އިންޑިއާއިން އިސްރާއީލަށް ގެންދާ ހަތިޔާރުގެ ޝިޕްމަންޓެއް ހުއްޓުވުމަށް އެމްނެސްޓީން ގޮވާލައިފި

އިސްރާއީލުގެ ސިފައިންގެ މީހަކު ހަތިޔާރުތަކަކާއެކު

ލަންޑަން (20 ޑިސެންބަރު 2025): އިންޑިއާއިން ޔަހޫދީ އިސްރާއީލަށް ވިއްކި ހަތިޔާރުތަކެއް ބަރުކޮށްގެން ޖަރުމަނުގެ އާގު ބޯޓެއް އިންޑިއާ ކަނޑު ހުރަސްކޮށް އިސްރާއީލަށް ދަތުކުރަމުންދާތީ އެ އާގު ބޯޓު ހުއްޓުވުމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާއެއް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލްއިން ދުނިޔެއަށް ގޮވާލައިފިއެވެ.

ލަންޑަންގައި މަރުކަޒު ހުންނަ އެމްނެސްޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންޑިއާއިން އިސްރާއީލަށް ވިއްކި 440 ޓަނުގެ ހަތިޔާރު ބަރުކޮށްގެން އިސްރާއީލަށް ދަތުރުކުރާ, ޖަރުމަނުގެ ކުންފުނީގެ އާގު ބޯޓުގެ ނަމަކީ "ހޯގޮރޖީ" ކަމަށާއި އޭގައި ނަގާފައިވަނީ ޕޯޗްގަލްގެ ދިދަ ކަމުގައެވެ.

އިސްރާއީލުން ޣައްޒާގައި ގަތުލުއާންމުތައް ހިންގުމަށް އެ ހަތިޔާރުތައް ބޭނުންކުރާނެކަމުގެ ބިރު އޮތުމުން އެ ބޯޓު ހުއްޓުވުމަކީ އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށްޓަކައި ބައިނަލްއަގްވާމީ މުޖްތަމައުން ކުރަންޖެހޭ ކަމެއްކަމަށް އެމްނެސްޓީގެ ބަޔާން ބުނެއެވެ.

އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ގަތުލުއާންމުތައް ހިންގައި ނަސްލު ނައްތާލުމުގެ ޖަރީމާތަކެއް ހިންގަމުން ގެންދާތީ ދުނިޔޭގެ ބައެއް ގައުމުތަކުންވަނީ އިސްރާއީލަށް ހަތިޔާރު ވިއްކުން ހުއްޓާލާފައެވެ.

އިސްރާއީލުން ޝަހީދުކޮށްލާފައިވާ ޣައްޒާގެ އާންމުންގެ ހަށިތަކެއް

ނަމަވެސް ޖަރުމަނު ހިމެނޭގޮތަށް ޔޫރަޕްގެ ގިނަ ގައުމުތަކުންނާއި އެމެރިކާ އަދި އިންޑިއާ ގެންދަނީ އިންސާނީ ހައްގުތަކަށް ކުޑަވެސް ބެލުމެއްނެތި އިސްރާއީލަށް ހަތިޔާރު ވިއްކަމުންނެވެ.

އިސްރާއީލަށް ހަތިޔާރު ވިއްކުން ބައިނަލްއަގްވާމީ ގޮތުން މަނާ ނުކުރެވިގެން އުޅެނީ އެމެރިކާގެ ވީޓޯއާއެކު އެކަމާބެހޭ ގަރާރެއް ފާސް ކުރުމުގައި އދ. ނުކުޅެދުމުގެ ސަބަބުންނެވެ.

ނަމަވެސް އިސްރާއީލުން ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލަން ހިންގާ ޖަރީމާތަކުގެ މައްސަލައިގެ ދައުވާ ބައިނަލްއަގްވާމީ އިންސާފުގެ ކޯޓަށް ހުށަހަޅައި އެ މައްސަލަވަނީ އެކޯޓުގައި ބަލަން ފަށާފައެވެ. އަދި ނަސްލު ނައްތާލުމުގެ ޖަރީމާ ހިންގާކަމަށް ތުހުމަތުކޮށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓުންވަނީ އިސްރާއީލުގެ ބޮޑުވަޒީރާއި އޭނާގެ ކުރީގެ ދިފާއީ ވަޒީރު ހައްޔަރުކޮށްގެން އެ ކޯޓަށް ހާޒިރު ކުރުމުގެ އަމުރުވެސް ނެރެފައެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްގެ ބަޔާނުގައި އިސްރާއީލަކީ އިންސާނީ ހައްގުތަކަށް އޮތް ބޮޑު ބިރެއްގެ ގޮތުގައި ފާހަގަކޮށްފައިވާއިރު އިސްރާއީލާއެކު އަސްކަރީ ގުޅުންތައް ދެމެހެއްޓުމަކީ އިސްރާއީލުން ހިންގާ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ޖަރީމާތަކަށް ހިތްވަރު ދެވޭނެ އަމަލެއްގެ ގޮތުގައިވަނީ ސިފަކޮށްފައެވެ.

އިސްރާއީލުން ޣައްޒާގައި ހިންގާ ގަތުލުއާންމުތަކަށް އަދިވެސް ހުއްޓުމެއް ނާދެއެވެ. ނަމަވެސް ޣައްޒާގެ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމާއެކު ގަތުލުއާންމުތައް ހިންގާވަރު ވަނީ ކުރިޔަށްވުރެ ތަންކޮޅެއް މަދުވެފައެވެ.

މީގެއިތުރުން އަދިވެސް އިސްރާއީލު ގެންދަނީ ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެއްސުމަށްޓަކައި ޣައްޒާއަށް ކާބޯތަކެއްޗާއި ބޭސް ވެއްދުމަށްވެސް ހުރަސްއަޅަމުންނެވެ. އިސްރާއީލުން ވަނީ ޣައްޒާގެ 71 ހާހަށް ވުރެގިނަ އާންމުން ޝަހީދުކޮށް ދެ ލައްކައަށް ވުރެގިނަ މީހުން ޒަޚަމްކޮށްލައި ޣައްޒާގެ އާންމުންގެ ގެދޮރާއި ހޮސްޕިޓަލްތަކަށް ބޮންއަޅައި އެ ތަންތަން ބިމާ ހަމަކޮށްލާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު