މަދަހަ ރަން އަޑުގެ ހަތް ވަނަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މަދަހަ ރަން އަޑު ސީރީސް އަކީ 2020އިން ފެށިގެން މޯލްޑިވްސް މިޔުޒިކް އެންޑް އާޓްސް ސެންޓަރު (އެމްއެމްއޭސީ)ން ބާއްވަމުން އަންނަ ސިލްސިލާ މަދަހަ މުބާރާތެކެވެ. މި މުމުބާރާތަކީ މިހާތަނަށް މެދުކެނޑުމެއްނެތި އެންމެ ގިނަ ދުވަސް ވަންދެން ބާއްވަމުން އަންނަ މުބާރާތެވެ.
މިދިޔަ އަހަރުގެ މުބާރާތުގައި ރާއްޖޭގެ ހުރިހާ އަތޮޅަކުން 139 ބައިވެރިން މަދަހަ ކިޔާފައިވެއެވެ.
އެމްއެމްއޭސީން ބުނި ގޮތުގައި، އެ މުބާރާތުގެ މަގުސަދަކީ މަދަހަ ކިޔައި، ހުށަހަޅާ ހިތްވާ ދަރިވަރުންގެ މެދުގައި ކިޔުންތެރިކަމުގެ ފަންނުވެރިކަން ކުރިއެރުވުމެވެ. އަދި ދަރިވަރުންގެ މެދުގައި ދީނީ ޝިޔާރު ފައުޅުކުރުމުގެ ލޯބި ޖެއްސުމާއި، އަމިއްލަ ދިވެހިވަންތަ މަދަހައިގެ ރާގުތަކުގެ އުފެއްދުންތެރިކަން އިތުރުކޮށް، މި މުބާރާތުގެ ސަބަބުން މުސްތަގުބަލުގައި ފެންވަރު ރަނގަޅު ދިވެހި ފަންނުވެރިން އުފެދި، ފަންނުވެރިކަން ތަރައްގީވެ ކުރިއަރާ ދާނެ ކަމަށް ކަމަށް ވެސް އެ ސެންޓަރުން އުއްމީދުކުރެއެވެ.
މީގެ އިތުުރުން ދަރިވަރުންގައި ހުރި އިތުރު ފަންނުތައް ދެނެގަތުމަކީވެސް މި މުބާރާތުގެ މަގުސަދެއް ކަމަށް އެމްއެމްއޭސީން ބުންޏެވެ.
އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިދިޔަ މަހުގެ 19ގައި ހުޅުވާލައިފައިވާއިރު، އެ މުބާރާތުގައި ވީހާ ވެސް ގިނަ ރަށު ކައުންސިލްތަކުންނާއި ސްކޫލްތަކުން ބައިވެރިވުމަކީ އެމްއެމްއޭސީގެ ވަރަށް ބޮޑު އެދުމެއް ކަމުގައި އެ ސެންޓަރުން ވަނީ ހާމަކޮށްފައެވެ.

މަދަހަ ރަން އަޑުގެ، 2023 ވަނަ އަހަރުގެ މުބާރާތުގެ ވަނަތައް ދިނުން --
އެ މުބާރާތުގެ ޖޫނިއާ ގްރޫޕްގައި ވާދަކުރާނީ ހަ އަހަރުންދަށާއި، ނުވަ އަހަރުން ދަށާއި، 11 އަހަރުން ދަށުގެ އުމުރުފުރާގެ ދަރިވަރުންނެވެ. އަދި ސީނިއާ ގްރޫޕްގައި ވާދަ ކުރާނީ 13 އަހަރުން ދަށާއި، 16 އަހަރުން ދަށާއި، 18 އަހަރުން ދަށުގެ އުމުރުފުރާތަކުގެ ދަރިވަރުންނެވެ. އަދި ޒުވާނުންގެ އުމުރުފުރާއިން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ބައިވެރިންނަށްވެސް މިމުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނެއެވެ.
މަދަހަ ރަން އަޑު މުބާރާތްތަކުގައި، ރަށްފުށުގެ ރީތި މަންޒަރުތައް ހިމެނޭ ގޮތަށް ވާޗުއަލް މަދަހަތައް ވެސް ދަނީ ބައިވެރިކުރަމުންނެވެ. އަދި މި މުބާރާތުން، ވޭތުވެ ދިޔަ ހަ މުބާރާތުގައި އެއް ވަނަ ދެ ވަނަ ތިން ވަނަ އަތޮޅާއި އެއް ވަނަ ދެ ވަނަ ތިން ވަނަ ރަށް ވެސް ވަނީ ހޮވާފައެވެ. އެ މުބާރާތްތަކުގައި ވަނަތަކަށް އައި ބައިވެރިންނަށް އަގު ބޮޑު އިނާމުތަކެއް ވަނީ ދީފައެވެ.
ކުރިއަށް އޮތް މުބާރާތުގައިވެސް އަތޮޅުތަކުން މަދަހަ ބައިވެރިކުރުމުގެ ފުރުޞަތު ހުޅުވާލާފައި އޮތްކަން އެމްއެމްއޭސީން ފާހަގަކުރިއެވެ. އަދި މަދަހަ ކިޔުމުގެ ދާއިރާގައި ވިދަމުން އަންނަ ގިނަ ތަރިންނަކީ އެ ސެންޓަރުގެ ދަރިވަރުންކަން އެމްއެމްއޭސީން ފާހަގަ ކުރެވެއެވެ.
އެ މުބާރާތްތަކުން މަތީ ވަނަތަކަށް އަންނަ ދަރިވަރުންނަށް ރައީސް ދެއްވާ ޚާއްސަ އިނާމާއި އެކި މިނިސްޓްރީތަކުންނާއި ކުންފުނިތަކުން ދެމުން އަންނަ އިނާމަކީ ދަރިވަރުން ވަރަށް ޝައުގުވެރިކަމާއެކު އިންތިޒާރުކުރާ އިނާމުތަކެއްކަންވެސް އެ ސެންޓަރުންވަނީ ފާހަގަކޮށްފައެވެ.
އެ މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ ޖަނަވަރީ މަހުގެ ހަތް ވަނަ ދުވަހެވެ. އަދި އެ މުބާރާތުގެ ޝޫޓިންގް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖަނަވަރީ 20އާއި 25އާ ދެމެދުގެ ތާރީޚެއްގައި އެމްއެމްއޭސީގެ ސްޓޫޑިއޯގައެއެވެ.
މަދަހަ ރަން އަޑުގެ އާ ސީޒަންގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 9990997 އަދި 7316256 އަށެވެ.