ޓެކްސް ކުޑަކުރުން ހިމެނޭ ގޮތަށް، ޖަޕާނުން ކްރިޕްޓޯކަރަންސީގެ ގަވާއިދުތަކަށް ބަދަލުތަކެއް ގެންނަނީ

ޖަޕާންގެ ސްޓޮކް އެކްސްޗޭންޖްގެ ހިސާބުތަކެއް: ޓެކްސް ކުޑަކުރުން ހިމެނޭ ގޮތަށް، ޖަޕާނުން ކްރިޕްޓޯކަރަންސީގެ ގަވާއިދުތަކަށް ބަދަލުތަކެއް ގެންނަން އުޅޭ ކަމަށް ވަނީ ރިޕޯޓުކޮށްފައި -- ފޮޓޯ/ ރޮއިޓާސް

ޖަޕާނުގެ ފައިނޭންޝަލް ސަވިސަސް އެޖެންސީ (އެފްއެސްއޭ)އިން ކްރިޕްޓޯކަރަންސީއާ ގުޅޭ ގަވާއިދުތަކަށް މުހިންމު ބަދަލުތަކެއް ގެނައުމަށް ވިސްނަމުންދާ ކަމަށް، އެ ގައުމުގެ އަސާހީ ނޫހުން ރިޕޯޓުކޮށްފިއެވެ.

މި ބަދަލުތަކުގެ ތެރޭގައި ކްރިޕްޓޯކަރަންސީއަކީ އިންސައިޑާ ޓްރޭޑިންގެ ގަވާއިދުތަކުގެ ދަށަށް އަންނަ މާލީ އުފެއްދުމެއްގެ ގޮތުގައި ކަނޑައެޅުމާއި، އޭގެ ފައިދާއިން ނަގާ ޓެކްސްގެ ރޭޓު ކުޑަކުރުން ހިމެނެއެވެ.

އަސާހީ ނޫހުގެ ރިޕޯޓުގައިވާ ގޮތުން، މި ގަވާއިދުތައް ހަދަނީ ޖަޕާނުގައި މުޢާމަލާތްކުރެވޭ 105 ވައްތަރުގެ ކްރިޕްޓޯކަރަންސީއަށް ތަންފީޒު ކުރާނެ ގޮތަށެވެ. އޭގެ ތެރޭގައި ބިޓްކޮއިން އާއި އެތީރިއަމް ފަދަ މަޝްހޫރު ކަރަންސީތައް ހިމެނެއެވެ.

މީގެ އިތުރުން، މި ބަދަލުތަކުގެ ދަށުން ކްރިޕްޓޯ އެކްސްޗޭންޖްތަކުން، އަގު ބަދަލުވުން ފަދަ ނުރައްކާތަކާ ގުޅޭ މައުލޫމާތުތައް ކަސްޓަމަރުންނަށް ހާމަކުރުން މަޖުބޫރުވާނެއެވެ.

އެފްއެސްއޭއިން ހުށަހަޅާފައިވާ ބަދަލުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ކްރިޕްޓޯ މުޢާމަލާތްތަކުން ލިބޭ ފައިދާއިން ނަގާ ޓެކްސްއަށް ގެންނަން ހުށަހަޅާފައިވާ ބޮޑު ލުޔެވެ. މިގޮތުން، މިހާރު އެންމެ މަތީގައި 55 ޕަސެންޓާ ހަމައަށް ނަގާ ޓެކްސް ރޭޓު، ސްޓޮކް ޓްރޭޑިންއާ އެއް ހަމައެއްގައި 20 ޕަސެންޓަށް ދަށްކުރުމަށް ވަނީ ހުށަހަޅާފައެވެ.

https://sun.mv/213886

މި ބަދަލުތަކުގެ ތެރެއިން، ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތަކަށް ވެސް ކްރިޕްޓޯކަރަންސީ ވިއްކުމުގެ ފުރުސަތު ހުޅުވައިލާނެއެވެ. އެގޮތުން، އެ ބެންކުތަކާއި ކުންފުނިތަކުގެ ސެކިއުރިޓީސް ސަބްސިޑަރީތައް މެދުވެރިކޮށް، ޑިޕޮސިޓަރުންނަށާއި އިންޝުއަރެންސް ހޯލްޑަރުންނަށް ކްރިޕްޓޯކަރަންސީ ވިއްކުމުގެ ހުއްދަ ލިބޭނެއެވެ.

އަސާހީ ނޫހުގައި ބުނެފައިވާ ގޮތުން، އެފްއެސްއޭއިން އަމާޒު ހިފާފައިވަނީ މި ގަވާއިދުތައް ގާނޫނަކަށް ހެދުމަށް ބޭނުންވާ ބިލް، އަންނަ އަހަރު ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅައި ފާސްކުރުމަށެވެ. ނަމަވެސް، އެ ނޫހުން މި މައުލޫމާތު ލިބުނު މަސްދަރެއް ހާމަކޮށްފައި ނުވާއިރު، މިކަމާ ގުޅޭގޮތުން އެފްއެސްއޭއިން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު