ލަންކާގެ ބައެއް ސަރަހައްދުތަކުގެ ބިންގަނޑު އަދިވެސް ކަނޑައިގެން ހިނގައިދާނެ ކަމުގެ އިންޒާރު ދީފި

ލަންކާގެ ނިޔާމްގަމްޑޯރާގައި ތޫފާން ދިއްވާއާ ގުޅިގެން ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާ ސަރަހައްދެއް: ބައެއް ސަރަހައްދުތަކުގެ ބިންގަނޑު އަދިވެސް ކަނޑައިގެން ހިނގައިދާނެ ކަމުގެ އިންޒާރު ދީފި -- ފޮޓޯ/ ރޮއިޓާސް

ސްރީ ލަންކާއަށް އެރި ތޫފާނުގެ ސަބަބުން ބައެއް ސަރަހައްދުތަކަށް ބިންގަނޑު ކަނޑައިގެން ހިނގައިދާނެ ކަމުގެ އިންޒާރު، ކަމާބެހޭ ފަރާތްތަކުން ދީފިއެވެ.

ބާރުގަދަ ތޫފާން 'ދީތްވާ' ގެ ސަބަބުން ބޮޑު ގެއްލުމެއް ލިބިފައި ވާއިރު، ތޫފާނުގެ ސަބަބުން ހިނގި އެކި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 627އަށް އުފުލިފައެވެ.

ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) އިން ވަނީ މޫސުމީ ތޫފާންތަކުގެ ސަބަބުން ކުރިއަށް ހުރި ދުވަސްތަކުގައި އެ ގައުމުގެ މެދުތެރޭ ފަރުބަދަމަތީ ސަރަހައްދުތަކާއި، ހުޅަނގު އުތުރުގެ ސަރަހައްދުތަކަށް ވާރޭވެހި، ބިންގަނޑު ކަނޑައިގެން ހިނގައިދާނެ ކަމަށް ބުނެފައެވެ.

މިދިޔަ ހަފުތާ ލަންކާއަށް އެރި ތޫފާން 'ދީތްވާ' ގެ ސަބަބުން ފެންބޮޑުވެ ހިނގި ހާދިސާތަކުގައި އެ ގައުމުގެ ދެ މިލިއަނަށްވުރެ ގިނަ މީހުންނަށް ވަނީ އަސަރުކޮށްފައެވެ.

ހެލިކޮޕްޓަރުތަކާއި ބޯޓުތައް ބޭނުންކޮށްގެން ލަންކާގެ މެދުތެރޭގައި ބިންގަނޑު ކަނޑައިގެން ގޮސްފައިވާ ސަރަހައްދުތަކަށް މިއަދު ވަނީ އެހީ ފޯރުކޮށްދީފައެވެ.

ރެފިއުޖީ ކޭމްޕުތަކުގައި ތިބި މީހުންގެ އަދަދު މިހާތަނަށް 225،000 އަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށް ޑީއެމްސީން ބުންޏެވެ.

ފެންބޮޑުވުމުގެ ސަބަބުން ލަންކާގެ ގެއެއްގެ ސާމާނަށް ގެއްލުންވެފައި -- ފޮޓޯ/ އޭއެފްޕީ

އަދި 75،000 އަށް ވުރެ ގިނަ ގެއަށް ގެއްލުން ލިބިފައިވާއިރު، 5،000 ހާއި ގާތްކުރާ އަދަދަކަށް ގެދޮރު ހަލާކުވެފައިވާ ކަމަށްވެސް އި އިދާރާއިން ހާމަކޮށްފައިވެއެވެ.

ގެދޮރު ހަލާކުވި މީހުންނަށް، ރައްކާތެރި ހިސާބުތަކުން ބިން ގަނެ ގެދޮރު ބިނާކުރުމަށް 10 މިލިއަން ރުޕީސް (33،000 ޑޮލަރު) ދޭން އެ ގައުމުގެ ސަރުކާރުން ވަނީ ނިންމާފައެވެ.

ލަންކާ އާރާސްތު ކުރުމަށް އެހީވުމަށް އިތުރު 2 މިލިއަން ޑޮލަރު ދިނުމަށް އެދިފައިވާތީ، އެކަމަށް އެކަމާމެދު ގޮތެއް ނިންމާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ވަނީ ބުނެފައެވެ.

ލަންކާއަށް ކުރިމަތިވި އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް އައިއެމްއެފް މީގެކުރިން ދޭނެ ކަމަށް ބުނި ބެއިލްއައުޓްގެ 2.9 ބިލިއަން ޑޮލަރުން މި މަހު 347 މިލިއަން ޑޮލަރު ދޭން ވަނީ ނިންމާފައެވެ.

comment ކޮމެންޓް