މަކަރާއި ހީލަތުގެ މައްސަލައެއްގައި ޑައިރެކްޓަރު ވިކްރަމް ބަޓް ހައްޔަރުކޮށްފި

އިންޑިއާގެ ފިލްމު ޑައިރެކްޓަރު ވިކްރަމް ބަޓް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

މަކަރާއި ހީލަތުގެ މައްސަލައެއްގައި އިންޑިއާގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު ވިކްރަމް ބަޓް ހައްޔަރުކޮށް، ފުލުހުންގެ ބެލުމުގެ ދަށަން ގެންގޮސްފިއެވެ.

އިންޑިއާގެ ރާޖަސްތާނު ފުލުހުންގެ ޓީމަކުން ވިކްރަމް ހައްޔަރުކޮށްފައިވަނީ އޭނާ މުމްބާއީގައި ހުއްޓަ މިދިޔަ އާދީއްތަ ދުވަހުގެ ވަގުތެއްއެވެ. ވިކްރަމާ އެކު އިތުރު ހަތް މީހަކު ފުލުހުން ހައްޔަރުކުރިއިރު، އޭގެ ތެރޭގައި އޭނާގެ އަންހެނުން ޝްވެތަމްބާރީ ބަޓާއި އަންހެން ދަރިފުޅު/ޑައިރެކްޓަރު ކްރިޝްނާ ބަޓް ވެސް ހިމެނެއެވެ.

ވިކްރަމާ ދެކޮޅަށް އިންޑިއާގެ އުދޭޕޫރުގެ ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ އައިވީއެފްގެ ޚިދުމަތްދެމުން އަންނަ ޑރ. އަޖޭ މުރްދިއާއެވެ. ޑރ. މުރްދިއާ ހުށަހެޅުއްވި މައްސަލައިގެ ތަފުސީލުގައި ވަނީ ފިލްމުތަކެއް ހަދަން ވިކްރަމާ އެކު މަޝްވަރާތަކެއްކޮށް، އެ ފިލްމުތަކަށް ފަންޑުކުރި ފައިސާތަކަކަށް އޭނާ ޚިޔާނާތްތެރިވެފައިވާ ކަމަށެވެ.

ވިކްރަމާ އެކު އުފައްދަން ނިންމި ފިލްމީ ޕްރޮޖެކްޓްތަކުގެ ތެރޭ ޑރ.މުރްދިއާގެ މަރުވެފައިވާ އަންހެނުން އިންދިރާ ސިއްހީގޮތުން ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް އުފެއްދި ފިލްމެއް ވެސް ހިމެނެއެވެ.

ވިކްރަމް ބަޓް އޭނާގެ އަންހެނުންނާ އެކު--ފޮޓޯ/ހިންދުންސްތާންޓައިމްސް

އިންދިރާ ވަނީ އިންޑިއާގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ދަރިމައިނުވާ އަންހެނުންނަށް އިންފާޓިލިޓީ ފަރުވާއާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ، އެ ކަމަށް ގިނަ ބަޔަކު އަހުލުވެރިކޮށްފައެވެ. މި ފިލްމުގެ އިތުރުން ވެސް އިންޑިއާގެ ތާރީޚުގައި ހިނގާފައިވާ ހަނގުރާމައަކާ ގުޅުންހުރި އަސްކަރީ ފިލްމެއް އުފެއްދުމަށް ވެސް ވިކްރަމާ އެކު މަޝްވަރާ ކުރެވުނު ކަމަށް ޑރ. މުރްދިއާ ހުށަހެޅުއްވި މައްސަލައިގައި ފާހަގަކުރައްވާފައިވެއެވެ.

މި ފިލްމުތައް އުފެއްދުމަށް ޑރ.މުރްދިއާ 30 ކްރޯޑު ރުޕީސް އިންވެސްޓްކޮށްފައިވާއިރު އެ ފިލްމުތަކުގެ ފައިދާގެ ގޮތުގައި 200 ކްރޯޑު ރުޕީސް އަނބުރާ ދޭނެ ކަމަށް ވިކްރަމް އެއްބަސްވެފައިވާ ކަމަށް އޭނާއަށް ދެކޮޅަށް ހުށަހެޅި މައްސަލައިގައި ވަނީ ބުނެފައެވެ.

ނަމަވެސް، މިހާތަނަށް ވިކްރަމްއާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން އުފެއްދީ އެންމެ ފިލްމެއް ކަމަށާއި އެ ފިލްމުގެ ކްރެޑިޓް ވެސް ޑރ.އަޖޭ މުރްދިއާއަށް ދީފައިނުވާ ކަމަށް ވަނީ ބުނެފައެވެ. މި މައްސަލައާ ގުޅިގެން ވިކްރަމްގެ ޓީމުން ވަނީ ޑރ. އަޖޭގެ ތުހުމަތުތައް ދޮގުކޮށް ކުރިއަށް ހުރި ފިލްމުތަކުގެ މަސައްކަތް ހުއްޓިފައި އޮތީ ފިލްމަށް ފަންޑުކުރުން ޑރ. އަޖޭ ހުއްޓާލުމުން ކަމަށް ބުނެފައެވެ.

ވިކްރަމަކީ ބޮލީވުޑްގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު މަހޭޝް ބަޓްގެ އެއްބަނޑު އެއްބަފާ މީހެކެވެ. އިންޑިއާގެ އެންމެ ނުފޫޒުގަދަ ފިލްމީ އާއިލާ ބަޓް އާއިލާއަށް ނިސްބަތްވާ ވިކްރަމްގެ މަޝްހޫރު ފިލްމުތަކުގެތެރޭ "ފަރޭބް"، "ރާޒް"، "ގުލާމް" އަދި "1920" ފަދަ ފިލްމުތައް ހިމެނެއެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 30ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ފިލްމު "ހޯންޓެޑް 3ޑީ: ގޯސްޓްސް އޮފް ދަ ޕާސްޓް"އެވެ.

comment ކޮމެންޓް