ކުރިއަށް އޮތް ޖަނަވަރީ މަހު ރިލީޒްކުރަން ތައްޔާރަށް އޮތް ފިލްމު "ބޯޑާ 2"ގެ މައިގަނޑު އެކްޓަރުންގެތެރޭ ހިމެނޭ އަހާން ޝެޓީ ފިލްމުގައި ކުޅޭ ކެރެކްޓާގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފިއެވެ.
މި ފިލްމަކީ އަހާން ބޮލީވުޑަށް ތައާރަފްވި ފިލްމު "ތަޅަޕް"އަށް ފަހު ބެލުންތެރިންނަށް އަހާން ފެންނާނެ އޭނާގެ ދެވަނަ ފިލްމެވެ. ފިލްމު "ބޯޑާ 2"ގެ މުހިއްމު ރޯލަކުން އަހާން ފެންނާނެއިރު 1997 ވަނަ އަހަރު ގެނެސްދިން ފިލްމު "ބޯޑާ" އަކީ އަހާންގެ ބައްޕަ އެކްޓަރު ސުނިލް ޝެޓީ މުހިއްމު ރޯލަކުން ބެލުންތެރިންނަށް ފެނުނު ފިލްމެކެވެ.
ސުނިލް ޝެޓީ ފިލްމު "ބޯޑާ"ގެ މަސައްކަތްކުރި ދުވަސްވަރު އަންހެނުން މާނާ ޝެޓީ އިނީ އަހާންއަށް ބަލިވެއެވެ. އެ ފިލްމުގެ ވަރަށް ގިނަ ޝޫޓިންތަކަށް އޭރު މާނާ ޒިޔާރަތްކުރި ކަމަށް އަހާން ވަނީ ކުރިން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައެވެ. އެހެންވެ ފިލްމު "ބޯޑާ 2" އަކީ އޭނާއަށް ހުރިހާ ގޮތަކުން ވެސް ވަރަށް ހާއްސަ ފިލްމެއް ކަމަށް އަހާން ވަނީ ބުނެފައެވެ.

ފިލްމު "ބޯޑާ 2"ގެ މައިގަނޑު ތަރިން އެ ތަރިންގެ ކެރެކްޓާ ދައްކައިލި ޕޯސްޓަރުގައި--ފޮޓޯ/ހިންދުންސްތާންޓައިމްސް
އަހާން ޒުވާން ނޭވީ އޮފިސަރެއްގެ ރޯލްއިން ފެންނާނެ މި ފިލްމުގައި އޭނާ ކުޅޭ ކެރެކްޓާ އަކީ އިންޑިއާގެ ނޭވީގައި މަސައްކަތްކުރާ އަދި އެ ދާއިރާއަށް ޝައުގުވެރިކަން ހުންނަ ޒުވާނުންނަށް ވަރަށް ބޮޑު ހިތްވަރެއް ލިބޭނެ ކެރެކްޓާއެއް ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.
އަހާންގެ ކެރެކްޓާއަކީ އިންޑިއާގެ ނޭވީ އޮފިސަރުންގެ އަޑު ބެލުންތެރިންނަށް ގެނެސްދޭނެ ކެރެކްޓާއެއް ކަމަށް ވެސް ފިލްމުގެ ޕްރޮޑަކްޝަން ޓީމާ ހަވާލާދީ ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
ސަނީ ޑިއޯލް ލީޑް ރޯލް ކުޅޭ ފިލްމު "ބޯޑާ 2"އިން އަހާންއާ އެކު ދެން ފެންނާނެ މުހިއްމު ތަރިންގެތެރޭ ވަރުން ދަވަން އަދި ދިލްޖީތު ދޮސާންޖް ހިމެނެއެވެ.
އެ ތިން އެކްޓަރުންގެ ކެރެކްޓާ ދައްކާލަދޭ ޕޯސްޓަރުތަކެއް ތަންކޮޅެއް ކުރިން ވަނީ ރިލީޒްކޮށްފައެވެ. ޖޭޕީ ފިލްމްސް އާއި ބުޝަން ކުމާރުގެ ޓީ-ސީރީސް ގުޅިގެން ގެނެސްދޭ "ބޯޑާ 2" ސިނަމާތަކަށް ގެންނާނީ ޖަނަވަރީ މަހުގެ 23ގައެވެ.