މިދިޔަ ހުކުރު ދުވަހު ސިނަމާތަކުގައި ރިލީޒްކޮށް ބެލުންތެރިންގެ ހޫނު ތަރުހީބެއް ލިބެމުން އަންނަ ފިލްމު "ދުރަންދާރް"ގެ ޝޫޓިންގްގައި އެކްޓަރު އަކްޝޭ ކަންނާ ގިނަ ވަގުތު ހޭދަކުރީ އޮކްސިޖަން މާސްކާ އެކު ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
މިހާރު ވައިރަލްވެފައިވާ އެ ފިލްމުގެ ލަވަ "FA9LA" ލަވައިގެ ބައެއް ސްޓެޕްތައް އަކްޝޭ ޕާފޯމްކުރިއިރު އެކްޓަރުގެ އޮކްސިޖަން ލެވެލް ދަށްވުމުގެ މައްސަލަ ކުރިމަތިވި ކަމަށް ކޮރިއަގްރާފަރު ވިޖޭ ގަންގޫލީ ވަނީ ބުނެފައެވެ.
މިޑް-ޑޭއަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ވިޖޭ ބުނީ، ހަގީގަތުގައި އެ ލަވައިގައި އަކްޝޭ ނަށާ މަންޒަރަކީ ކުރިން ޕްލޭންކުރި މަންޒަރުތަކެއް ނޫން ކަމަށެވެ. އެ ލަވައިގެ މިއުޒިކް އަޑުއިވި އެ މިއުޒިކު އަކްޝޭއަށް ކަމުދިއުމުން ނެށިއަސް އެންމެ ރަނގަޅުތޯ ފިލްމުގެ ޑައިރެކްޓަރު ގާތު އެކްޓަރު އެހި ކަމަށް ގަންގޫލީ ވަނީ ބުނެފައެވެ.
އަކްޝޭ އެދުމަށް ތަބާވުމުގެ ގޮތުން އަކްޝޭ ފެންނަ މަންޒަރުތަކުގައި ނެށުމުގެ ހުއްދަ އެކްޓަރަށް ޑައިރެކްޓަރު ދިން ކަމަށާއި އެވަގުތު އަކްޝޭ ކަންކުރާނެ ގޮތެއް އެކަކަށް ވެސް ނޭނގޭ ކަމަށް ކޮރިއަގްރާފަރު ގަންގޫލީ ވަނީ ބުނެފައެވެ.
ނަމަވެސް ބޮލީވުޑްގެ ތަޖުރިބާކާރު އެކްޓަރު ދެއްކި ވަރަށް އާދައިގެ ނެށުމާ އެކު "ދުރަންދާރް"ގެ އެ ލަވައަށާއި މިއުޒިކަށް ބެލުންތެރިންގެ ތަރުހީބު ލިބި ސޯޝަލް މީޑިއާގައި އެ ލަވަ ނުފެންނަ މީހަކު މަދުވާނެ ކަމަށް ގަންގޫލީ ވަނީ ބުނެފައެވެ.

ކޮރިއަގްރާފަރު ވިޖޭ ގަންގޫލީ--ފޮޓޯ/މިޑް-ޑޭ
އެ ލަވައިގެ މަންޒަރުތައް ޝޫޓްކުރަން ދިޔައިރު ކުޑަ އޮކްސިޖަން ސިލިންޑަރެއް އަކްޝޭ ގެންގުޅުނު ކަމަށް ގަންގޫލީ ވަނީ ބުނެފައެވެ. ލަވައިގެ ޝޫޓިންގްތެރޭ ދޭތެރެ ދޭތެރެއިން އެކްޓަރުގެ އޮކްސިޖަން ލެވެލް ދަށްވަމުން ދިޔުމުގެ ސަބަބުން ފަހުން އަކްޝޭ އުޅުނީ އޮކްސިޖަން މާސްކުގެ އެހީގައި ކަމަށް ކުޅަދާނަ ކޮރިއަގްރާފަރު ވިޖޭ ގަންގޫލީ ވަނީ ބުނެފައެވެ.
ފިލްމު "ދުރަންދާރް"ގައި އަކްޝޭ ކުޅެފައިވާ 'ރެހްމާން ދަކައިޓް'ގެ ކެރެކްޓާއަށް އަކްޝޭ ވަނީ ވަރަށް އިންސާފުވެރިކަމާ އެކު ގެނެސްދީފައި ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ އެކްޓަރަށް ތައުރީފު ކުރަމުންނެވެ.
އޭގެތެރޭގައި އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ވެސް ހިމެނެއެވެ. ކުރީގެ މަޝްހޫރު އައިކޮނިކް އެކްޓަރު ވިނޯދު ކަންނާގެ ދަރިފުޅު އަކްޝޭ ކަންނާ އަކީ ފިލްމީ ކެރިއަރު ފެށުމަށްފަހު މާބޮޑު ކާމިޔާބީއެއް ކެރިއަރުގެ ކުރީކޮޅު ނުލިބުނު ތަރިއެކެވެ.
ނަމަވެސް މި ފަހުން އަކްޝޭ ސޮއިކުރާ ގިނަ ފިލްމުތަކުގައި ކުޅޭ ކެރެކްޓާއަށް ބެލުންތެރިންގެ ސަމާލުކަން ލިބި ވަރަށް ބޮޑު ތަރުހީބެއް އެކްޓަރަށް އަންނަނީ ލިބެމުންނެވެ. އޭގެތެރޭގައި މި އަހަރު ރިލީޒްކުރި ފިލްމު "ޗާވާ" ހިމެނެއެވެ.