ހަފުތާއެއް ތެރޭގައި ގަވައިދާ ޚިލާފަށް ބިދޭސީން ކުރާ ވިޔަފާރީގެ 125 ރިޕޯޓެއް؛ 11 ތަނެއް ބަންދުކޮށްފި

މީގެ ކުރިން އިމިގްރޭޝަނުން ގަވައިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދަން ހިންގި ރެއިޑެއްގައި ބިދޭސީއެއްގެ މައުލޫމާތު ނަގަނީ: ހަފުތާއެއް ތެރޭގައި ގަވައިދާ ޚިލާފަށް ބިދޭސީން ކުރާ ވިޔަފާރީގެ 125 ރިޕޯޓެއް ---- ފޮޓޯ/ އިމިގްރޭޝަން

ގަވައިދާ ޚިލާފަށް ވިޔަފާރި ކުރާ ބިދޭސީން ރިޕޯޓު ކުރުމަށް ހުޅުވާލުމުން އިއްޔެއަށް ހަފުތާއެއް ވީއިރު، މިހާތަނަށް 125 ރިޕޯޓެއް ލިބި، އިންސްޕެކްޝަނަށް ފަހުގައި އެގާރަ ތަނެއް ބަންދުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިދިޔަ މަހު 27ގައި ގެޒެޓްކުރި އިއުލާނެއްގައި ވަނީ، ރާއްޖޭގައި ގަވާޢިދާ ޚިލާފަށް ފުޅާ ދާއިރާއެއްގައި، ބިދޭސީން ވިޔަފާރި ކުރަމުންގެންދާ ކަމުގެ ޝަކުވާ، އަބަދުވެސް ސަރުކާރުގެ އިދާރާތަކަށް ލިބެމުން އަންނަ ކަމަށެވެ. އެހެންވެ، އެފަދަ ވިޔަފާރިތައް ރިޕޯޓު ކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

އިމިގްރޭޝަން ރެއިޑެއްގެ ތެރެއިން: ހަފުތާއެއް ތެރޭގައި ގަވައިދާ ޚިލާފަށް ބިދޭސީން ކުރާ ވިޔަފާރީގެ 125 ރިޕޯޓެއް -- ފޮޓޯ/ އިމިގްރޭޝަން

އެ އިއުލާނަށް އިއްޔެއަށް ހަފުތާއެއް ވެފައިވާއިރު، އެ މިނިސްޓްރީން މިއަދު ވަނީ، އެކަމާ ގުޅޭ އިތުރު މައުލޫމާތުތައް ހާމަކޮށްފައެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ، އެ އިއުލާނާ ގުޅިގެން މިހާތަނަށް 125 ރިޕޯޓެއް ލިބިފައިވާ ކަމަށެވެ. އެގޮތުން، ޖުމުލަ 35 ތަނެއް އިންސްޕެކްޓު ކޮށް، 11 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އިންސްޕެކްޓު ކުރި ތަންތަނުގެ ތެރޭގައި ހިމެނެނީ، ވިހި ކެފޭއާއި ބާރަ ރީޓެއިލް އައުޓްލެޓާއި ދެ ގަރާޖާއި ގެސްޓްހައުސެކެވެ.

މިނިސްޓްރީން ބުނީ، ގަވައިދާ ޚިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވަން ގައުމީ ފެންވަރުގައި މަސައްކަތް ކުރަމުން އަންނަނީ އެކަމަށް ޚާއްސަކޮށް އެކުލަވާލި ނެޝަނަލް ޓާސްކްފޯހުން ކަމަށެވެ. އެ ޓާސްކްފޯހުން ބިދޭސީން ހިންގާ ވިޔަފާރިތައް އަންނަނީ އިންސްޕެކްޓު ކުރަމުންނެވެ.

