ކަންނެލި ގަނެ، މާކެޓު ކޮށްގެން ފައިސާ ހޯދައިދިނުމަށް ސަރުކާރުން ވީ ވައުދު ނުފުއްދާ ކަމަށް ބުނެ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން މާލެ ކައިރީގައި ކުރަމުން އަންނަ އިހުތިޖާޖުގައި ބޭނުންކުރަމުން އަންނަ ދޯނިތަކަށް ފުލުހުން އަރައި، ބިދޭސީ ފަޅުވެރިން ހައްޔަރުކުރަން ފަށައިފިއެވެ.
މަސްވެރިންގެ ދުވަހާ ގުޅުވައި، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އިހުތިޖާޖު ފެށީ އިއްޔެ ހެނދުނު 09:00ގައެވެ. އެ ޔޫނިއަނުން ވަނީ ސަރުކާރުން މަސްވެރިންގެ ކަންބޮޑުވުންތައް ހައްލުކުރަން ދައްކާ ވާހަކައާ އަމަލާ ދިމާނުވާ ކަމަށް ބުނެފައެވެ.
މަސްވެރީންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބެނީސް އިހުތިޖާޖު ނުހުއްޓާނެ ކަމަށް އެ ޔޫނިއަނުން ބުނެފައިވާއިރު، ބިދޭސީ ފަޅުވެރިން ހައްޔަރުކުރާނެ ކަމަށް ފުލުހުން އިންޒާރުދީފައިވާ ކަމަށް އެ ޔޫނިއަނުން އިއްޔެ ބުނެފައިވެއެވެ.
މިއަދު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން، ފުލުހުން ދޯންޏަކަށް އަރައި، ތިން މީހުން ހިފަހައްޓައިގެން ފުލުހުންގެ ލޯންޗަކަށް އަރުވާ މަންޒަރު ފެނެއެވެ.

މަސްވެރިންގެ އިހުތިޖާޖު: ފުލުހުން ވަނީ ދޯނިތަކުން މީހުން ހައްޔަރުކުރަން ފަށައިފައި -- ސަން ފޮޓޯ/ މޫސާ ނަދީމް
އެކަމާ ގުޅޭ ގޮތުން ފުލުހުން "ސަން"އަށް ބުނީ، މަސްވެރިން މިހާރު ކުރަމުންދާ އިހުތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާކަން ފާހަގަކުރެވުމާއެކު، އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވި ކަމަށެވެ. އެއަށްފަހު، އެ ދޯނިތަކުގައި މަސައްކަތްކުރާ ބިދޭސީންނާ ގުޅޭ މައުލޫމާތު ހޯދުމަށްޓަކައި ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
"އެގޮތުން މިއަދު ފުލުހުން ވަނީ އިހުތިޖާޖުގައި ބިދޭސީން ހަރަކާތްތެރިވާކަމަށް ފާހަގަކުރެވިފައިވާ ދޯނިތަކަށް އަރާފައި." ފުލުހުން ބުންޏެވެ.
އިއްޔެ ނެރުނު ބަޔާނެއްގައި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ފަރާތުން ވަނީ މި ސަރުކާރުގެ މެނިފެސްޓޯގައި ކަންނެލި މަސްވެރިންނަށް ކޮށްދެއްވާނެ ކަމަށް ހިމަނާފައިވާ ކަންކަން ހިއްސާކޮށްފައެވެ. އޭގެ ތެރޭގައި:
- ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް ބޮޑު ކަންނެލި ގަންނަން ފެށުން
- ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80 ރުފިޔާ އަދި 100 ރުފިޔާ ކަމަށް ހެދުން
- މަސްވެރިންނަށް ބޭސް ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމަށާއި، ފަސޭހައިން އައިސް ލިބޭނޭ އިންތިޒާމު ހަމަޖެއްސުން
ސަރުކާރުގެ އެ ވައުދުތައް ފާހަގަކޮށް، އެ ވައުދުތައް ފުއްދުމަށް އެދި މި ސަރުކާރުގެ ދައުރު ފެށުނީއްސުރެ އެކި ސިފަސިފައިގައި ގޮވާލަމުން އައިކަން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ފާހަގަކުރިއެވެ. އަދި އެކި މަޝްވަރާ ބައްދަލުވުންތައް ސަރުކާރާއި މަސް ގަންނަ ފަރާތްތަކާއެކު ބޭއްވުމުގެ އިތުރުން ބަޔާންތައް ނެރެފައިވާނެ ކަމަށްވެސް ބުންޏެވެ.
ޑިމާންޑުތަކަށް ޖަވާބު ނުލިބޭކަމަށް ބުނެ ބޮޑުކަންނެލި މަސްވެރިން އިހުތިޖާޖުކުރަނިކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް އިއްޔެ ވިދާޅުވީ ބޮޑުކަންނެލި މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޮޑުކަންނެލި ގަންނަ ކުންފުނިތަކަށް، ވިއްކައިފައި ހުރި ކަންނެއްޔަށް ފައިސާ ނުލިބި ލަސްވުން ކަމަށެވެ. އަދި މަސްވެރިކަން ރަނގަޅުވާއިރު، ބޮޑުކަންނެލީގެ އަގުދަށްވުން ކަމަށެވެ.
އެކަން ހައްލުކުރުމަށް ބޮޑުކަންނެލި މަސްވެރިން އެދެނީ ސަރުކާރުން އެ ކަމަަށް ވަދެ، ވިޔަފާރި ފުޅާކުރަން ކަމަށާއި، ސަރުކާރުން ވީ ވައުދުތައް އަވަހަށް ފުއްދަން ކަމަށެވެ.
ވައުދު ފުއްދުމުގެ ދަށުން، ހުޅުމާލޭގައި ބޮޑުކަންނެލި މަސް ޕްރޮސެސްކުރަން ތަރައްގީކުރާ ފެސިލިޓީގެ އަމަލީ މަސައްކަތް އަންނަ މަހު ފަށަން ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.