ކައުންސިލްތައް ރަނގަޅަށް ހިންގަން އެތެރޭގެ އޮޑިޓު ރަނގަޅުވުން މުހިންމު: އާދަމް ޝަރީފް

މިނިސްޓަރު އާދަމް ޝަރީފް: ވިދާޅުވީ ކައުންސިލްތައް ރަނގަޅަށް ހިންގުމަށް އެތެރޭ އޮޑިޓް ރަނގަޅުވާން ޖެހޭ ކަމަށް --- ފޮޓޯ: ލޯކަލް ގަވަމަންޓް މިނިސްޓްރީ

ކައުންސިލްތައް ރަނގަޅަށް ހިންގުމަށްޓަކައި ކައުންސިލްތަކުގެ އެތެރޭގެ އޮޑިޓު ރަނގަޅުވުން މުހިންމުކަމަށް، ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ކައުންސިލްތަކުގެ ބެލެނިވެރި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އާއި އިންޓާނަލް އޮޑިޓް އެސޯސިއޭޝަން (އައިއޭއޭ) ގުޅިގެން ކައުންސިލްތަކަށް ބާއްވާ ކޮންފަރެންސެއް އިފްތިތާހުކޮށްދެއްވައި އާދަމް ޝަރީފް ވިދާޅުވީ، ކައުންސިލްތަކުން ކުރާ މަސައްކަތްތަކަކީ ހަރުދަނާ، އަދި އިތުބާރު މަސައްކަތްތަކަށް ހެދުމަށްޓަކައި އެތެރޭގެ އޮޑިޓު ރަނގަޅުވުން މުހިންމު ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވިގޮތުގައި އެތެރޭގެ އޮޑިޓުގެ ބޭނުމަކީ ހެދިދާނެ ގޯސްތަކުން ސަލާމަތްވެ، ރައްކާތެރިވުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް މަގުފަހިކުރުމެވެ.

''ހަގީގީ މާނައިގައި ކައުންސިލްތަކަށް ވިޔަސް އަދި އެހެން މުއައްސަސާއެއް ކަމުގައި ވިޔަސް އޭގެ ޒާތުގައި އެންމެ ރަނގަޅަށް މުއައްސާސައެއް ހިނގަމުން ދާއިރު ބޭނުންވާނެ އެއް ނިޒާމަކީ އިންޓާނަލް އޮޑިޓު ރަނގަޅުވުން'' އޭނާ ވިދާޅުވިއެވެ.

މާލިއްޔަތު ގާނޫނު ތަންފީޒުކުރަމުން ދާއިރު ކައުންސިލްތަކުގައި ދިމާވާ ދަތިތަކުގެ މައްޗަށް އަލިއަޅުވާލައި މި ކޮންފަރެންސްގައި މަޝްވަރާކުރަން އާދަމް ޝަރީފް އެދިވަޑައިގަތެވެ.

comment ކޮމެންޓް