ސްމިރްތީއާއި ޕަލާޝްގެ ފަސްކުރި ކައިވެނި އެންމެ ފަހުން ކެންސަލް، ގުޅުން ވެސް ނިމިއްޖެ

ސްމިރްތީ އަދި ޕަލާޝް ކައިވެނީގެ ކުރިން އެކީގައި ނަގާފައިވާ ފޮޓޯއެއް--ފޮޓޯ/ޕިންކްވިލާ

މިދިޔަ ނޮވެންބަރު މަހުގެ 23ގައި ކައިވެނި ކުރާނެކަން އިއުލާނުކޮށްފައިވާ އިންޑިއާގެ އަންހެން ކްރިކެޓް ކުޅުންތެރިޔާ ސްމިރްތީ މަންދަންނާއާއި މިއުޒިކް ކޮމްޕޯސަ ޕަލާޝް މުއްޗަލްގެ ކައިވެނި ފަސްކުރިކަން އިއުލާނުކުރިތާ ދެ ހަފުތާ ފަހުން އެ ކައިވެނި ކެންސަލްކޮށް، ދެ މީހުންގެ ގުޅުން ވެސް ނިމުމަކަށް އައިކަން އިއުލާނުކޮށްފިއެވެ.

މިކަން އިއުލާނުކޮށްފައިވަނީ ދެ މީހުންގެ ވެސް ރަސްމީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށެވެ. ސްމިރްތީ އިންސްޓަގްރާމްގައި ލިޔުނު ދިގު ޕޯސްޓުގައި ބުނެފައިވަނީ ފާއިތުވި ދެ ހަފުތާއަކީ ވެސް އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބަހުސްތަކެއް ކުރެވުނު ދުވަސްތަކެއް ކަމަށެވެ.

އޭނާގެ ކައިވެނި ފަސްކުރުމާ ގުޅިގެން ހަމައެކަނި ކުށްހީތަކެއްގެ މައްޗަށް ބިނާކޮށް ގޮތް ގޮތް ނިންމަމުން ދިޔަކަން ވެސް އެނގުނު ކަމަށާއި އެހެންވެ، އިތުރަށް ހަގީގަތާ ޚިލާފު ވާހަކަތަކެއް އާއްމުން ފެތުރުމުގެ ކުރިން އޭނާގެ ކައިވެނި ކެންސަލްވިކަން އާއްމުކޮށް އަންގަން ބޭނުންވީ ކަމަށް ސްމިރްތީ ވަނީ ބުނެފައެވެ.

އޭނާއަކީ އަމިއްލަ ޒާތީ ދިރިއުޅުމުގެ ކަންކަން ޕްރަވެޓްކޮށް ބާއްވަން އަބަދުވެސް ބޭނުންވާ މީހެއް ކަމަށާއި އެ އާއިލާއަށް މިވަގުތު ބޭނުންވާ ޕްރައިވެސީއަށް އިހުތިރާމްކޮށް މީޑިއާތަކުގެ ސަމާލުކަން އެ އާއިލާއަށް ނުދިނުމަށް ސްމިރްތީ ވަނީ އެދިފައެވެ.

ސްމިރްތީ އަދި ޕަލާޝް--ފޮޓޯ/ޕިންކްވިލާ

ސްމިރްތީ އިތުރަށް ބުނީ އޭނާގެ ދިރިއުޅުމުގައި ހާސިލުކުރަން ބޭނުންވާ ވަރަށް މުހިއްމު ލަނޑުދަނޑިތަކެއް ހުރިކަމަށް ގަބޫލުކުރާ ކަމަށާއި ބޭނުންވަނީ އަމިއްލަ ޤައުމަށް ރީތި ނަން ހޯދައި ދިނުމަށް ދެވެން އޮތް އެންމެ މަތީ ހަރުފަތާ ހަމަޔަށް ދިއުމަށް މަސައްކަތް ކުރުމަށް ކަމަށް ވެސް ވަނީ ބުނެފައެވެ.

އެހެންވެ، ކުރިމަގުގައި ބޭނުންވަނީ ކްރިކެޓްގެ ކުޅިވަރުގައި ހޯދެން ހުރި ހުރިހާ ކާމިޔާބީއަކާ ޓްރޮފީތަކެއް އިންޑިއާއަށް ހޯދައިދިނުމަށް ކަމަށް ސްމިރްތީ ބުނެފައިވެއެވެ.

ސްމިރްތީގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ބަޔާނެއް ނެރުނުތާ މާގިނައިރުތަކެއްނުވެ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އިންޑިއާގެ މިއުޒީޝަން ޕަލާޝް ވެސް ވަނީ ބަޔާނެއް ނެރެފައެވެ.

