ކްރިޕްޓޯގެ އާ ގަވާއިދުތަކެއް ހަދަން އިނގިރޭސިވިލާތުން މަޝްވަރާ ފަށައިފި

ޔޫކޭގައި ކްރިޕްޓޯ ގެންގުޅޭ މީހުންގެ ނިސްބަތް ފާއިތުވި އަހަރު ވަނީ ދަށަށް ގޮސްފަ ---

ކްރިޕްޓޯއާ ގުޅޭ އާ ގަވާއިދުތަކެއް ހަދަން އިނގިރޭސިވިލާތުން މަޝްވަރާތައް ފަށައިފިއެވެ.

އިނގިރޭސިވިލާތުގެ މާލީ އިދާރާތައް ރެގިއުލޭޓްކުރާ ފަރާތް ކަމުގައިވާ ފައިނޭންޝަލް ކޮންޑަކްޓް އޮތޯރިޓީ (އެފްސީއޭ)އިން ބުނީ، ކްރިޕްޓޯ ކަރަންސީގެ ސިނާއަތަށް ޚާއްސަކޮށްގެން އާ ގަވާއިދުތަކެއް އެކުލަވާލުމަށްޓަކައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ހުޅުވާލައިފައިވާ ކަމަށެވެ.

އެފްސީއޭއިން މިކަން އިއުލާނުކޮށްފައިވަނީ 2027 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިނގިރޭސިވިލާތުގައި ކްރިޕްޓޯގެ ސިނާއަތް ރެގިއުލޭޓްކުރަން ފަށާނެ ކަމަށް އެ ގައުމުގެ ސަރުކާރުން ހާމަކުރިތާ އެއް ދުވަސް ފަހުންނެވެ.

މި ހުށަހެޅުންތަކާ އެކު އެފްސީއޭއިން އާންމުކުރި ދިރާސާއަކުން ދައްކާގޮތުގައި، އިނގިރޭސިވިލާތުގައި ކްރިޕްޓޯ ގެންގުޅޭ މީހުންގެ ނިސްބަތް ފާއިތުވި އަހަރު ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން، 12 އިންސައްތައިގައި ހުރި މި ނިސްބަތް ވަނީ ތިންބައިކުޅަ އެއްބައި ދަށްވެ، އަށް އިންސައްތައަށް ވެއްޓިފައެވެ.

ދުނިޔޭގެ އެކި ގައުމުތަކުގެ މާލީ އިދާރާތަކުން ކްރިޕްޓޯއާ ގުޅޭ ގަވާއިދުތައް ހެދުމަށް އަވަސްވެފައިވާއިރު، އިނގިރޭސިވިލާތުން މަސައްކަތްކުރަނީ ވިލާތުގެ އިއްތިހާދު (އީޔޫ)ގެ ގަވާއިދުތަކަށްވުރެ ބޮޑަށް، އެމެރިކާގެ ގަވާއިދުތަކާ އެއްގޮތްވާނެހެން އެ ގައުމުގެ ގަވާއިދުތައް ބައްޓަން ކުރުމަށެވެ.

https://sun.mv/214047

އަންގާރަ ދުވަހު އެފްސީއޭއިން ބުނެފައިވާ ގޮތުގައި އަލަށް އެކުލަވާލާ ގަވާއިދުތަކުގެ ތެރޭގައި ކްރިޕްޓޯ އެސެޓްތައް ލިސްޓުކުރުމާ ގުޅޭ އުސޫލުތައް ހެދުމާއި، އިންސައިޑާ ޓްރޭޑިން (އެތެރޭގެ މައުލޫމާތު ބޭނުންކޮށްގެން ވިޔަފާރިކުރުން) އާއި މާކެޓް އޮޅުވާލުން ހުއްޓުވުމަށް އަޅާ ފިޔަވަޅުތައް ހިމެނެއެވެ.

އަދި، ކްރިޕްޓޯ ޓްރޭޑިންގ ޕްލެޓްފޯމްތަކާއި ބްރޯކަރުން އަމަލުކުރަންޖެހޭ މިންގަނޑުތަކުގެ އިތުރުން ކްރިޕްޓޯ ސްޓޭކިންގެ ރިސްކުތައް ސާފުކޮށްދިނުމާއި، ލެންޑްކުރާ ފަރާތްތަކާއި ބޮރޯކުރާ ފަރާތްތަކަށް (ދަރަނި ދޭ އަދި ނަގާ ފަރާތްތަކަށް) ރައްކާތެރިކަން ދިނުމާއި، ކްރިޕްޓޯ ފާމްތަކުން ރިސްކު މެނޭޖްކުރުމަށް ބަހައްޓަންޖެހޭ މާލީ ރައްކާތެރިކަމުގެ މިންގަނޑުތަކާ ގުޅޭގޮތުން ވެސް އެފްސީއޭއިން އަންނަނީ މަޝްވަރާކުރަމުންނެވެ.

އެފްސީއޭގެ ޕޭމަންޓްސް އެންޑް ޑިޖިޓަލް ފައިނޭންސްގެ އެގްޒެކެޓިވް ޑިރެކްޓާ ޑޭވިޑް ގީލް ވިދާޅުވީ، އަމާޒަކީ ކަސްޓަމަރުން ހިމާޔަތްކޮށް، އީޖާދީ ކަންކަމަށް އެހީތެރިވެ، އިތުބާރު އުފެއްދުން ކަމަށެވެ.

މި ހުށަހެޅުންތަކަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ފެބްރުއަރީ 12، 2026 ގެ ނިޔަލަށް އެފްސީއޭއިން ވަނީ ހުޅުވާލާފައެވެ. އަދި، އަންނަ އަހަރުގެ ނިޔަލަށް މި ގަވާއިދުތައް އެކުލަވާލައި ނިންމާނެކަމަށް އެ އިދާރާއިން ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު