އޮސްޓްރޭލިއާގެ 16 އަހަރުން ދަށުގެ ކުދިންގެ އެކައުންޓްތައް މެޓާއިން ޑިލީޓްކުރަން ފަށައިފި

މެޓާގެ އެކިއެކި ޕްލެޓްފޯމްތަކުގައި ހަރަކާތްތެރިވާ ކުދިން ވަރަށް ގިނަ --- ފޮޓޯ: އަނަޑޯލު

އޮސްޓްރޭލިއާގައި ސޯޝަލް މީޑިއާ ބޭނުންކުރުމާ ބެހޭ ގޮތުން އާ ޤާނޫނަށް އަމަލު ކުރަން ފަށަން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް، މެޓާ އިން އެ ޤައުމުގެ 16 އަހަރުން ދަށުގެ ޔޫޒަރުންގެ އިންސްޓަގްރާމް، ފޭސްބުކް އަދި ތްރެޑްސް އެކައުންޓްތައް ޑިލީޓް ކުރަން ފަށައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މިކަމުގެ ސަބަބުން ގާތްގަނޑަކަށް ފަސް ލައްކަ އެކައުންޓަށް އަސަރުކުރާނެ ކަމަށް މެޓާއިން ލަފާކުރެއެވެ.

މި ޤާނޫނު ތަންފީޒުވުމުގެ ކުރިން، މި މަހުގެ ހަތަރަކުން ފެށިގެން 13 އަހަރާއި 15 އަހަރާ ދެމެދުގެ ޔޫޒަރުންގެ އެކައުންޓްތައް ޑިއެކްޓިވޭޓް ކުރާނެ ކަމަށް މެޓާ އިން ވަނީ އަންގާފައެވެ.

މި ޤާނޫނަކީ، 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އެކައުންޓް ހެދުން ހުއްޓުވުމަށް، ޕްލެޓްފޯމްތަކުން "ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތައް" އެޅުން މަޖުބޫރުކުރާ ޤާނޫނެކެވެ.

މި ޤާނޫނަށް ނުކިޔަމަންތެރިވެއްޖެނަމަ 49.5 މިލިއަން އޮސްޓްރޭލިއަން ޑޮލަރު (33 މިލިއަން އެމެރިކާ ޑޮލަރު) އާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ.

https://sun.mv/214369

މެޓާ އިން އަންދާޒާކުރާ ގޮތުގައި މިކަމުގެ ސަބަބުން 150,000 ފޭސްބުކް ޔޫޒަރުންނާއި 350,000 އިންސްޓަގްރާމް އެކައުންޓަށް އަސަރުކުރާނެއެވެ.

ތްރެޑްސް ބޭނުންކުރެވެނީ އިންސްޓަގްރާމް މެދުވެރިކޮށް ކަމަށްވާތީ، ތްރެޑްސް އެކައުންޓްތަކަށް ވެސް މިކަމުގެ އަސަރު ކުރާނެއެވެ.

މެޓާގެ ތަރުޖަމާނަކު ބީބީސީއަށް ވިދާޅުވީ، "ޤާނޫނަށް ތަބާވުމަކީ ކުރިއަށްދާނެ އަދި ގިނަ ފިޔަވަޅުތަކެއް ހިމެނޭ ކަމެއް" ކަމަށާއި، "އެންމެ ރަނގަޅު، މިންގަނޑެއް ހިފެހެއްޓޭ އަދި ޕްރައިވެސީ ރައްކާތެރިކުރާ ގޮތްތަކަށް" ތާއީދުކުރާ ކަމަށެވެ.

މެޓާ އިން ހުށަހަޅާފައި ވަނީ، އުމުރު ކަށަވަރުކުރުމުގެ ޒިންމާ ވަކިވަކި ޕްލެޓްފޯމްތަކަށް ބަދަލުކުރުމުގެ ބަދަލުގައި، އެޕް ސްޓޯރުތަކުން އެޕްސް ޑައުންލޯޑް ކުރާއިރު ޔޫޒަރުންގެ އުމުރު ކަށަވަރުކޮށް، 16 އަހަރުން ދަށުގެ ކުދިންނަށް ބެލެނިވެރިންގެ ހުއްދަ ހޯދުމަށް ސަރުކާރުން މަޖުބޫރުކުރުމަށެވެ.

