ކައުންސިލް އިންތިޚާބަށް އިސްކަން ދޭން، އެމްޑީޕީގެ ދާއިމީ ޗެއާޕާސަން ހޮވުން ފަސްކުރަން ނިންމައިފި

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވޯޓަށް އެހުމުން ތާއިދުކުރެއްވި މެންބަރުން އަތް މައްޗަށް ނަގައިގެން: ކައުންސިލް އިންތިޚާބަށް ފަހުގައި ޗެއާޕާސަން ހޮވަން ވަނީ ފާސްކޮށްފައި ---- ސަން ފޮޓޯ/ މޫސާ ނަދީމް

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށް އިސްކަން ދިނުމުގެ ގޮތުން، އެމްޑީޕީގެ ޗެއާޕާސަން ހޮވުން، އެ އިންތިޚާބަށް ފަހު ބޭއްވުމަށް އެ ޕާޓީން މިރޭ ފާސްކޮށްފިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް މިދިޔަ މަހުގެ 23 ވަނަ ދުވަހު ވަނީ އިސްތިއުފާ ދެއްވައިފައެވެ. އެހެންވެ، ޕާޓީއަށް ވަގުތީ ޗެއާޕާސަން ހޮވަން މިރޭ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައި، އެ މަގާމަށް ވަނީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) އައްޔަންކޮށްފައެވެ. އެ މަގާމަށް މިރޭ ވާދަކުރެއްވީ ވެސް ހަމައެކަނި ޣަފޫރެވެ.

ގައުމީ މަޖިލީހުގެ ތެރެއިން، ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް ވަނީ، ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުލާ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ދާއިމީ ޗެއާޕާސަން ހޮވުމަށް އިއުލާނުކުރުމަށް ހުށަހަޅުއްވާފައެވެ. އަދި އޭގެ ހަތް ދުވަސް ފަހުން، ޕާޓީގެ އިންތިޚާބާ ބެހޭ ކޮމިޓީން ޗެއާޕާސަން އިންތިޚާބު ކުރިއަށް ދާނެ ތާވަލެއް އެކުލަވާލައިގެން ކުރިއަށް ގެންދަން އޭނާ ހުށަޅުއްވިއެވެ.

އެ ހުށަހެޅުން ފާސްވީ، ގައުމީ މަޖިލީހުގައި ބައިވެރިވި 58 މެންބަރުންގެ ތާއިދާއެކީގައެވެ.

އެ މަޖިލީހުގައި ފައްޔާޒް ވިދާޅުވީ، މިހާރު ވެސް ލޯކަލް ކައުންސިލް އިންތިޚާބަށް އެ ޕާޓީން ކުރަމުން އަންނަ މަސައްކަތްތަކަށް ހުރަސް އެޅިފައިވާ ކަމަށެވެ.

އެހެންވެ، އެމްޑީޕީއަށް ދާއިމީ ޗެއާޕާސަނެއް އައްޔަނުކުރާނެ ތާރީޚެއް މިހާރު ކަނޑައަޅަން ނުފެންނަ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

އެ ކަމަށް ތާރީޚެއް ކަނޑައަޅައިފިނަމަ، ކައުންސިލް އިންތިޚާބާ ޖެހެންދެން ކުރިއަށްދާނީ ޗެއާޕާސަން އައްޔަނުކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.

ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް: އޭނާ ހުށަހެޅުއްވި ގޮތަށް ކައުންސިލް އިންތިޚާބަށް ފަހުގައި އެ ޕާޓީގެ ޗެއާޕާސަން ހޮވަން ވަނީ ފާސްކޮށްފައި --- ސަން ފޮޓޯ/ މޫސާ ނަދީމް

އޭނާ ހުށަހެޅުއްވީ، ކައުންސިލް އިންތިޚާބަށް ފަހު އެއް ދުވަސް ނުވަތަ ހަތް ދުވަހުގެ ތެރޭގައި ގައުމީ މަޖިލީހެއް ބާއްވައި، އެ ޕާޓީގެ ޗެއާޕާސަން އައްޔަނުކުރާނެ ތާރީޚެއް ކަނޑައެޅުމަށެވެ.

އެހެން ނޫން ކަމުގައިވާނަމަ، މިހާރު ވެސް އެކިއެކި ބޭފުޅުންގެ އިންޓްރެސްޓު ފާޅުކުރައްވައިގެން، ކެމްޕެއިންގެ މަސައްކަތް ކުރިއަށް އެބަދޭ. އަޅުގަނޑުމެންނަށް އިތުރު ޗެލަންޖަކަށް ވެދާނެތަން އަޅުގަނޑަށް އެބަ ފެނޭއެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް

އިތުރަށް ފައްޔާޒު ވިދާޅުވީ، މިހާރު ޗެއާޕާސަން އައްޔަނުކުރާނެ ތާރީޚެއް ކަނޑައެޅުމަކީ ޕާޓީގެ ކައުންސިލަށް ކުރިމަތިލައްވައިގެން ތިބި ބޭފުޅުންނަށް ލިބޭނެ ކަންބޮޑުވުމެއް ކަމަށެވެ. އެގޮތުން، ޗެއާޕާސަން އައްޔަނުކުރުން މަޑުޖައްސާލަނީ، ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އެ އިންތިޚާބު ކާމިޔާބު ކުރުމަށް ޕާޓީ އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

އަންނަ އަހަރު ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު ބާއްވަނީ، އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހެެވެ.

https://sun.mv/215030

ފައްޔާޒު ޗެއާޕާސަން ކަމުން އިސްތިއުފާ ދެއްވައި ފޮނުއްވި ސިޓީގައި ވަނީ އޭނާ އިސްތިއުފާ ދެއްވި އެއް ސަބަބަކީ ޕާޓީގެ އެތެރޭގެ ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން، ޕާޓީގެ މެންބަރުންގެ މެދުގައި ވަރަށް ބޮޑު ނުތަނަވަސްކަމެއް އުފެދިގެންދާ މަންޒަރު ފެނުން ކަމަށް ވިދާޅުވެފައެވެ.

ފައްޔާޒްގެ ވާހަކައިގައި އިޝާރަތްކުރެއްވިހެން، ޕާޓީގެ ޓިކެޓަށް އެމްޑީޕީ ތެރޭގައި ވަނީ ވާދަވެރިކަން ބޮޑުވެފައެވެ. އެގޮތުން، އެ ޕާޓީގެ މާލޭގެ މޭޔަރު ކަމަށް އަލީ އާޒިމާއި މިހާރުގެ މޭޔަރު އާދަމް އާޒިމް ގެންދަވަނީ ވާދަކުރައްވަމުންނެވެ. އެ ދެ ބޭފުޅުން މަގާމަށް ކެމްޕެއިން ކުރައްވަމުން އަންނައިރު، ބަހުގެ ހަމަލާތައް ވެސް އަންނަނީ ރައްދުކުރަމުންނެވެ.

އެންމެ ފަހުން، 2021ގައި ބޭއްވި ކައުންސިލް އިންތިޚާބުގައި 982 ކައުންސިލަރުން ހޮވިއިރު، 400 ގޮނޑި އޭރު ވެރިކަން ކުރި އެމްޑީޕީން ކާމިޔާބުކޮށް، އަޣުލަބިއްޔަތު ހޯދިއެވެ.

comment ކޮމެންޓް