ފަރުހާންގެ ފިލްމު ކުރީގެ ކާސްޓުންނާ އެކު އަލުން ފަށަނީ

ފިލްމު "ޖީ ލޭ ޒަރާ"ގެ ކާސްޓުންގެތެރޭ ހިމެނޭ ކެޓްރީނާ ކައިފް، ޕްރިޔަންކާ ޗޯޕްރާ އަދި އާލިއާ ބަޓް--ފޮޓޯ/ހިންދުންސްތާންޓައިމްސް

މީގެ ހަތަރު އަހަރު ކުރިން ފިލްމު ޑައިރެކްޓަރު/އެކްޓަރު ފަރުހާން އަހުތަރު އިއުލާނުކުރި ފިލްމު "ޖީ ލޭ ޒަރާ"ގެ މަސައްކަތް ހުއްޓާލުމަށް ފަހު އަލުން ފަށަން ނިންމާފައިވާކަން އިއުލާނުކޮށްފިއެވެ.

މި ފިލްމުގެ މަސައްކަތް އަލުން ފަށަން ނިންމާފައިވާކަން ފަރުހާން އިއުލާނުކޮށްފައިވަނީ ކުރިން ވެސް ފިލްމުގެ ލީޑް ތަރިންގެ ގޮތުގައި ކަނޑައަޅާފައިވާ އާލިއާ ބަޓް، ޕްރިޔަންކާ ޗޯޕްރާ އަދި ކެޓްރީނާ ކައިފްއާ އެކުއެވެ. މި ފިލްމު އިއުލާނު ކުރުމަށް ފަހު އެކި ފަހަރު މަތިން މަސައްކަތް ފަށަން ތައްޔާރުވި ނަމަވެސް ފިލްމުގެ މަސައްކަތް ނުފެށި އޮތީ ޕްރިޔަންކާ ޗޯޕްރާ އަދި ކެޓްރީނާ ކައިފަށް ފިލްމަށް ބޭނުންވާ ވަގުތު ނުދެވިގެންނެވެ.

ހަމައެއާއެކު ފިލްމަށް ގެންނާނެ ފިރިހެން ތަރިން ހޯދުން ވެސް ފަރުހާނަށްވީ އޭރު ވަރަށް ބޮޑު ގޮންޖެހުމަކަށެވެ. ސަބަބަކީ ބޮލީވުޑްގެ އެންމެ މަގުބޫލު ތިން ބަތަލާއިން ލީޑް ރޯލް ކުޅޭ ފިލްމަށް އެކްޓަރުންގެ ގޮތުގައި ގިނަ ތަރިން އައުމަށް އެއްބަސްނުވުން ކަމަށް ފަރުހާން ވަނީ ބުނެފައެވެ.

ފިލްމު "ޖީ ލޭ ޒަރާ"ގެ ޑައިރެކްޓަރު ފަރުހާން އަހުތަރު--ފޮޓޯ/ހިންދުންސްތާންޓައިމްސް

ފިލްމީ ޚަބަރުތައް ގެނެސްދޭ ޑެކްކަން ކްރޮނިކަލްއަށް ދިން އިންޓަވިއުއެއްގައި ފަރުހާން ބުނީ، "ޖީ ލޭ ޒަރާ"ގެ ލީޑް ތަރިންގެ ތާރީޚުތައް ހޯދުންވީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި އެހެންނަމަވެސް މިހާރު އެ ހުރިހާ ކަމެއް ހައްލުވެ ވަރަށް އަވަހަށް ފިލްމުގެ މަސައްކަތް ފަށާން ތައްޔާރުވަމުން އަންނަ ކަމަށެވެ.

ފިލްމު "ޖީ ލޭ ޒަރާ" އަކީ އަންހެން ތިން އެކުވެރިންގެ ދިރިއުޅުމުގެ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ ރޯޑް-ޓްރިޕް ފިލްމެކެވެ. ފަރުހާންގެ އަމިއްލަ ޚިޔާލީ ވާހަކައެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ މި ވާހަކައިގެ ޑައިރެކްޓަރަކީ ވެސް ޚުދު ފަރުހާނެވެ. މިއީ އާލިއާ އާއި ޕްރިޔަންކާ އަދި ކެޓްރީނާ އެކީގައި ފިލްމަކުން ފެންނާނެ ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް