ސަލްމާނާ އެކު މަސައްކަތް ކުރެވުމުން ޗިތްރަންގާ އުފަލުން

ސަލްމާން ޚާން އަދި ބަތަލާ ޗިތްރަންގްދާ--ފޮޓޯ/ޓެލެގްރާފްއިންޑިއާ

މި މަހު ކުރީކޮޅު ޝޫޓިންގް ނިންމާލި ސަލްމާން ޚާންގެ އާ ފިލްމު "ބެޓްލް އޮފް ގަލްވާން"ގައި މަސައްކަތްކުރަން ލިބުނު ފުރުސަތަކީ ކެރިއަރުގައި ކުރެވުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށް ފިލްމުގެ ބަތަލާގެ ރޯލް ކުޅޭ ޗިތުރަންގްދާ ސިންގް ބުނެފިއެވެ.

ސަލްމާން އަކީ އިންޑިއާގެ ސިނަމާގައި މިވަގުތު ތިބި އެންމެ ކުޅަދާނަ އަދި ތަޖުރިބާހުރި އެކްޓަރުންގެ ތެރޭ ހިމެނޭ ފަންނާނެއް ކަމަށާއި ސަލްމާނާ އެކު މަސައްކަތް ކުރުމަކީ އެކްޓިން ކިޔަވައިދޭ މަދަރުސާއެއްގައި ފިލާވަޅެއް ނެގުން ކަހަލަ ކަމެއް ކަމަށް ޗިތްރަންގާ ވަނީ ބުނެފައެވެ.

ބޮލީވުޑްގެ އެންމެ ނަން މަޝްހޫރު އެކްޓަރާ އެކު މަސައްކަތް ކުރުމަކީ ކޮންމެ ބަތަލާއަކު ވެސް ދެކޭނެ ހުވަފެނެއް ކަމަށް ޗިތްރަންގާ ވަނީ ބުނެފައެވެ.

ފިލްމު "ބެޓްލް އޮފް ގަލްވާން"ގެ ފަސްޓް ލުކް ޕޯސްޓަރު--ފޮޓޯ/ބޮލީވުޑްހަންގާމާ

ސަލްމާން އަކީ ފިލްމު ސެޓުގައި ސްކްރިޕްޓާ އެއްގޮތަށް މަސައްކަތް ކުރުމުގެ އިތުރުން އެ ސްކްރިޕްޓަށް ބަދަލުތަކެއް ނުގެނެސް އިތުރު ފުރިހަމަކަމެއް ފިލްމުގެ ސްކްރިޕްޓަށް ގެނެސް އެއާ އެއްގޮތަށް މަސައްކަތްކުރާ އެކްޓަރެއް ކަމަށާއި އެއީ ފިލްމީ ތަރިންގެ ފަރާތުން ވަރަށް މަދުން ނޫނީ ނުފެންނަ މަންޒަރެއް ކަމަށް "ޝޫޓްއައުޓް އެޓް ލޮކަންޑްވާލާ"ގެ ބަތަލާ ވަނީ ބުނެފައެވެ.

ޗިތްރަންގާ އަކީ ވެސް އަސްކަރީ އާއިލާއަކަށް ނިސްބަތްވާ މީހެއްކަމުން "ބެޓްލް އޮފް ގަލްވާން" އަކީ އޭނާއަށް ވަރަށް މުހިއްމު ފިލްމެއް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ތަންކޮޅެއްކުރިން ސަލްމާން ޚާން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ، "ބެޓްލް އޮފް ގަލްވާން" އަކީ މިހާތަނަށް ކެރިއަރުގައި ކުޅުނު އެންމެ ވަރުގަދަ އެކްޝަން ފިލްމު ކަމަށެވެ. އެހެންވެ ފިލްމަށް އަމިއްލަ ހަށިގަނޑު ތައްޔާރުކުރުމުގެ ގޮތުން މީގެ ކުރިން މަސައްކަތްކޮށްފައިނުވާ މިންވަރަށް ތަމްރީނުތައް ހަދަން ޖެހުނު ކަމަށް ސަލްމާން ވަނީ ބުނެފައެވެ.

މި ފިލްމަކީ އިންޑިއާ އާއި ޗައިނާއާ ދެމެދު ގަލްވާން ވެލީގައި 2020 ގައި ހިނގި ކުރިމަތިލުންތަކެއްގެ މައްޗަށް ބިނާކޮށް ލިޔުންތެރިން ކަމަށްވާ ޝިވް އަރޫރް އާއި ރާހުލް ސިންގް ލިޔެފައިވާ "އިންޑިއާސް މޯސްޓް ފިއަލެސް 3" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.

އަންނަ މަހު ސިނަމާތަކަށް ގެންނާނެ ކަމަށް ބެލެވޭ މި ފިލްމުގެ ޓީޒާ ސަލްމާންގެ އުފަންދުވަހާ ދިމާކޮށް ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ސަލްމާންގެ އުފަންދުވަހަކީ މި މަހުގެ 27 ވަނަ ދުވަހެވެ.

comment ކޮމެންޓް