ހަރްޝްގެ ފިލްމު 'ދިވާނިއްޔަތު' އަންނަ ހަފުތާ ބަންދުގައި ޒީ5އަށް

މި އަހަރުގެ އޮކްޓޯބަރު މަހު ސިނަމާތަކުގައި ރިލީޒްކުރި ހަރްޝްވަރުދަން ރާނޭއާއި ބަތަލާ ސޯނަމް ބާޖްވާގެ ފިލްމު "އޭކް ދީވާނޭ ކީ ދީވާނިއްޔަތު" ސްޓްރީމިންއަށް ދޫކޮށްލަން ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ރިލީޒްކުރިތާ މާ ގިނަ ދުވަހެއް ނުވެ, ބޮކްސް އޮފީހުގެ 100 ކްރޯޑު ކްލަބުން ޖާގަ ހޯދި މި ފިލްމު ސްޓްރީމިންއަށް ދޫކޮށްލާނެކަން އިއުލާނުކޮށްފައިވަނީ އެ ފިލްމު މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ނެޓްފްލިކްސްއިން ބެލޭނެ ކަމަށް ބައެއް މީޑިއާތަކުން ބުނެފައިވަނިކޮށެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ އޯޓީޓީޕްލޭގައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ޑައިރެކްޓަރު މިލަޕް ޒަވޭރީގެ ފިލްމު "ދިވާނިއްޔަތު" ސްޓްރީމިންއަށް ދޫކޮށްލަން ނިންމާފައިވަނީ ޒީ5ގައެވެ. ފިލްމު އޮންލައިންކޮށް ޒީ5 މެދުވެރިކޮށް ބެލުންތެރިންނަށް ބަލާލެވޭނީ މި ފެށޭ ހަފުތާގެ ހުކުރު ދުވަހުން ފެށިގެން ކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

ހަރްޝް އަދި ސޯނަމް ފިލްމު "އޭކް ދިވާނޭ ކީ ދިވާނިއްޔަތު"ގެ މަންޒަރެއްގައި--ފޮޓޯ/ހިންދުންސްތާންޓައިމްސް

ފިލްމު "ސަނަމް ތޭރީ ކަސަމް"އަށް ފަހު ހަރްޝް ލޯބީގެ ރޯލަކުން ބެލުންތެރިންނަށް ފެނުނު ފުރަތަމަ ފިލްމު "ދިވާނިއްޔަތު"ގައި ގެނެސްދިން ލޯބީގެ ވާހަކައަށް ލިބުނު ތަރުހީބާ އެއްވަރަށް ފިލްމުގެ މިއުޒިކަށް ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

އެންމެ 25 ކްރޯޑު ރުޕީސްގެ ބަޖެޓަކުން އުފެއްދި ފިލްމު ސިނަމާތަކުން ނެގިއިރު ފިލްމަށް ލިބުނު އާމްދަނީގެ އަދަދު 112.03 ކްރޯޑު ރުޕީސް (ގާތްގަނޑަކަށް 12.4 މިލިއަން އެމެރިކާ ޑޮލަރަ)ށް ވަނީ އަރާފައެވެ.

މި ފިލްމުގައި ހަރްޝް ކުޅެފައިވަނީ ލޯބީގައި ނުރައްކާތެރި މިންވަރަށް ދީވާނާވެ، އަންހެން ކުއްޖަކު ހާސިލުކުރަން ކޮންމެފަދަ ގުރުބާނީއެއް ވެސް ވާން ތައްޔާރަށް ހުންނަ މީހެއްގެ ރޯލެވެ. ފިލްމުގެ ނިންމުން ވަރަށް ހިތާމަވެރި ކަމަށާއި މިފަހަރު ވެސް ހަރްޝްގެ ފިލްމުން ގިނަ ބަޔަކު ރޮއްވާލި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބެލުންތެރިން ވަނީ އެ މީހުންގެ ޝުއޫރުތައް ފާޅުކޮށްފައެވެ.

ހަރްޝްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭ މިހާރު މަސައްކަތް ފަށާފައިވާ ފިލްމު "ސިލާ" އަދި ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް ފިލްމު "ކުން ފަޔަކުން" ހިމެނެއެވެ.

comment ކޮމެންޓް