މައްސަލަތަކުގެ އާދަހަމަ ހޯދަން، ސީދާ ތަހުގީގު އޮފިސަރާ މުއާމަލާތު ކުރެވޭނެ ނިޒާމެއް ޕޮލިސް އެޕަށް

ފުލުހުންގެ އެޕްލިކޭޝަން އިފްތިތާހުކުރަނީ: މި އެޕްގެ ތެރެއިން، މައްސަލަތަކުގެ އަދާހަމަ ހޯދަން ސީދާ ފުލުހުންގެ ތަހުގީގު އޮފިސަރާ މުއާމަލާތު ކުރެވޭނެ ނިޒާމެއް ވަނީ ގާއިމުކޮށްފައި --- ފޮޓޯ/ ހޯމް މިނިސްޓްރީ

ފުލުހުން ބަލާ މައްސަލަތަކުގެ އަދާހަމަ ހޯދުމަށް ސީދާ ތަހުގީގު އޮފިސަރާ މުއާމަލާތު ކުރެވޭ ނިޒާމެއް ހިމެނޭ ގޮތަށް، ފުލުހުންގެ އެޕްލިކޭޝަން 'ޕޮލިސް އެމްވީ' މިއަދު އިފުތިތާހުކޮށްފިއެވެ.

އެ ނިޒާމު ހިމެނޭ ގޮތަށް ފުލުހުންގެ އައު ޕްރޮޑަކްޓުތަކާއި ޚިދުމަތްތައް އިފުތިތާހުކުރީ، މިއަދު ހެނދުނު އިސްކަންދަރު ކޮށީގައި އޮތް ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ވަނީ، ގިނަ ފީޗާތަކެއް ހިމެނޭ ޕޮލިސް އެޕްލިކޭޝަން އިފުތިތާހުކޮށްދެއްވީ، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ކިނާނަތެވެ.

މިއަދު އިސްކަންދަރު ކޮށީގައި އޮތް ރަސްމިއްޔާތުގައި އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ: މައްސަލަތަކުގެ އާދަހަމަ ހޯދަން، ސީދާ ތަހުގީގު އޮފިސަރާ މުއާމަލާތް ކުރެވޭނެ ނިޒާމެއް ވަނީ ގާއިމުކޮށްފައި --- ފޮޓޯ/ ހޯމް މިނިސްޓްރީ

ހޯމް މިނިސްޓްރީން ބުނި ގޮތުގައި، މި އެޕްލިކޭޝަންގައި ހިމެނޭ އެންމެ ޚާއްސަ ފީޗާއަކީ، ފުލުހުންނަށް ހުށަހަޅާ މައްސަލަތަކުގެ އަދާހަމަ ހޯދުމަށް އެ މައްސަލަ ބަލާ ތަހުގީގު އޮފިސަރާ މުއާމަލާތް ކުރެވޭނެ ނިޒާމެއް ގާއިމުކޮށްފައިވުމެވެ.

މި އެޕްގައި ހިމެނޭ އެހެނިހެން ފީޗާތަކުގެ ތެރޭގައި

  • ސްކޭމްތަކުގެ މައުލޫމާތު ދިނުން
  • ޕޮލިސް ސެޓްފިކެޓަށް އެދުން
  • މައްސަލަ ރިޕޯޓްކުރުމާއި އެވިޑެންސް ސަބްމިޝަން
  • އަވައްޓެރި ފުލުހުންނާ ގުޅޭނެ ނަންބަރުތައް ދިނުން
  • ޕޮލިސް ސެޓްފިކެޓް ވެރިފިކޭޝަން
  • ލޮސްޓް އެންޑް ފައުންޑް ނުވަތަ ގެއްލިގެން ހޯދާ ތަކެއްޗާއި ފެންނަ ތަކެތި ރިޕޯޓްކުރުން

ހަމައެހެންމެ، މިއަދު ވަނީ، ފުލުހުންގެ ސައިބާ ޕޯޓަލް އިފުތިތާހުކޮށްފައެވެ. އެ ޕޯޓަލް އިފުތިތާހުކޮށްދެއްވާފައި ވަނީ، ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީނެވެ.

މިނިސްޓްރީން ބުނީ، އެއީ މުޖުތަމައުގައި ހިނގާ ސައިބާ ކުށްތައް ދެނެގަނެ، އެ ކަމުން މުޖުތަމައު ރައްކާތެރިކުރުމަށް ފުލުހުން ކުރާ މަސައްކަތްތަކަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ޕްލެޓްފޯމެއް ކަމަށެވެ.

ފުލުހުންގެ ސައިބާ ނަވީން އިފްތިތާހުކޮށްދެއްވަނީ ---- ފޮޓޯ/ ހޯމް މިނިސްޓްރީ

އެއީ، ފުލުހުންނަށް ރިޕޯޓުކޮށް، ސްކޭމާ ގުޅޭގޮތުން ދައުރުވާ ލިންކުތަކާއި މެސެޖްތަކާއި ފޯނު ނަންބަރުތަކާއި އީމެއިލް އެޑްރެސްތައް ސާޗްކުުރެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ޕްލެޓްފޯމެކެވެ.

ފުލުހުންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ވަނީ، ފްލީޓް މެނޭޖްމަންޓް ސިސްޓަމާއި އެންޓްރީ މެނޭޖްމަންޓް ސިސްޓަމާއި ޕޮލިސް އިންފްރާސްޓަރަކްޗާ ޕްރޮޖެކްޓްސް ސިސްޓަމް ދައްކާލާފައެވެ.

މައްސަލަތަކުގެ އަދާހަމަ ހޯދުމަށް ތަހުގީގު އޮފިސަރާ ވާހަކަދެއްކޭ ނިޒާމެއް ހެދިއިރު، ފުލުހުންގެ މުއައްސާސައަށް ރައްޔިތުންގެ އޮންނަ އިތުބާރު ކުޑަވެފައިވާކަން ދޭހަވާ އެތައް ފާޑުކިޔުމެއް ވަނީ އަމާޒުވެފައެވެ. އެއީ، ސަރުކާރު މަގާމުތަކުގައި ތިބޭ ބޭފުޅުން ތަހުގީގަށް ނުފޫޒު ފޯރުވާ ކަމަށާއި އިންސާފުވެރިކޮށް މައްސަލަތައް ނުބަލާ ކަމަށް ބުނެއެވެ.

comment ކޮމެންޓް