ސްރީ ލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެ ގައުމުގެ ސަބަރަގަމުވާ، ހުޅަނގު، އަދި ދެކުނު ސަރަހައްދުތަކުގެ އިތުރުން ކުރުނެގަލާއަށް ވައި ގަދަވެ ވިއްސާރަވާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ އިދާރާއިން ރެޑް އެލާޓް ނެރެފިއެވެ.
އެގޮތުން ނުވަ ސަރަހައްދަކަށް ރެޑް އެލާޓް ނެރެފައިވާއިރު ހަ ސަރަހައްދަކަށް ވަނީ އެމްބާ އެލާޓް ނެރެފައެވެ.
ބައެއް ތަންތަނަށް ގަދަ ވަޔާއި ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމުގެ އިންޒާރުދީފައިވެއެވެ. އެކަމުގެ ސަބަބުން ލިބިދާނެ ގެއްލުން އެންމެ ކުޑަކުރުމަށް އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް މޫސުމާބެހޭ އިދާރާއިން ވަނީ އެދިފައެވެ.

ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 638 އަށް އުފުލިފައި -- ފޮޓޯ/އޭއެފްޕީ
ބޭން އޮފް ބެންގާލު މަތީގައި އުފެދެމުންދާ ވިލާގަނޑެއް ހުޅަނގަށް ދަތުރުކުރަމުންދާތީ، ކުރިއަށް އޮތް ދުވަސްތަކުގައި ތޫފާނެއްގެ އަސަރު އަނެއްކާވެސް ލަންކާއަށް ކޮށްފާނެ ކަމަށް ބީބީސީގެ ފޯކާސްޓް ފޯ ސައުތް އެންޑް ސެންޓްރަލް އޭޝިއާއިން އިއްޔެ ވަނީ ލަފާކޮށްފައެވެ.
މި ވިލާގަނޑުގެ ސަބަބުން ލަންކާއަށް ބޯކޮށް ވާރޭ ވެހުމުގެ ފުރުސަތު ބޮޑެވެ. ޚާއްސަކޮށް ވެރިރަށް ކޮލަމްބޯއަށް ވާރޭ ވެހޭ މިންވަރު އިތުރުވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.
މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން 'ދީތްވާ' ގެ ނަމުން ނަން ދީފައިވާ ތޫފާން ލަންކާއަށް އެރުމުގެ ސަބަބުން ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުން މިހާތަނަށް އެތައް ގެއްލުމެއް އެ ގައުމަށް ވަނީ ލިބިފައެވެ.
ތޫފާންގެ ސަބަބުން މިހާތަނަށް ލަންކާއިން މަރުވި މީހުންގެ އަދަދު 638 އަށް އުފުލިފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓާ (ޑީއެމްސީ) އިން ވަނީ ހާމަކޮށްފައެވެ. އަދި ގިނަ ސަރަހައްދުތަކެއްގައި މީހުން ހޯދުމުގެ މަސައްކަތާއި ރިލީފް އޮޕަރޭޝަންތައް ކުރިއަށްދާއިރު ގާތްގަޑަކަށް 191 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ޑީއެމްސީން ބުނެއެވެ.