މަސް ޕްރޮސެސް ކުރާ ސާމާނާއި އެ ކަމާ ގުޅުން ހުރި މުދާ ގަތުމަށް ރަހުނަކާ ނުލާ، 50،000 ރުފިޔާއާއި ހަތަރު ލައްކަ ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރާ ސްކީމެއް މިއަދު ތައާރަފުކޮށްފިއެވެ.
'މަހަ މަންފާ'ގެ ނަމުގައި ތައާރަފުކުރި މި ސްކީމުގެ މަގުސަދަކީ، މަސްވެރިކަމުގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީ ލުއި ގޮތެއްގައި ފޯރުކޮށްދިނުމެވެ.
ފިޝަރީސް މިނިސްޓްރީއާ ގުޅިގެން ތައާރަފުކުރި މި ސްކީމުގެ ތެރެއިން ރާއްޖޭގެ އެކި ހިސާބުތަކުގައި ވެލިއު އެޑިޝަނަށް ބޭނުންވާ ވަސީލަތްތަކާއި މަހުގެ ބާވަތްތަކުން ތައްޔާރު ކުރާ އުފެއްދުންތައް ބަންދުކުރުމަށާއި މަސް ރައްކާކުރެވޭނެ ނިޒާމުތައް ގާއިމުކުރަން މާލީ އެހީ ދޭނެ ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުނެއެވެ.

މީހަކު މަހެއް ހިފައިގެން: މަސް ޕްރޮސެސް ކުރާ ސާމާނު ގަތުމަށް ހަތަރު ލައްކަ ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރާ ސްކީމެއް ވަނީ ތައާރަފުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެގޮތުން، މަސް ކައްކާ ހިއްކުމުގައި ހަރަކާތްތެރިވާ މީހުންގެ އުފެއްދުންތައް ބާޒާރަށް ނެރުމަށް ބޭނުންވާ މާލީ އެހީ ދިނުމަށް ޚާއްސަ އިސްކަމެއް ދޭނެ ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުނެއެވެ.
މި ފައިނޭންސިންގެ ދަށުން، މަސް ޕްރޮސެސްކުރުމަށް ބޭނުންވާ ސާމާނާއި ވަސީލަތްތަކާއި ގުޅުންހުރި މުދާ ގަތުމަށް ރަހުނަކާ ނުލާ 50,000 ރުފިޔާއާއި 400,000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ފައިނޭންސް ފޯރުކޮށްދެެއެވެ.
ހަމައެހެންމެ، ވިޔަފާރިތަކަށް ފަސޭހަ ކޮށްދިނުމަށް އެ ފައިސާ އަނބުރާ ދެއްކުމަށް ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން ގިނަވެގެން ހަތް އަހަރު ލިބެއެވެ.
މި އެހީއަކީ، ރާއްޖޭގައި މިވަގުތު މަސްވެރިންނަށް ދެވޭ އެންމެ ކުޑަ ރޭޓު ކަމުގައިވާ އަހަރަކަށް ހަ ޕަސެންޓު ރޭޓުން ދޫކުރެވޭ މާލީ އެހީއެކެވެ.
އިސްލާމީ އުސޫލުތަކާ އެއްގޮތަށް ތައްޔާރުކޮށްފައިވާ މި ސްކީމާ ގުޅޭގޮތުން، އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، މިއީ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ހަރުދަނާ ކުރުމަށާއި ކުދި ވިޔަފާރިތަކުގެ ދައުރު ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
"މި ސިނާއަތް ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ރޭވި، ފުރުސަތުތައް ފަހިކޮށްދެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް ލިބޭ ނަފާ އިތުރުވެ، މަސްވެރިކަމުގެ އެކްސްޕޯޓް އިތުރުކުރެވޭނެ ކަމަށް ލަފާކުރެވޭ. އަދި ރާއްޖޭގެ މަސްވެރިކަމާއި މަހުގެ އުފެއްދުންތައް ބޭރު ދުނިޔޭގައި މާކެޓު ކުރުމަށް ވެސް މި ސްކީމުން އެހީތެރިވެދޭނެ" ބަދުރުއްދީން ވިދާޅުވިއެވެ.
މި އެހީއިން މަހުގެ ބާވަތްތަކުން ތައްޔާރު ކުރާ އުފެއްދުންތަކުން ވިޔަފާރިތަކަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.