ބޭން އޮފް ބެންގާލު މަތީގައި އުފެދެމުންދާ ވިލާގަނޑެއް ހުޅަނގަށް ދަތުރުކުރަމުންދާތީ ކުރިއަށް އޮތް ދުވަސްތަކުގައި ތޫފާނެއްގެ އަސަރު އަނެއްކާވެސް ސްރީ ލަންކާއަށް ކޮށްފާނެ ކަމަށް ބީބީސީން ބުނެފިއެވެ.
ބީބިސީގެ ފޯކާސްޓް ފޯ ސައުތް އެންޑް ސެންޓްރަލް އޭޝިއާއިން ލަފާކޮށްފައިވާ ގޮތުގައި މި ވިލާގަނޑުގެ ސަބަބުން ލަންކާއަށް ބޯކޮށް ވާރޭ ވެހުމުގެ ފުރުސަތު ބޮޑެވެ. ހާއްސަކޮށް އެ ގައުމުގެ ވެރިރަށް ކޮލަމްބޯއަށް ވާރޭ ވެހޭ މިންވަރު އިތުރުވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.
ބީބީސީ ވެދާގެ ލޫއީސް ލީއާ ވިދާޅުވީ އެ ވިލާގަނޑު މި ހަފްތާގެ ފަހުކޮޅު ތޫފާނަކަށް ބަދަލުވެދާނެ ކަމަށެވެ. ތޫފާނަކަށް ބަދަލު ނުވި ނަމަވެސް ލަންކާގެ އެކި ހިސާބުތަކަށް މިރެއިން ފެށިގެން މާދަމާގެ ނިޔަލަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ވިއްސާރައިގެ ސަބަބުން ދިމާވެދާނެ ގެއްލުމަކަށް ރައްޔިތުން ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން 'ދީތްވާ' ގެ ނަމުން ނަން ދީފައިވާ ތޫފާން ލަންކާއަށް އެރުމުގެ ސަބަބުން ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުން މިހާތަނަށް އެތައް ގެއްލުމެއް އެ ގައުމަށް ވަނީ ލިބިފައެވެ.

ވިއްސާރައިގައި ލަންކާއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 628 އަށް އުފުލިފައެވެ.
މި ކާރިސާގައި 75،000 އަށް ވުރެ ގިނަ ގެއަށް ގެއްލުން ވެފައި ވާއިރު އޭގެ ތެރެއިން 5،000 އަށް ވުރެ ގިނަ ގެ ވަނީ އެއްކޮށް ހަލާކުވެފައެވެ. ގެއްލުމުން އަރައި ގަނެ ގައުމު އަލުން އާރާސްތު ކުރުމަށް ގާތްގަޑަކަށް ހަތް ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް އޮފިޝަލުން ލަފާކުރެއެވެ.