އެ އިންސްޕެކްޝަންގެ މަގުސަދަކީ، ދިވެހީން "ނިވާފަތްގަނޑަކަށް" ހަދައިގެން ހިންގާ ވިޔަފާރިތައް ހުއްޓުވުމާއި ފޮރިން އިންވެސްޓުމަންޓް ގާނޫނުގެ ދަށުން ބިދޭސީންނަށް ހުއްދަ ނޫން ދާއިރާތަކުގައި އުޅޭ ބިދޭސީންނާއި ގާނޫނާ ގަވައިދާ ޚިލާފުވާ މީހުންނަށް ފިޔަވަޅު އެޅުން ކަން މިނިސްޓްރީން ފާހަގަކުރިއެވެ.

އޭގެއިތުރަށް، ދިވެހީން ނިވާފަތްގަނޑަކަށް ހަދައިގެން އުޅޭ ބިދޭސީން ހިންގާ ވިޔަފާރިތައް ދެނެގަތުމަށް ތަހުގީގީ އިދާރާތަކުން މަސައްކަތް ކުރަމުން އަންނަކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ގަވައިދާ ޚިލާފަށް ރާއްޖޭގައި ބިދޭސީން އުޅުން ވަރަށް އާންމެވެ. އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ، މަސައްކަތްތައް ކުރަމުންނެވެ.

ހުރާއީން ބިދޭސީން، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔުން: ހަފުތާއެއް ތެރޭގައި ގަވައިދާ ޚިލާފަށް ބިދޭސީން ކުރާ ވިޔަފާރީގެ 125 ރިޕޯޓެއް -- ފޮޓޯ/ އިމިގްރޭޝަން

އިކޮނޮމިކް މިނިސްޓްރީން ވަނީ، ގަވައިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ކަމުގެ މައުލޫމާތެއް ލިބިއްޖެނަމަ، މިނިސްޓްރީގެ ހޮޓްލައިން 3333199 އަށް ގުޅައިގެން ނުވަތަ ވެބްސައިޓު މެދުވެރިކޮށް ރިޕޯޓުކުރުމަށް އިލްތިމާސްކޮށްފައެވެ.

އެ ގޮތަށް، މައުލޫމާތު ރިޕޯޓުކުރާއިރު، ސައްހަ ތަފްސީލީ މައުލޫމާތު ފޯރުކޮށްދިނުމަށް މިނިސްޓްރީން އިލްތިމާސްކުރެއެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ފާސްކޮށް އެ އަހަރުގެ ސެޕްޓެމްބަރު މަހު އަމަލުކުރަން ފެށި ފޮރިން އިންވެސްޓްމެންޓް ގާނޫނުގެ ދަށުން މިދިޔަ އޮކްޓޯބަރު މަހުގެ އަށްވަނަ ދުވަހު އިކޮނޮމިކް މިނިސްޓްރީން ވަނީ ބިދޭސީންނަށް ވިޔަފާރިކުރެވޭނެ ދާއިރާތަކާއި ވިޔަފާރިކުރުން މަނާ ދާއިރާތައް އާންމުކޮށްފައެވެ. އެގޮތުން 34 ދާއިރާއަކުން ވިޔަފާރިކުރުން ބިދޭސީންނަށް މަނާވާނެއެވެ.

އޭގެ ތެރޭގައި އޮންލައިން ވިޔަފާރި ހިމެނޭހެން ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރިއާއި ކެފޭ ރެސްޓޯރަންޓު ހިންގުމާއި ވަޒީފާތަކަށް މީހުން ހޯދުމުގެ ޚިދުމަތްދިނުމާއި ޓިއުޝަން ކްލާސްތަކާއި ޤުރުއާން ކްލާސްތައް ހިންގުމާއި އަތްތެރި މަސައްކަތްކުރުމާއި ފޮޓޯ އަދި ވީޑިއޯގްރަފީގެ ޚިދުމަތްތަކާއި ގާނޫނީ ވަކީލުކަމުގެ ޚިދުމަތްތައް ހިމެނެއެވެ.

comment ކޮމެންޓް