ޕަލާޝްގެ ސޯޝަލް މީޑިއާ ޕޯސްޓުގައި ވެސް އޭނާއާއި ސްމިރްތީގެ ލޯބީގެ ގުޅުން ނިންމާލިކަން އިއުލާނުކުރަމުން ބުނީ އާއްމުންގެ ގިނަ ބަޔަކު ހަގީގަތް ނުބަލާ އެ މީހަކަށް ފެންނަ ގޮތެއް އެ ދެމީހުންގެ ގުޅުމާ ބެހޭގޮތުން ފާޅުކުރަމުން ދިޔަ މަންޒަރު ފެނުމުން ހައިރާންކަމެއް ލިބުނު ކަމަށެވެ.

އެ ދެ މީހުންގެ ދުވަސްވީ ލޯބީގެ ގުޅުން ނިމުމަކަށް އައިސް ކައިވެނި ކެންސަލްކުރަން ނިންމި ނިންމުމަކީ ފަސޭހަ ނިންމުމެއް ނޫން ކަމަށާއި އެހެންވެ ބައެއްގެ ދިރިއުޅުމުގެ ޒާތީ ކަންކަމާ ގުޅޭގޮތުން ގޮތްނޭނގޭ ވާހަކަތަކެއް ދެއްކުމަކީ ބަލައިގަންނަ ކަމެއް ނޫން ކަމަށް ވެސް ޕަލާޝް ވަނީ ބުނެފައެވެ. އެފަދަ ވާހަކަތައް މީގެފަހުން ފަތުރާ މީހުންނާ މެދު ޕަލާޝްގެ ލީގަލް ޓީމުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އޭނާ ވަނީ ދީފައެވެ.

ޕަލާޝްއާއި ސްމިރްތީގެ ކައިވެނީގެ ބައެއް ރަސްމިއްޔާތުތައް ސްމިރްތީގެ އުފަން ރަށް ސަންގަލީގައި ކުރިއަށްދަނިކޮށް ސްމިރްތީގެ ބައްޕަގެ ސިއްހީ ހާލަތު ގޯސްވެ ހާޓް އެޓޭކެއް ޖެހުނީ ދެ މީހުންގެ ކައިވެނިކުރަން އޮތް ދުވަހެވެ. އެހެންވެ، ދެ މީހުންގެ ކައިވެނި ފަސްކުރެވުނުކަން ވަނީ އިއުލާނުކޮށްފައެވެ. އޭގެ އެއް ދުވަސްފަހުން ޕަލާޝްގެ ސިއްހީ ހާލު ގޯސްވެ އޭނާއަށް ވެސް ވަނީ ހޮސްޕިޓަލުގައި ފަރުވާދީފައެވެ.

ޕަލާޝްއާއި ސްމިރްތީގެ ކައިވެނި ކެންސަލްކޮށް، ދެ މީހުންގެ ގުޅުން ނިމުމަކަށް ގެނައިކަން އިއުލާނުކޮށްފައިވާއިރު ފާއިތުވެދިޔަ ދުވަސްތަކުގައި ޕަލާޝްއާ ގުޅޭގޮތުން ވަރަށް ގިނަ ވާހަކަތަކެއް އިންޑިއާގެ ނޫސްތަކުން ވަނީ ނެރެފައެވެ.

އެގޮތުން، އޭނާ ވަނީ ސްމިރްތީއާ ރައްޓެހިވެގެން އުޅެމުން ވެސް އެހެން އަންހެން ކުދިންނާ އެކު ލޯބީގެ ގުޅުން ބޭއްވިކަމުގެ ތުހުމަތުތަކެއް ވަނީ ކުރެވިފައެވެ. ޕަލާޝް ލޯބީގެ ގުޅުން ބޭއްވި ބައެއް މީހުންނާ އެކު ވަޓްސްއަޕް މެދުވެރިކޮށް ކުރެވިފައިވާ މުއާމަލާތްތަކުގެ ސްކްރީންޝޮޓްތަކެއް ވެސް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވަނީ ދައުރުވެފައެވެ. އެހެންވެ، ޕަލާޝްއާއި ސްމިރްތީގެ ކައިވެނި ކުރެވޭނެ ކަމާމެދު އޭރުވެސް ގިނަބަޔަކު ދިޔައީ ސުވާލު އުފައްދަމުންނެވެ.

ސްމިރްތީއަކީ މި އަހަރުގެ ވިމެންސް ކްރިކެޓް ވާލްޑް ކަޕްގައި ވަރަށް މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ލިބުނީ ކުޅިވަރުގެ މައިދާނުގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ.

އިންޑިއަން ވިމެންސް ނެޝަނަލް ޓީމުގެ ވައިސް ކެޕްޓަންގެ މަގާމު އަދާކުރަމުން އަންނަ ސްމިރްތީއަށާއި އޭނާގެ ޓީމަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނީ މި އަހަރުގެ ވިމެންސް ކްރިކެޓް ވޯލްޑް ކަޕްގެ ފައިނަލް ކާމިޔާބުކޮށް ތަށި އުފުލާލުމާ ގުޅިގެންނެވެ.

comment ކޮމެންޓް