ޣައްޒާ (10 ޑިސެންބަރު 2025) : އިސްރާއީލުން ކާބޯތަކެއްޗަށް ހުރަސް އެޅުމުގެ ސަބަބުން ޣައްޒާގައި ކާޑުބަލި ތަހައްމަލު ކުރަންޖެހޭ ބޮޑެތި މީހުންނާއި ކުޑަކުދިންގެ އަދަދު އަދިވެސް ވަރަށް މަތިކަމަށް އދ. ން ބުނެފިއެވެ.
ޣައްޒާގެ އިންސާނީ ހާލަތު ބައްލަވަމުން ގެންދަވާ އދ. ގެ މަސްއޫލުވެރިން ވިދާޅުވާގޮތުގައި ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން އޮތްނަމަވެސް ކާބޯތަކެއްޗާއި ބޭސް އަދި އިންސާނީ އެހީގެ ތަކެތި ޣައްޒާއަށް ވެއްދުމަށް އިސްރާއީލު ގެންދަނީ ތަކުރާރުކޮށް ހުރަސްއަޅަމުންނެވެ.
ޣައްޒާއަށް ދުވާލެއްގެ މައްޗަށް އިންސާނީ އެހީގެ 700 ޓްރެކް ވަދެގެން މެނުވީ ޣައްޒާ ގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ކާބޯތަކެއްޗާއި ބޭހާއި އެ ނޫން އިންސާނީ އެހީ ލިބޭނެ ގޮތެއް ނޯންނާނެއެވެ. އިސްރާއީލުގެ ހުރަސްއެޅުންތަކާއެކު މިހާރުވެސް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ޣައްޒާއަށް ވެއްދެނީ ގާތްގަނޑަކަށް 400 ޓްރެކްގެ އިންސާނީ އެހީގެ ތަކެއްޗެކެވެ.
އަނެއްކޮޅުން އިސްރާއީލުން ޣައްޒާގެ އެކިތަންތަނަށް އަދިވެސް ހަމަލާތައް ދެމުން ގެންދާތީ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ތަކެތި ބެހުމުގެ މަސައްކަތަށްވެސްވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެވެ.
އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގަނީ ދެވަނަ ބޮޑުހަނގުރާމައިގާ ނާޒީ ޖަރުމަނުން ޔަހޫދީންނާ އަދި ބައިމަދު ދަރިކޮޅުތަކުގެ މީހުންގެ ނަސްލު ނައްތާލުމަށް ހިންގި ވައްތަރުގެ ހޮލޮކޯސްޓްގެ އަމަލުތަކެއްކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުންވަނީ ސިފަކޮށްފައެވެ.

ޣައްޒާގެ ތުއްތުކުދިން
ކުޑަކުދިންނާބެހޭ އދ. ގެ ފަންޑު ޔުނިސެފް ބުނާގޮތުގައި ޣައްޒާގައި އެތަށް ހާސް ކުޑަކުދިންނާއި ތުއްތު ކުދިން އަދިވެސް ގެންދަނީ ހައިހޫނުކަން ތަހައްމަލް ކުރަމުންނެވެ. އަދި ކާބޯތަކެތި ނުލިބިގެން ކާޑުބަލީގެ ޝިކާރައަކަށް ވެފައިވާ އެތަށް ހާސް ކުދިން އެނދުމަތިކޮށްގެން ގެންދަނީ ފަރުވާ ދެމުންނެވެ.
އިސްރާއީލުން ޣައްޒާގެ ހޮސްޕިޓަލްތަކަށް ހަމަލާދީ އެތަންތަން ފުނޑާލައި ވަސީލަތްތައް ހަލާކުކޮށްލާފައިވާތީ ކާޑުބަލީގެ ޝިކާރައަކަށް ވެފައިވާ އެތަށް ހާސް ކުދިންނަށް ފަރުވާދޭނެ ވަސީލަތް ޣައްޒާގައި ނެތްކަމަށާއި ޣައްޒާގައި މިހާރުވެސް ކާޑުބަލީގެ ވޭން އުފުލަންޖެހޭ 6 ހާހަށް ވުރެގިނަ ކުދިން ތިބިކަމަށް ޔުނިސެފް ބުނެއެވެ.
މީގެތެރެއިން ގިނަ ކުދިންނަށް ފަރުވާދިނުމަށް މަސައްކަތް ކުރަނީ ފޭލިގެ ތަކުގައި ހަދާފައިވާ ވަގުތީ ހޮސްޕިޓަލްތަކުގައެވެ. ޣައްޒާގެ ހޮސްޕިޓަލްތައް މަރާމާތު ކުރުމަށް އދ. ންނާއި އިންސާނީ އެހީދޭ ޖަމްއިއްޔާ ޖަމާއަތްތަކުން ކުރާ މަސައްކަތްތަކަށްވެސް ޔަހޫދީ އިސްރާއީލު ގެންދަނީ ހުސްއަޅަމުންނެވެ. ހޮސްޕިޓަލްތައް މަރާމާތު ކުރުމަށް ބޭނުންވާ މޭޓީރިއަލް ޣައްޒާއަށް ވެއްދުންވަނީ މަނާކޮށްފައެވެ. އަދި ސިއްހީ ކަންކަމަށް ބޭނުންވާ މެޝިނަރީ ވެއްދުމަށްވެސް އިސްރާއީލު ހުރަސްއަޅަމުން ގެންދާކަން އދ.ން ފާހަގަ ކުރެއެވެ.
