ކަނދޮޅުދޫގައި ކޯލްޑް ސްޓޯރޭޖަކާއި، ފާނަ ޕްރޮސެސްކުރާ ފެސިލިޓީއެއް ހިމެނޭހެން މަސްކިރުވާ ބަނދަރެއް ތަރައްގީކުރަނީ

ކަނދޮޅުދޫގައި ކޯލްޑް ސްޓޯރޭޖަކާއި، ފާނަ ޕްރޮސެސްކުރާ ފެސިލިޓީއެއް ހިމެނޭހެން މަސްކިރުވާ ބަނދަރެއް ތަރައްގީކުރަން ހަވާލުކޮށްފި -- ފޮޓޯ/ ރައީސް އޮފީސް

ރ. ކަނދޮޅުދޫގައި ކޯލްޑް ސްޓޯރޭޖަކާއި، ފާނަ ޕްރޮސެސްކުރާ ފެސިލިޓީއެއް ހިމެނޭހެން މަސްކިރުވާ ބަނދަރެއް ތަރައްގީކުރަން މިރޭ ހަވާލުކޮށްފިއެވެ.

މި މަސައްކަތް ހަވާލުކުރީ ދިވެހި ކުންފުންޏެއްކަމަށްވާ ތްރީ ވޭ އެންޓަޕްރައިސެސް ޕްރައިވެޓް ލިމިޓެޑްއާއެވެ.

ރ. ދުވާފަރުގައި މިރޭ އޮތް މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމެވެ. އަދި ތްރީ ވޭ އެންޓަޕްރައިސެސްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޙަސަން އިބްރާޙީމެވެ.

މި މަޝްރޫއުގެ ދަށުން ކަނދޮޅުދޫގައި ކޯލްޑް ސްޓޯރޭޖަކާއި، ފާނަ މަސް ޕްރޮސެސްކުރާ ފެސިލިޓީއެއްގެ އިތުރުން، މަސްދޯނިތަކާއި އުޅަނދުތައް ކައިރިކުރުމަށް އެކަށިގެންވާ ޒަމާނީ ބަނދަރެއް ވެސް ތަރައްގީކުރާނެއެވެ.

މި އެއްބަސްވުމާ ބެހޭ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މި މަޝްރޫއާއެކު ކަނދޮޅުދޫގައި ދުވާފަރު ރައްޔިތުންނަށް މަސްވެރިކަމުން އާމްދަނީ ހޯދޭނެ ގޮތެއް ފަހިވާނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެ ރަށަކީ ސުނާމީގެ ކުރިން، ދުވާފަރުގެ ރައްޔިތުން ދިރިއުޅެމުންދިޔަ، މަސްވެރި ރަށެކެވެ.

comment ކޮމެންޓް