ކަރެކްޝަނަލް ސާވިސްއިން ބަލަހައްޓާ ޖަލުތަކަށް ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭ 140 އެއްހާ ޖާގަ އިތުރުކުރެވޭނެ ކަމަށް، ޖަލުތަކުގެ ކޮމިޝަނަރު ޙަސަން ޒަރީރު މިއަދު ވިދާޅުވެއްޖެއެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޒަރީރު ވިދާޅުވީ، މި ސަރުކާރު އައި ފަހުން ޖަލުތަކަށް 124 ޖާގަ އިތުރުކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، ކުރިއަށް އޮތް ދެ މަހުގެ ތެރޭ 140 ޖާގަ އިތުރުކުރުމުގެ މަސައްކަތް ކަރެކްޝަންސްއިން ކުރާނެ ކަމަށެވެ.
އެއީ ހުޅުމާލޭ ޖަލަށް 70 ޖާގަ، އަދި ކ. ހިންމަފުށީގެ ޖަލަށް 70 ޖާގަ ކަމަށް، ޒަރީރު ވިދާޅުވިއެވެ.
"ހުޅުމާލޭގައި، ކުރީގެ ކޮވިޑު ފެސިލިޓީގަ އަޅުގަނޑުމެން ޖާގަ އިތުރުކުރަމުން މި ގެންދަނީ، އެނގިވަޑައިގަންނަވާނެ ފަދައިން [އަޅުގަނޑުމެންގެ އަމާޒަކީ] ކޯޓުތަކަށް ގެންނަންޖެހޭ ބޭފުޅުން ކޯޓުތަކަށް ގެނެއްސަ ކޯޓުތަކުގައި ޝަރީއަތް އަވަސްކުރެވޭނެ ގޮތްތަކެއްގެ މަތިން ސެލްތަކުގައި މީހުން ބެއިތިއްބުން،" އޭނާ ވިދާޅުވިއެވެ.

ޖަލުތަކުގެ ކޮމިޝަނަރު ޙަސަން ޒަރީރު: ވިދާޅުވީ ކުރިއަށް އޮތް ދެ މަހު ޖަލުތަކަށް 140 އެއްހާ ޖާގަ އިތުރުކުރާނެ ކަމަށް --- ފޮޓޯ: ކަރެކްޝަންސް
ކަރެކްޝަންސްއިން ހިންގާ ތިން ޖަލު ކަމަށްވާ ހުޅުމާލެ ޖަލާއި މާފުށީގައި ހުންނަ އައްސޭރި ޖަލާއި ހިންމަފުށީ ޖަލުގެ މިހާރުގެ ޖުމްލަ ޖާގަ ޒަރީރު ހާމަ ނުކުރައްވައެވެ.
ޖަލުތަކުގެ ޖާގަ އިތުރުކުރުމުގެ ސަބަބުން، ދުވާލަކު 50އަކަށް މީހުން ގެނެސް ޝަރީއަތްތައް ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ޒަރީރު ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި، ދުވާލެއްގެ މައްޗަށް 50އާއި 70އާ ދެމެދު އޮންލައިންކޮށް ޝަރީއަތްތައް ހިންގައެވެ.
ޒަރީރު ވިދާޅުވިގޮތުގައި މައި ދެ ޖަލެއް ހިންގަނީ ރަށްރަށުގައި ކަމަށްވުމުން ގައިދީން ގެނައުމުގައި ދަތިތަކާ ކުރިމަތިވެއެވެ. އެއާއެކު އެއްވެސް ސަރުކާރަކުން މިވީހާތަނަށް ކަރެކްޝަންސް އުމްރާނީގޮތުން ވަރުގަދަކުރުމަށް މަސައްކަތްކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުމާލެ ޖަލު -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
"އުމުރުން ވިހި އަހަރުވީ އެންމެ ދޯންޏަކާއި، ވަރަށް ބާ ތިން ލޯންޗާއި، އެމްބިއުލާންސެއްވެސް ނެތި ހާލު، އަޅުގަނޑުމެންގެ ހަތަރު ވަރަކަށް ވެހިކަލާ އެކީގައި މި ބޮޑު އޮޕަރޭޝަން ކުރިއަށް މި ގެންދަނީ، ކޮންމެ ދުވަހަކުވެސް ކޯޓަށް ބޭފުޅުން ގެންނަން ޖެހޭ، އެތެރޭގެ ޚިދުމަތްތައް ދޭން ޖެހޭ،" ޒަރީރު ވިދާޅުވިއެވެ.
ގައިދުކުރުމަކީ މީހުންގެ ހައްގުތަކުން މަހްރޫމުވާން ޖެހޭ ސަބަބެއް ނޫން ކަމަށް ވިދާޅުވެ، ޒަރީރު ވިދާޅުވީ، ޖަލުތަކާއި ގައިދީންގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ކަރެކްޝަންސްއިން މެދުކެނޑުމެއް ނެތި މަސައްކަތްކުރަމުން އަންނަ ކަމަށާއި، އެގޮތުން ފަސް ވަގުތު ގައިދީންނަށް ކޮއްތު ވެސް ދެމުން އަންނަ ކަމަށެވެ.
މިހާރު ދަރުމަވަންތަ ސްކޫލު ހުންނަ ސަރަހައްދުގައި ހުރި، މާލޭ ޖަލު ބަންދުކުރީ ޒަރީރު ވިދާޅުވިގޮތުގައި، އެއްވެސް ޕްލޭނެއް ނެތިއެވެ. އޭނާ ވިދާޅުވިގޮތުގައި ދޫނިދޫގެ ރިމާންޑު ޖަލު ބަންދުކުރުމުގެ ސަބަބުން ޖާގައިގެ ގޮތުން ދަތިތަކާ ވަނީ ކުރިމަތިވެފައެވެ.
އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ އެސޯސިއޭޝަން ފޯ ދަ ޕްރިވެންޝަން އޮފް ޓޯޗާއިން ހޯމް މިނިސްޓްރީއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގައި ތިބި ގައިދީންގެ އަދަދު 1،347އަށް އަރައެވެ.