ޔުނިސެފްގެ ތަރުޖަމާނު، ޓެސް އިންގްރާމް ވިދާޅުވިގޮތުގައި ކާޑުބަލިޖެހިފައިވާ ކުޑަކުދިންގެ ތެރެއިން އެތަށް ސަތޭކަ ކުއްޖެއްގެ ފުރާނައަށް ނުރައްކާވާ މިންވަރަށް އެކުދިންގެ ހާލަތުވަނީ ގޯސްވެފައެވެ. އދ. އާއި އިންސާނީ އެހީ ދޭ ޖަމްއިއްޔާ ޖަމާއަތްތައް ބުނާގޮތުން ޣައްޒާގެ 2.2 މިލިޔަން މީހުންގެ އާބާދީގެ ތެރެއިން ގާތްގަނޑަކަށް 5 ލައްކައެއްހާ މީހުން އަދިވެސް ގެންދަނީ ހައިހޫނުކަން ތަހައްމަލު ކުރަމުންނެވެ. އެއީ ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި ވެއްދުމަށް ޔަހޫދީ އިސްރާއީލުން ހުރަސްއަޅާތީއެވެ.
އޮބްޒާވަރުންނާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން މިދިޔަ އޮކްޓޯބަރު މަހު ޣައްޒާގެ ހަމަލާތައް ހުއްޓާލިފަހުން މިހާތަނަށް އިސްރާއީލު ވަނީ 400 އަށް ވުރެގިނަ ފަހަރު އެއެއްބަސްވުމާ ޚިލާފަށް ޣައްޒާއަށް ހަމަލާތައްދީ އާންމުން މަރާފައެވެ.
އިސްރާއީލު ގެންދަނީ ޣައްޒާއާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކާބޯތަކެއްޗާއި ބޭހާއި އިންސާނީ އެހީ ބޭނުންކޮށް ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް މަސައްކަތް ކުރަމުންނެވެ. އަދި ގަސްދުގައި އާންމުން މެރުމަށްޓަކައި އާންމުންގެ ގެދޮރަށާއި ކާބޯކަތެކި ހޯދުމަށް ކިޔުޖެހިފައިވާ މީހުންގެ ކިޔުތަަކަށްވެސް ހަަމަލާދީ އިސްރާއީލު ގެންްދަނީ ފާޅުގައި ގަތުލުއާންމުތައް ހިންގަމުންނެވެ.
އިސްރާއީލުގެ މައްޗަށް މި ތުހުމަތުތައް ކުރެވި މިމައްސަލާގައި އިސްރާއީލުގެ މައްޗަށްވަނީ ބައިނަލްއަގްވާމީ އިންސާފުގެ ކޯޓުގައި ދައުވާވެސް އުފުލާފައެވެ. އަދި ބައިނަލްއަގްވާމީ ޖިނާއީ ކޯޓުންވަނީ މިޒަމާނުގެ ހިޓްލަރުގެ ގޮތުގައި ސިފަކުރެވޭ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ހައްޔަރުކޮށް އެކޯޓަށް ހާޒިރު ކުރުމުގެ އަމުރެއްވެސް ނެރެފައެވެ.
އިސްރާއީލުގެ އަނިޔާވެރިކަމުގެ މައްސަލަ ބައިނަލްއަގްވާމީ ކޯޓުތަކުން ބަލާތީ އެމެރިކާ ގެންދަނީ އެކޯޓުތަކަށް ބިރު ދައްކައި ފަނޑިޔާރުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުއަޅައި ބައިނަލްއަގްވާމީ އިންސާފަށް އަތްބޭނުމަށް ފާޅުގައި މަސައްކަތް ކުރަމުންނެވެ. އެމެރިކާއަކީ ޔަހޫދީ ޓެރަރިޒަމް ސްޕޮންސާ ކުރާ މައި ގައުމު ކަމަށް ތުހުމަތު ކުރެވިފައިވާ ގައުމެވެ. އިސްރާއީލުވަނީ ޣައްޒާގެ 20 ހާހަށް ވުރެ ގިނަ ކުޑަކުދިން ޝަހީދުކޮށްލައި ބައި ލައްކައަށް ވުރެގިނަ ކުޑަކުދިން ގެ މައިބަފައިން މަރާލައި އެކުދިން ޔަތީމް ކޮށްލާފައެވެ. އަދި އާއިލާތައް ހުރިހުރި ގޮތަށްވަނީ ނައްތާލާފައެވެ.