އިންޑިއާގެ ކަލާސް ޗެނަލުން ދައްކަމުން އަންނަ ރިއަލިޓީ ޝޯ "ބިގް ބޮސް"ގެ 19 ވަނަ ސީޒަން، ޓެލެވިޒަން އެކްޓަރު ގޯރަވް ކަންނާ ރޭ ކާމިޔާބުކޮށްފިއެވެ.
ރޭގެ ފިނާލޭގައި ޝޯގެ ޓްރޮފީ ގޯރަވް އުފުލާލިއިރު އޭނާއަކީ ސޮނީ އެންޓަޓެއިންމަންޓްއިން ޓެލެވިޒަންއިން މި އަހަރު ގެނެސްދިން އިންޑިއާގެ ފުރަތަމަ ސެލެބްރިޓީ މާސްޓަ ޝެފް ގޭމް ޝޯ ވެސް ކާމިޔާބުކޮށްފައިވާ މީހެކެވެ.
ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާން ހޯސްޓު ކުރަމުން އަންނަ ކަލާސްގެ "ބިގް ބޮސް 19" ނިންމާލިއިރު ބައިވެރިންގެ ފަރާތުން ވަރަށް ބޮޑު ވާދަވެރިކަމެއް މި އަހަރުގެ ޝޯއިން ވެސް ވަނީ ފެނިފައެވެ. ޝޯގެ ފައިނަލަށް ގޯރަވްއާ އެކު ދެން ހޮވުނީ ތާނިޔާ މިއްތަލް، އަމާލް މަލިކް، ފަރުހާނާ ބަޓްގެ އިތުރުން ޕުރަނިތް މޯރުއެވެ.

"ބިގް ބޮސް 19"ގެ ފައިނަލް ޝޯ--ފޮޓޯ/އެންޑީޓީވީ
ގޯރަވަކީ ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު ތަރުހީބެއް އޮންނަ ޓެލެވިޒަން ތަރިއަކަށްވީ ނަމަވެސް ގިނަބަޔަކު އުއްމީދުކުރީ އެ ޝޯގެ ޓްރޮފީ ކާމިޔާބު ކުރާނީ ފަރުހާނާ ނުވަތަ ތާނިޔާ މިއްތަލް ކަމަށެވެ. ސަބަބަކީ އެ ދެ ބައިވެރިންނަކީ މިހާތަނަށް ވަރަށް ބާރުގަދަ ޕާފޮމެންސްތަކެއް މިހާތަނަށް ޝޯގައި ދެއްކުމަށް ފަހު ވަރަށް ވާދަވެރިކަމާ އެކު ފައިނަލުން ޖާގަ ހޯދި ދެ ބައިވެރިންނަށް ވުމުންނެވެ.
ނަމަވެސް، ފައިނަލަށްދިޔަ ތިން ބައިވެރިން ހޮވިއިރު ތާނިޔާ މިއްތަލައި އަމާލް ވަނީ އެލިމިނޭޓްވެ ޓޮޕް ތިންވަނައިން ޖާގަ ގެއްލިފައެވެ. މި ސީޒަން ކާމިޔާބުކުރާނެ ކަމަށް ގިނަ ބަޔަކު އުންމީދުކުރި ފަރަހަނާއަށް ދެވަނަ ލިބުނުއިރު ތިންވަނަ ލިބުނީ ޕުރަނިތު މޯރުއަށެވެ.
ތިން މަހަށްވުރެ ގިނަ ދުވަސް "ބިގް ބޮސް" ގޭގައި ހޭދަކުރުމަށް ފަހު ޝޯގެ ޓްރޮފީ ގޯރަވް އުފުލާލީ 50 ލައްކަ އިންޑިއަން ރުޕީސް (ގާތްގަނޑަކަށް 60 ހާސް އެމެރިކާ ޑޮލަރު)ގެ ފައިސާގެ އިނާމާ އެކުއެވެ.
ގޯރަވް "ބިގް ބޮސް 19" ކާމިޔާބު ކުރިއިރު ޝޯގެ ގޭމްތައް ކުޅުމުގައި އޭނާގެ ފަރާތުން ފެނުނު ރަނގަޅު އާދަތަކުގެ ސަބަބުން ސަލްމާން ވަނީ އެކްޓަރާ އެކު ވަރަށް އަވަހަށް މަސައްކަތް ކުރާނެ ކަމަށް ވައުދުވެފައެވެ.
ގޯރަވްގެ މަޑުމައިތިރި މިޒާޖާ އެކު އެހެން މީހުންނަށް އިހުތިރާމުކުރުމުގެ އާދަ އޭނާގެ ފަރާތުން ފެނުމަކީ ވަރަށް ބޮޑު އުފަލެއް ލިބޭ ކަމެއް ކަމަށާއި ގޯރަވްގެ އެފަދަ އާދަތަކުގެ ސަބަބުން އޭނާއަށް ބެލުންތެރިންގެ ފަރާތުން ލިބޭނެ ލޯތްބާއި އިހުތިރާމު އެތައް ގުނައެއް އިތުރުވާނެ ކަމަށް ސަލްމާން ޚާން ވަނީ ބުނެފައެވެ.
ހަމައެއާއެކު ގޯރަވްގެ އާއިލާ އަދި އަންހެނުން ގޯރަވްއާ މެދު ފަޚުރުވެރިވާނެ ކަމަށް ސަލްމާން ވަނީ ބުނެފައެވެ. ޝޯގައި ގޯރަވްގެ ފަރާތުން ފެނުނު ސިފަތަކާ އެކު އެ ޝޯ ކާމިޔާބު ކުރުމަށް ކޮންމެހެން މާ ހަލަބޮލިވެ އެ ގޭތެރޭގައި އަޑުގަދަކޮށް އުޅުމަކީ ކޮންމެހެން ބޭނުންކަމެއް ނޫންކަން ގޯރަވް ސާބިތުކޮށްދީފި ކަމަށް ވެސް ސަލްމާން ވަނީ ބުނެފައެވެ.
ގޯރަވަކީ ސްޓާ ޕްލަސްއިން ގެނެސްދެމުން އަންނަ މަގުބޫލު ޑްރާމާ ސީރީސް "އަނޫޕަމާ"ގެ ވެސް ވަރަށް މުހިއްމު ރޯލެއް ކުޅެ ބެލުންތެރިންގެ ތަރުހީބު ހޯދި އެކްޓަރެކެވެ.