މުޑުދާރުކޮށް ކާބޯތަކެތި ތައްޔާރުކުރަމުންދިޔަ ތަނަކުން 18 ބިދޭސީން އަތުލައިގެންފި

މުޑުދާރުކޮށް ކާބޯތަކެތި ތައްޔާރުކުރަމުންދިޔަ ތަނަކުން 18 ބިދޭސީން އަތުލައިގެންފި -- ފޮޓޯ/ އިމިގްރޭޝަން

އާންމު ސާފުތާހިރުކަމަށް ބެލުމެއް ނެތި ފުޅާ ދާއިރާއެއްގައި ކާބޯތަކެތި ތައްޔާރުކޮށް، ޑެލިވާ ކުރަމުންދިޔަ ތަނަކާއި، ބިދޭސީން ދިރިއުޅެމުންދާ ހަތަރު އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކުރުމަށްފަހު 18 ބިދޭސީއަކު އަތިލައިގެންފިއެވެ.

އިމިގްރޭޝަނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ޓާސްކްފޯސްއިން މިރޭ ހިންގި ރެއިޑް އޮޕަރޭޝަނުގައި މާލޭގެ ދިލްކުޝާގޯޅީގައި، އާންމު ސާފުތާހިރުކަމަށް ބެލުމެއް ނެތި ފުޅާ ދާއިރާއެއްގައި ކާބޯތަކެތި ތައްޔާރުކޮށް، ޑެލިވާ ކުރަމުންދިޔަ ތަނަކާއި ބިދޭސީން ދިރިއުޅެމުންދާ ހަތަރު އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އަދި އެ ތަނުން ގަވާއިދާ ޚިލާފަށް، ދޫކޮށްފައިވާ ހުއްދައިގެ ބޭރުން ރާއްޖޭގައި އުޅެމުންދިއަ 18 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ގެންދަނީ މިފަދަ އޮޕަރޭޝަންތައް މާލޭ ސަރަހައްދުގައި ހިންގަމުންނެވެ.

އިކޮނޮމިކް މިނިސްޓްރީން މިދިޔަ މަހު 27ގައި ގެޒެޓްކުރި އިއުލާނެއްގައި ވަނީ، ރާއްޖޭގައި ގަވާޢިދާ ޚިލާފަށް ފުޅާ ދާއިރާއެއްގައި، ބިދޭސީން ވިޔަފާރި ކުރަމުންގެންދާ ކަމުގެ ޝަކުވާ، އަބަދުވެސް ސަރުކާރުގެ އިދާރާތަކަށް ލިބެމުން އަންނަ ކަމަށެވެ. އެހެންވެ، އެފަދަ ވިޔަފާރިތައް ރިޕޯޓު ކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

މިނިސްޓްރީން ބުނީ، ގަވައިދާ ޚިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވަން ގައުމީ ފެންވަރުގައި މަސައްކަތް ކުރަމުން އަންނަނީ އެކަމަށް ޚާއްސަކޮށް އެކުލަވާލި ނެޝަނަލް ޓާސްކްފޯހުން ކަމަށެވެ. އެ ޓާސްކްފޯހުން ބިދޭސީން ހިންގާ ވިޔަފާރިތައް އަންނަނީ އިންސްޕެކްޓު ކުރަމުންނެވެ.

މުޑުދާރުކޮށް ކާބޯތަކެތި ތައްޔާރުކުރަމުންދިޔަ ތަނަކުން 18 ބިދޭސީން އަތުލައިގެންފި -- ފޮޓޯ/ އިމިގްރޭޝަން

އެ އިންސްޕެކްޝަންގެ މަގުސަދަކީ، ދިވެހީން "ނިވާފަތްގަނޑަކަށް" ހަދައިގެން ހިންގާ ވިޔަފާރިތައް ހުއްޓުވުމާއި ފޮރިން އިންވެސްޓުމަންޓް ގާނޫނުގެ ދަށުން ބިދޭސީންނަށް ހުއްދަ ނޫން ދާއިރާތަކުގައި އުޅޭ ބިދޭސީންނާއި ގާނޫނާ ގަވައިދާ ޚިލާފުވާ މީހުންނަށް ފިޔަވަޅު އެޅުން ކަން މިނިސްޓްރީން ފާހަގަކުރިއެވެ.

އޭގެއިތުރަށް، ދިވެހީން ނިވާފަތްގަނޑަކަށް ހަދައިގެން އުޅޭ ބިދޭސީން ހިންގާ ވިޔަފާރިތައް ދެނެގަތުމަށް ތަހުގީގީ އިދާރާތަކުން މަސައްކަތް ކުރަމުން އަންނަކަމަށް އެ މިނިސްޓްރީން ބުނެއެވެ.

https://sun.mv/214891

ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅެމުން އަންނަ ބިދޭސީންނަށް ފުލުހުން އެއްވެސް ޖާގައެއް ނުދޭނެ ކަމަށާއި، ގަވައިދާ ޚިލާފަށް އެތެރެވެ މަސައްކަތްކުރާ ބިދޭސީންނަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް، ފުލުސް ކޮމިޝަނަރު އިސްމާއީލް ނަވީން ވެސް ވިދާޅުވެފައިވެއެވެ.

މި ސަރުކާރުގެ އަމާޒަކީ ދައުރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމެވެ.

comment ކޮމެންޓް