ވަކި މީހެއްގެ ނުފޫޒަށް ތަބާވެގެން ޕާޓީގެ ކަންކަން ނުކުރައްވާނެ ކަމުގެ ޔަގީންކަން، އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ)، މިރޭ އެ ޕާޓީގެ މެންބަރުންނަށް ދެއްވައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް މިދިޔަ މަހުގެ 23 ވަނަ ދުވަހު ވަނީ އިސްތިއުފާ ދެއްވައިފައެވެ. އެހެންވެ، ޕާޓީއަށް ވަގުތީ ޗެއާޕާސަން ހޮވަން މިރޭ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައި، އެ މަގާމަށް ވަނީ 65 މެންބަރުންގެ ވޯޓުން ޣަފޫރު އައްޔަންކޮށްފައެވެ.
އެ މަޖިލިސް ނިންމާލައްވަމުން، ޣަފޫރު ވިދާޅުވީ، އަސާސީ ހަމަތަކާއި ގަވައިދުގެ ތެރެއިން ނޫނީ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ. އެގޮތުން، ވަކި މީހެއްގެ ނުފޫޒަށް ތަބާނުވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ތެރެއިން --- ސަން ފޮޓޯ/ މޫސާ ނަދީމް
އަޅުގަނޑަކީ ވަކި މީހަކަށް ވަކި ގޮތެއް ހަދަން، ވަކި މީހެއްގެ ނުފޫޒަށް ތަބާވެގެނެއް ކަން ކުރާނެ މީހެއް ނޫން އަޅުގަނޑަކީ. އެ ޔަގީންކަން ތި އެންމެ ބޭފުޅުންނަށް އަޅުގަނޑު އަރުވަންއެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ)
އެ ގައުމީ މަޖިލީހުގެ ތެރެއިން، ގިނަ މެންބަރުންތަކެއް ވަނީ، ޣަފޫރަށް މަރުހަބާ ދަންނަވާފައެވެ.
ޣަފޫރު ވަގުތީ ޗެއާޕާސަނަކަށް އައްޔަންކުރިއިރު، ކުރިއަށް އޮތް ކައުންސިލް އިންތިޚާބާ ދިމާކޮށް ޕާޓީ ތެރޭގައި ވަނީ އަނެއްކާވެސް ބައިބައިވުން އުފެދިފައެވެ.
މިދިޔަ ރިޔާސީ އިންތިޚާބުގެ ކުރިން، އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު ދެބަސްވުންތައް އުފެދިގެން ޕާޓީގެ ތެރޭގައި ކޯޅުންތައް ގިނަވިއެވެ. އެއަށްފަހު ނަޝީދު އާ ޕާޓީއެއް އުފައްދަވައިގެން އެމްޑީޕީ ދޫކޮށްލެއްވީއެވެ.
އެމްޑީޕީއަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ގެއްލުނީ އެ ބައިބައިވުމުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ދެކެއެވެ.
ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތްތާ ދެ އަހަރު ފަހުން، އެ މަނިކުފާނު ވަނީ މިދިޔަ ޖޫން މަހު އަލުން ޕާޓީއާ ގުޅިވަޑައިގެންފައެވެ.
އެމްޑީޕީގައި އަނެއްކާވެސް އޮތީ ދެން އޮތް ރިޔާސީ އިންތިޚާބަށް ވެސް ވާދަވެރިކަން ބޮޑުވެފައެވެ. އަދި ޕާޓީގެ ޗެއާޕާސަން ކަމަށާއި ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް ވެސް، ޞާލިޙާއި ނަޝީދު ތާއިދުކުރައްވާ ކެންޑިޑޭޓުން އަންނަނީ ކުރިމަތިލައްވަމުންނެވެ.
ފައްޔާޒު ޕާޓީގެ ޗެއާޕާސަން ކަމުން އިސްތިއުފާ ދެއްވިއިރު އޭނާ ވަނީ، އިސްތިއުފާ ދެއްވީ ޕާޓީގެ އިސްވެރިންގެ މައްޗަށް ބަސް ބުނުމުގެ ފުރުސަތު ހުޅުވާލަން ކަމަށް ވިދާޅުވެފައެވެ. އޭނާ ވަނީ އޭނާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ހާމަކުރުމުން ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން، އެތެރޭގެ ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން، ޕާޓީގެ މެންބަރުންގެ މެދުގައި ވަރަށް ބޮޑު ނުތަނަވަސްކަމެއް އުފެދޭ މަންޒަރު ފެންނަ ކަމަށް ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައިވެއެވެ.