އިންޑިއާގެ އެންމެ ބޮޑު އެއާލައިން، އިންޑިގޯގެ މުވައްޒަފުން މަދުވުމުގެ ސަބަބުން ފްލައިޓްތައް ކެންސަލް ކުރާތާ ހަ ދުވަސްވެފައިވާއިރު މިއަދުވެސް 200އަށްވުރެ ގިނަ ފްލައިޓް ކެންސަލް ކޮށްފިއެވެ.
އިންޑިގޯގެ ދަތުރުތައް މަދުވެފައިވަނީ، ޕައިލެޓުން އަރާމުކުރުމަށް އިތުރު ވަގުތު ދޭންޖެހޭ ގޮތަށް އިންޑިއާ ސަރުކާރުން ގަވައިދަށް ގެނައި ބަދަލަށް އަމަލުކުރަން ފަށާ ވަގުތު ޖެހުނު އިރު އިންޑިގޯއަށް ތައްޔާރު ނުވެވި, ޕައިލެޓުންގެ ދަތިކަން ބޮޑުވުމުންނެވެ.
އެ މައްސަލައާ ގުޅިގެން، އަންގާރަ ދުވަހުން ފެށިގެން އިންޑިގޯއިން ވަނީ 2،000 އަށް ވުރެ ގިނަ ފްލައިޓް ކެންސަލްކޮށްފައެވެ.
އިއްޔެ އެ އެއާލައިނުން ވަނީ 95 ޕަސެންޓް ކަނެކްޓިވިޓީ އަލުން ގާއިމްކޮށްފައިވާ ކަމަށާއި، މިއަދު 15،00 އަށް ވުރެ ގިނަ ފްލައިޓް އޮޕަރޭޓް ކުރުމަށް އަމާޒު ހިފާފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް މިއަދު ވެސް ގިނަ އަދަދެއްގެ ފްލައިޓް ކެންސަލްކުރިއިރު، އޭގެ ތެރޭގައި ޗެންނާއީ އެއާޕޯޓުން 38 ފްލައިޓާއި، ހައިދަރުއާބާދު އެއާޕޯޓުން 100 އަށްވުރެ ގިނަ ފްލައިޓް ހިމެނެއެވެ.
އެކަމުގެ ސަބަބުން ގެއްލުން ލިބުނު ފަސިންޖަރުންނަށް މިރޭ އަށެއް ޖެހުމުގެ ކުރިން ރީފަންޑު ދިނުމަށް އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓްރީން އިންޑިގޯއަށް ވަނީ އަންގާފައެވެ.
އަދި ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ފަސިންޖަރުންގެ ބެގޭޖް ހޯދައި އެ މީހުންގެ ގެތަކަށް ފޮނުވައި ދިނުމަށް ވެސް އިންޑިގޯއަށް އަންގާފައިވެއެވެ.

އިންޑިގޯއިން ދަތުރުކުރަން ހަމަޖެހިފައިވާ ފަސިންޖަރުންތަކެއް އިންދިރާ ގާނދީ އިންޓަނޭޝަނަލް އެއާޕޯޓުގައި މަޑުކޮށްލައިގެން -- ފޮޓޯ/އޭޕީ
މި މައްސަލައާ ގުޅިގެން އެއާލައިން އޭވިއޭޝަން ވޮޗްޑޯގް، ޑިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ހޮނިހިރު ދުވަހު ވަނީ އިންޑިގޯގެ ސީއީއޯ ޕީޓާ އެލްބާސްއަށް ނޯޓިސްއެއްވެސް ދީފައެވެ.
"ސީއީއޯގެ ހައިސިއްޔަތުން އެއާލައިންގެ ހަރުދަނާކޮށް ހިންގޭކަން ކަށަވަރު ކުރުމުގެ ޒިންމާ އުފުލަން ޖެހޭ ނަމަވެސް އިތުބާރު ހުރި ގޮތެއްގައި އޮޕަރޭޝަންތައް ހިންގުމުގެ އިންތިޒާމު ހަމަޖެއްސުމާއި ފަސިންޖަރުންނަށް ބޭނުންވާ ވަސީލަތްތައް ލިބޭނެ ގޮތް ހަމަޖެއްސުމުގައި ވަނީ ނާކާމިޔާބުވެފައި،" ޑީޖީސީއޭގެ ނޯޓިސްގައި ބުނެފައިވެއެވެ.
އިންޑިއާއިން އަލަށް އެކުލަވާލި ގަވައިދުގައި ވަނީ ޕައިލެޓުންނަށް ހަފުތާއަކު މަދުވެގެން 48 ގަޑިއިރު އަރާމު ކުރުމަށް ދިނުމާއި، ހަތް ދުވަހުގެ ތެރޭގައި ރޭގަނޑު ތިން ޑިއުޓީއަށް ވުރެ ގިނައިން ޑިއުޓީ ކުރާނަމަ، އަރާމުކުރާ ވަގުތު 60 ގަޑިއިރަށް އިތުރު ކުރަން އަންގައިފައެވެ.