބައެއް މެންބަރުން ވިދާޅުވި ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. އެކަމަކު ސަރުކާރުގެ ކޮންޓްރޯލް އޮންނަ ޖޭއެސްސީން އެ ބަޔާންތައްވަނީ ފޮނުވާފައެވެ.
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ ޖޭއެސްސީން، ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރީ، އޭސީސީން އެ ފަނޑިޔާރުންގެ މައްސަލަތަކެއް ބަލަމުންދާ ކަމަށް ބުނެ ކަމަށްވީނަމަވެސް މިހާތަނަށް އެއިން ފަނޑިޔާރަކާ އޭސީސީން ސުވާލެއް ކޮށްފައެއް ނެތެވެ.
ޖޭއެސްސީން ދެ ފަނޑިޔާރުން ވަކިކުރަން ނިންމައި، މަޖިލީހަށް ފޮނުވި މައްސަލަ ދިރާސާކުރި ޖުޑިޝަރީ ކޮމިޓީގެ މުގައްރިރަކީ، މިހާރު ޖޭއެސްސީގެ ރައީސަކަށް ހުންނެވި މަނަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސްނީ މުބާރިކެވެ.

ޖޭއެސްސީގެ ރައީސް ހުސްނީ މުބާރިކް: ޖޭއެސްސީން ދެ ފަނޑިޔާރުން ވަކިކުރަން ނިންމައި، މަޖިލީހަށް ފޮނުވި މައްސަލަ ދިރާސާކުރި ޖުޑިޝަރީ ކޮމިޓީގެ މުގައްރިރަކީ، ހުސްނީ -- ފޮޓޯ/ ޖޭއެސްސީ
އޭސީސީން މައްސަލަ ބަލާ ކަމަށް ބުނެ، ޖޭއެސްސީއަށް ފޮނުވި ސިޓީއާ ގުޅޭ ގޮތުން މީގެ ކުރިން އަޒްމިރަލްދާ ވަނީ، އެ ސިޓީ ފޮނުވީ އެފަދަ ތަހުގީގެއް ނުފަށަނީސް، އޭސީސީގެ ރައީސް އާދަމް ޝާމިލްގެ މަގާމު ދިފާއު ކުރުމުގެ ބޭނުމުގައި ކަމަށް ތުހުމަތު ކުރައްވައިފިއެވެ.
އަޒްމިރަލްދާ ވިދާޅުވެފައި ވަނީ، އޭނާގެ ޖިނާއީ މައްސަލައެއް ބަލާ ކަމަށް ބުނެ މިދިޔަ ފެބްރުއަރީ މަހުގެ 26ގައި އޭސީސީން ޖޭއެސްސީއަށް ސިޓީއެއް ފޮނުވި ނަމަވެސް އެފަދަ ތުހުމަތެއް ކުރާ ކަމެއް އޭގެ ކުރިން އެއްވެސް ފަނޑިޔާރަކަށް އަންގައިފައިނުވާ ކަމަށެވެ.
އެ މައްސަލަ ތަހުގީގު ކުރާ ކަމަށް ބުނެ އޭސީސީން ޖޭއެސްސީއަށް ސިޓީއެއް ފޮނުވިއިރު، އެކަން ކޮށްފައިވަނީ ކޮމިޝަންގެ އިޖުރާއަތުތަކާއި އުސޫލުތަކުގެ ބޭރުންކަން ފާހަގަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޝާމިލް ޖޭއެސްސީއަށް ދީފައިވާ މައުލޫމާތަކީ ދޮގު މައުލޫމާތެއްކަން އެނގޭ ކަމަށާއި އެއީ އޭނާ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ފަނޑިޔާރުންގެ މަސައްކަތާ ބެހި، ނުފޫޒު ފޯރުވަން އުޅުން ކަމަށް އަޒްމިރަލްދާ ތުހުމަތު ކުރެއްވިއެވެ.
ޝާމިލްގެ މައްސަލަ ބެލުމަށް އެދި، އަޒްމިރަލްދާ އޭސީސީއަށް މައްސަލައެއް ހުށަހެޅުއްވިއެވެ. އަދި އެ މައްސަލަ އެ ކޮމިޝަނުން ބަލައިގެންފައިވެއެވެ.