ކުޑަކުދިން ކަމަށް ދެނެގަނެފައިވާ ޔޫޒަރުންނަށް، އެކައުންޓްތައް ބަންދުކުރުމުގެ ކުރިން އެ މީހުންގެ ކޮންޓެންޓްތައް ޑައުންލޯޑްކޮށް ސޭވްކުރުމުގެ ފުރުސަތު ލިބޭނެއެވެ. އަދި، އެ މީހުންގެ އުމުރު ގޯސްކޮށް ދެނެގަނެފައިވާ ކަމަށް ގަބޫލުކުރާ ފަރާތްތަކަށް، ވީޑިއޯ ސެލްފީއެއް ނުވަތަ ސަރުކާރުން ދޫކޮށްފައިވާ އައިޑީއެއް ހުށަހަޅައިގެން މައްސަލަ ރިވިއުކުރުމަށް އެދެވޭނެއެވެ.

އޮސްޓްރޭލިއާގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އަނިކާ ވެލްސް ވިދާޅުވީ، މި ޤާނޫނުގެ މަޤްސަދަކީ "ޖެނެރޭޝަން އަލްފާ" ސޯޝަލް މީޑިއާގެ ނުރައްކާތަކުން ރައްކާތެރިކުރުން ކަމަށެވެ. އަދި ފުރަތަމަ ދުވަސްތަކުގައި "މައްސަލަތަކެއް" ދިމާވުން އެކަށީގެންވާ ކަމަށް ވެސް ވެލްސް ވިދާޅުވިއެވެ.

ޔޫޓިއުބް، ޓިކްޓޮކް، ސްނެޕްޗެޓް، ރެޑިޓް، އެމެރިކާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް، ކިކް އަދި ޓްވިޗް ފަދަ އެހެން ޕްލެޓްފޯމްތަކަށް ވެސް މި މަނާކުރުމުގެ އަސަރު ކުރާނެއެވެ.

ވެލްސް ވިދާޅުވީ، ލެމަން8 އަދި ޔޯޕް ފަދަ އެޕްލިކޭޝަންތައް ވެސް ދާދިގާތުން ބަލަމުންދާ ކަމަށެވެ. ލެމަން8 އިން ވަނީ 16 އަހަރުން ދަށުގެ ކުދިން ބޭނުންކުރުމުން އެ ކުދިން ދުރު ކުރާނެ ކަމަށް ބުނެފައެވެ. ނަމަވެސް ޔޯޕް އިން ބުނީ އެއީ ޕްރައިވެޓް މެސެންޖަރެއް ކަމަށާއި، ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގެ ގޮތުގައި ހިމެނިފައިނުވާ ކަމަށެވެ.

ކުޑަކުދިންނަށް އޮންލައިންކޮށް ގެއްލުންދެނިވި ކޮންޓެންޓްތަކަށް އެކްސްޕޯޒްވުމާ މެދު ބައިނަލްއަޤްވާމީ ގޮތުން ކަންބޮޑުވުންތައް އިތުރުވަމުންދާތީ، އޮސްޓްރޭލިއާގެ މި ފިޔަވަޅަށް ދުނިޔޭގެ އެކި ޤައުމުތަކުން ސަމާލުކަންދެމުންދެއެވެ. މި އަހަރުގެ ކުރީކޮޅު ސަރުކާރުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، 10-15 އަހަރާ ދެމެދުގެ ކުދިންގެ 96 އިންސައްތަ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރާއިރު، ގިނަ ކުދިންނަށް ވަނީ ހިތްހަމަނުޖެހޭ ކޮންޓެންޓްތައް ފެނިފައެވެ.

comment ކޮމެންޓް